ހަތިޔާރު ހޯދުމުގެ ތުހުމަތުގައި ހަމާސްގެ މެންބަރެއް ކަމަށް ބެލެވޭ މީހަކު ސައިޕްރަސް އިން ހައްޔަރުކޮށްފި

އިޒްރޭލުގެ ނުވަތަ ޔަހޫދީ މަރުކަޒުތަކަށް ހަމަލާދިނުމަށް ބޭނުންވާ ހަތިޔާރާއި ވަޒަން ހޯދި ކަމުގެ ތުހުމަތުގައި، ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ މެންބަރެއް ކަމަށް ތުހުމަތުކުރެވޭ މީހަކު ސައިޕްރަސްގެ ކަމާބެހޭ ފަރާތްތަކުން ހައްޔަރުކޮށްފައިވާ ކަމަށް ޖަރުމަނުގެ ފެޑަރަލް ޕްރޮސެކިއުޓަރުން އަންގާރަ ދުވަހު ހާމަކުރެއްވިއެވެ.
ޖަރުމަނުގެ ސިއްރު ހިފެހެއްޓުމުގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން “ކާމިލް އެމް” ގެ ނަމުން ނަންދީފައިވާ، ލުބުނާނަށް އުފަން މި ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރީ މާރިޗު މަހުގެ 6 ވަނަ ދުވަހު ލުބުނާނުން ސައިޕްރަސްގެ ލާނަކާ އެއާޕޯޓަށް ދިޔަ ވަގުތު ކަމަށް ޕްރޮސެކިއުޓަރުން ނެރުއްވި ބަޔާނެއްގައި ބުނެފައިވެއެވެ.
ޕްރޮސެކިއުޓަރުން ވިދާޅުވާ ގޮތުގައި މި މީހާ ހޯދަމުން ދަނީ 300 ވަޒަން އުފުލި މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އެ ވަޒަންތައް ގެނައީ ކޮންތަނަކުން ކަމެއް ނުވަތަ ފޮނުވަން އުޅުނީ ކޮންތަނަކަށް ކަމެއް އެ ބަޔާނުން ސާފެއް ނުވެއެވެ.
“މި އޮޕަރޭޝަނަކީ ޖަރުމަނާއި ޔޫރަޕްގެ އެކި ސަރަހައްދުތަކުގައި ހުރި އިޒްރޭލުގެ ނުވަތަ ޔަހޫދީ މަރުކަޒުތަކަށް އަމާޒުކޮށް ހަމާސް އިން ދޭން އުޅުނު ނުރައްކާތެރި ހަމަލާތަކެއްގެ ތައްޔާރީއެއް،” ބަޔާނުގައިވެއެވެ.
މީގެ އިތުރުން، ފުލުހުން ވަނީ ބާލިންގައި ހުންނަ އެ މީހާގެ އެޕާޓްމަންޓް ވެސް ބަލައި ފާސްކޮށްފައެވެ.
ކާމިލް އެމް ޖަރުމަނާ ހަވާލުކުރުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާނެތޯ ފަނޑިޔާރަކު ނިންމަވާނެ ކަމަށް ބަޔާނުގައިވެއެވެ. 2023 ވަނަ އަހަރު ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކާ ގުޅިގެން އިޒްރޭލުން ގައްޒާއާ ދެކޮޅަށް ފެށި ހަނގުރާމައަށް ފަހު، މުޅި ދުނިޔޭގައި ޔަހޫދީންނާއި ޔަހޫދީ މަރުކަޒުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް ވަނީ އިތުރުވެފައެވެ.




