ބޭރުދުނިޔެ

އިސްރާއީލުން އަލްއަޤްޞާ މިސްކިތް ބަންދުކޮށްފައި އޮތުން އުރުދުންއިން އެކަން ކުށްވެރިކޮށްފި

އިސްރާއީލުން އަލްއަޤްޞާ މިސްކިތް ބަންދުކޮށްފައި އޮތުމުގެ ސަބަބުން، މެދުނުކެނޑި 12 ދުވަސް ވަންދެން ނަމާދުކުރާ މީހުންނަށް މިސްކިތަށް ނުވަދެވޭތީ އެކަން އުރުދުންއިން ބުދަ ދުވަހު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އުރުދުންގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އެންޑް އެކްސްޕެޓްރިއޭޓްސްއިން ނެރުނު ބަޔާނެއްގައި، އިސްރާއީލުން ހިސާރުކޮށްފައިވާ އިރުމަތީ ގުދުސްގެ ތާރީޚީ ސަރަޙައްދުގައި ހުންނަ އަލްއަޤްޞާ މިސްކިތަށް ވަނުން މަނާކުރުމަށް ނިންމި ނިންމުން ކުށްވެރިކޮށްފައިވެއެވެ. ޚާއްޞަކޮށް، ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައެއް ގާތްވެފައިވަނިކޮށް މިފަދަ ފިޔަވަޅެއް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އުރުދުންގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ސަފީރު ފުއާދު މަޖާލީ ވިދާޅުވީ، އިސްރާއީލުން ހިންގަމުންދާ ޣައިރުޤާނޫނީ ޢަމަލުތަކާއި، ނަމާދުކުރާ މީހުންނަށް ކުރިމަތިކުރަމުންދާ އުނދަގޫތަކާއި އިހާނެތިކަން އުރުދުންއިން ހަރުކަށިކޮށް ދެކޮޅުހަދާ ކަމަށެވެ. މިކަން ހާމަކޮށްފައިވަނީ އުރުދުންގެ ރަސްމީ ނިއުސް އެޖެންސީންނެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އިސްރާއީލަކީ އިރުމަތީ ގުދުސްގެ އިސްލާމީ އަދި ކްރިސްޓިއަން ދީނުގެ މުޤައްދަސް ބިނާތަކުގެ މައްޗަށް އެއްވެސް އިލާހީ ނުވަތަ ޤާނޫނީ ސިޔާދަތެއް އޮތް ބައެއް ނޫނެވެ. އެހެންކަމުން، ވަގުތުން މިސްކިތް ހުޅުވައި، އެއްވެސް ހުރަހެއް ނެތި ނަމާދުކުރާ މީހުންނަށް އެތަނަށް ވަދެވޭނެ މަގު ފަހިކޮށްދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ގުދުސްގައި ހުރި އިސްލާމީ އަދި ކްރިސްޓިއަން ދީނުގެ މުޤައްދަސް ތަންތަނުގެ ހުރުމަތް ކެނޑުން ހުއްޓާލުމަށާއި، އެ ތަންތަނުގެ މުޤައްދަސްކަމަށް އިޙްތިރާމްކުރުމަށް އިސްރާއީލަށް ބާރުއެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް އޭނާ ގޮވާލެއްވިއެވެ.

އަލްއަޤްޞާ މިސްކިތަކީ އުރުދުންގެ މިނިސްޓްރީ އޮފް އައުޤާފްގެ ބެލުމުގެ ދަށުން ހިންގާ ތަނެކެވެ. އެ މިސްކިތާއި އެތަނުގެ ވަށައިގެންވާ ސަރަޙައްދު ބަލަހައްޓައި، ހިންގުމުގެ ޤާނޫނީ ބާރު އޮތް ހަމައެކަނި ފަރާތަކީ އެއީއެވެ.

މީގެއިތުރުން، އީރާނާއެކު އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން އިސްރާއީލުން ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ. ފެބްރުއަރީ 28 އިން ފެށިގެން އެމެރިކާއާ ގުޅިގެން އިސްރާއީލުން ދަނީ އީރާނުގެ އެކި ސަރަޙައްދުތަކަށް ވައިގެ މަގުން ޙަމަލާތައް ދެމުންނެވެ. މި ހަމަނުޖެހުންތަކުގެ ކުރީކޮޅު ދިން ޙަމަލާއެއްގައި އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުުﷲ އަލީ ޚާމަނާއީ އާއި އިސް ބައެއް އޮފިޝަލުން ވަނީ އަވަހާރަވެފައެވެ. މިކަމުގެ ރައްދުގައި އީރާނުން ދަނީ އިސްރާއީލަށާއި ސަރަޙައްދުގެ އެހެން ބައެއް ޤައުމުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ޙަމަލާތައް ދެމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close