ބޭރުދުނިޔެ

ހަނގުރާމަ ހުއްޓާލާނީ ނަތަންޔާހޫގެ ލަފާގެ ދަށުން: ޓްރަމްޕް

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ ނިންމުން ނިންމާނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ މަޝްވަރާކޮށްގެން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
އާދީއްތަ ދުވަހު “ޓައިމްސް އޮފް އިސްރާއީލް” ނޫހަށް ދިން ކުރު ފޯނު އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ، ހަނގުރާމަ ހުއްޓާލުމުގައި ނަތަންޔާހޫގެ ބަސް ހޯދާނެ ކަމަށާއި، އެއީ ދެ ގައުމު ގުޅިގެން ނިންމާނެ ނިންމުމެއް ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އެންމެ އެކަށީގެންވާ ވަގުތު ޖެހުމުން ހުރިހާ ކަމަކަށް ރިއާޔަތްކޮށް ގޮތެއް ނިންމާނެ ކަމަށްވެސް އޭނާ ބުންޏެވެ.
އެމެރިކާއިން ހަމަލާތައް ހުއްޓާލުމުން އިސްރާއީލުން އެކަނި ހަމަލާދީފާނެތޯ ސުވާލުކުރުމުން ޓްރަމްޕް ބުނީ، އެފަދަ ކަމެއް ބޭނުންވާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. ވައިޓް ހައުސްއިން ކުރިން ބުނެފައިވަނީ ހަނގުރާމަ ހަތަރު ހަފްތާއާއި ހަ ހަފްތާއާ ދެމެދުގެ މުއްދަތަކަށް ދެމިގެންދާނެ ކަމަށެވެ. ނަމަވެސް ޓްރަމްޕް މިހާތަނަށް ވަކި ތާރީޚެއް ބުނަން ވަނީ އިންކާރުކޮށްފައެވެ.
މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭން ފެށި ވަރުގަދަ ހަމަލާތަކުގައި މިހާތަނަށް 1,200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއާއި، 150 އަށްވުރެ ގިނަ އަންހެން ކުދިންނާއި އަސްކަރީ އިސްވެރިން ހިމެނެއެވެ.
އީރާނުން ދަނީ ބަދަލުހިފުމުގެ ގޮތުން އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި، ޑިޕްލޮމެޓިކް އިދާރާތަކުގެ އިތުރުން އިސްރާއީލުގެ ސިޓީތަކަށް މިސައިލް ހަމަލާތައް ފޮނުވަމުންނެވެ. މި ހަމަލާތަކުގައި އެމެރިކާގެ ހަ ސިފައިން މަރުވެފައިވާއިރު، އީރާނުން ދަނީ ކްލަސްޓާ މިއުނީޝަން ހިމެނޭ މިސައިލްތައްވެސް އިސްރާއީލާ ދެކޮޅަށް ބޭނުންކުރަމުންނެވެ.
އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އީރާނުގެ އާ ރޫހާނީ ލީޑަރަކަށް އޭނާގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ މިހާރު ވަނީ އައްޔަންކޮށްފައެވެ. މިކަމާ ގުޅޭގޮތުން ޓްރަމްޕް ބުނީ، އެމެރިކާގެ ރުހުން ނެތި މުޖުތަބާއަށް ގިނަ ދުވަހު މަގާމުގައި ނުހުރެވޭނެ ކަމަށެވެ. އަދި ކޮންމެ 10 އަހަރަކުން މިފަދަ ހަނގުރާމައެއް ކުރަން އެމެރިކާ ބޭނުންނުވާ ކަމަށްވެސް ޓްރަމްޕް ބުންޏެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close