ބޭރުދުނިޔެ

އިންޑޮނޭޝިއާގެ ރައީސް އެމެރިކާއާ ބާއްވާ ގުޅުމުގެ ސަބަބުން އާންމުންގެ ނުރުހުން އަމާޒުވަމުންދަނީ

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން އާންމުންގެ ނުރުހުން އަމާޒުވެފައިވާ މިދަނޑިވަޅުގައި، އިންޑޮނޭޝިއާގެ ރައީސް އެމެރިކާއާ ބާއްވާ ގާތް ގުޅުމާ މެދު ސުވާލު އުފެދިއްޖެއެވެ.

ފާއިތުވި ހަފުތާ ބަންދުގައި އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކާއެކު، ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީ އޮންނަ އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންޓޯ ވަނީ ސުލްހަ ގާއިމުކުރުމަށް އިސްނަންގަވައި މަސައްކަތްޕުޅުތަކެއް ފަށްޓަވާފައެވެ.

މިކަމާ ގުޅިގެން އިންޑޮނޭޝިއާގެ ފޮރިން މިނިސްޓްރީން މީސްމީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި، ހުރިހާ ފަރާތްތަކުންވެސް ކެތްތެރިކަން އިސްކޮށް، މަޝްވަރާ އާއި ޑިޕްލޮމެސީގެ މަގު އިޚްތިޔާރު ކުރުމަށް އިންޑޮނޭޝިއާ އިން ގޮވާލައެވެ.

މީގެ އިތުރުން، ދެ ފަރާތުން އެއްބަސްވާ ނަމަ، މައްސަލަ ހައްލުކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރެއްވުމަށް ރައީސް ޕްރަބޯވޯ ތެހެރާނަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ނަމަވެސް، މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ރައީސް ޕްރަބޯވޯ ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެން އިންޑޮނޭޝިއާގައި ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ. މިއީ އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތަށާއި ޓްރަމްޕްގެ ސަރުކާރާއެކު ބާއްވާ ގާތް ގުޅުމަށް އާންމުންގެ ފާޑުކިޔުންތައް އިތުރުވެފައިވާ ދަނޑިވަޅެކެވެ.

އިންޑޮނޭޝިއާގެ ކުރީގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އަދި އެމެރިކާއަށް ކަނޑައަޅާފައި ހުންނެވި ކުރީގެ ސަފީރު ދީނޯ ޕަޓީ ޖަލާލް އިންސްޓަގްރާމްގައި ވިދާޅުވެފައިވަނީ، މިފަދަ ނިންމުމެއް އާންމުކުރުމުގެ ކުރިން އޭގެ ފުންމިނަށް ނުބެލީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި މިއީ އެއްވެސް ވަރަކަށް ހަގީގަތާ އެއްގޮތް ހުށަހެޅުމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ޚިޔާލަށް ތާއީދުކުރާ އެހެން ފަރާތްތަކުން ބުނާ ގޮތުގައި، މި ހުށަހެޅުމުގެ ސަބަބުން، ރައީސް ޕްރަބޯވޯ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު އޮންނަ ގާތް ގުޅުމާ މެދު ކަންބޮޑުވާ އިންޑޮނޭޝިއާގެ ރައްޔިތުންގެ މެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުވެގެންދާނެއެވެ.

އޮސްޓްރޭލިއާގެ މާޑޮކް ޔުނިވަރސިޓީގެ ސިޔާސީ ދާއިރާގެ ލެކްޗަރާ އިއާން ވިލްސަން އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އީރާނާއި އެމެރިކާއާ ދެމެދު އޮތް ހުރިހާ މަޝްވަރާއެއް މިހާރު މުޅިން ހުއްޓިފައިވާކަން ސާފުކޮށް އެނގެން އޮތް އިރު، މިފަދަ ހުށަހެޅުމެއް ހުށަހެޅުމަކީ މަސްރަހު އޮތް ގޮތް ރަނގަޅަށް ދެނެގަނެވިފައި ނެތުން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ގައުމުގެ އެތެރޭގެ މަސްރަހުގައި މިއީ ޓްރަމްޕާއި ނަތަންޔާހޫގެ ސިޔާސަތުތަކާ އެއްގޮތަށް ރައީސް ޕްރަބޯވޯ ނިންމެވި ނިންމެވުމެއްގެ ގޮތުގައި މީހުން މާނަކުރުމުގެ ފުރުސަތު ބޮޑެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close