ބޭރުދުނިޔެ

އީރާނުން ފީފާ ވޯލްޑް ކަޕްގައި ބައިވެރިވުމަށް ޓްރަމްޕް މަރުހަބާ ކިޔާނެ – އިންފަންޓީނޯ

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވައި ކުރިއަށް އޮތް ވޯލްޑް ކަޕާ ބެހޭގޮތުން ކުރެއްވި މަޝްވަރާތަކުގައި، އީރާނުން މި މުބާރާތުގައި ބައިވެރިވުމަށް ރައީސް ޓްރަމްޕް މަރުހަބާ ވިދާޅުވާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

އަންނަ ޖޫން އަދި ޖުލައި މަހު އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ މި މުބާރާތުގައި “އީރާނުގެ ޓީމު ވާދަކުރުމަށް މަރުހަބާ ކިޔާނެކަން ރައީސް ޓްރަމްޕް ތަކުރާރުކުރެއްވި” ކަމަށް އިންފަންޓީނޯ ބުދަ ދުވަހު ވިދާޅުވިއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ވެރިޔާ އިންފަންޓީނޯ އިންސްޓަގްރާމްގައި ވިދާޅުވި ގޮތުގައި، މުބާރާތުގެ ތައްޔާރީތަކާ ބެހޭގޮތުން ބޭއްވި ބައްދަލުވުމުގައި އީރާނުގެ މިހާރުގެ ހާލަތާ ބެހޭގޮތުން ވެސް ވާހަކަ ދެކެވުނެވެ.

“މަޝްވަރާތަކުގެ ތެރޭގައި، އެމެރިކާގައި ބާއްވާ މި މުބާރާތުގައި އީރާނުގެ ޓީމު ބައިވެރިވުމަށް ހަމަޔަގީނުންވެސް މަރުހަބާ ކިޔާނެ ކަމަށް ރައީސް ޓްރަމްޕް ތަކުރާރުކުރެއްވި،” އޭނާ ލިޔުއްވާފައިވެއެވެ.

އީރާނުން ގްރޫޕް ސްޓޭޖުގައި ކުޅޭ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގައެވެ.

“އިންސާނުން އެއްބައިވަންތަކުރުވުމަށް ފީފާ ވޯލްޑް ކަޕް ފަދަ ހަރަކާތެއްގެ ބޭނުން މިހާރު މާ ބޮޑަށް ޖެހިފައިވޭ. އަދި އެމެރިކާގެ ރައީސް ދެއްވާ އެއްބާރުލުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މިއީ ފުޓްބޯޅައިން މުޅި ދުނިޔެ ގުޅުވައިދޭކަން އަނެއްކާވެސް ހާމަވެގެންދާ ކަމެއް،” އިންފަންޓީނޯ ވިދާޅުވިއެވެ.

މިއީ މިދިޔަ ޑިސެމްބަރު މަހު ފީފާގެ ސުލްހައިގެ އެވޯޑް އުފައްދަވައި އެ އެވޯޑް ޓްރަމްޕަށް އެރުވި އިންފަންޓީނޯ، މެދުއިރުމަތީގެ ހަނގުރާމައާ ބެހޭގޮތުން ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި އެގައުމުގެ ރޫހާނީ ލީޑަރު އަލީ ޚާމަނޭއީ ވަނީ އަވަހާރަކޮށްލާފައެވެ. މި ހަނގުރާމައިގެ ފުރަތަމަ 12 ދުވަހުގެ ތެރޭގައި އެކަނިވެސް އީރާނުން 1,255 މީހުން މަރުވެ، 12,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

މީގެ ރައްދުގައި ތެހެރާނުން ވަނީ އިސްރާއީލަށާއި، މެދުއިރުމަތީގައި އެމެރިކާ ސިފައިން ތިބޭ އަސްކަރީ މަރުކަޒުތަކަށާއި އެ ސަރަހައްދުގެ އެކި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close