ބޭރުދުނިޔެ

އިރާނުގެ ހަނގުރާމައިގެ ސަބަބުން އެހީގެ މަގުތައް ބަންދުވެ، އިންސާނީ އެހީއަށް ހުރަސް އެޅިއްޖެ

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ވައިގެ މަގާއި ކަނޑުގެ މަގު އަދި އެއްގަމު މަގުން އެހީ ފޯރުކޮށްދޭ މައިގަނޑު މަގުތައް ބަންދުވެ، ދުނިޔޭގެ އެންމެ ބޮޑު އިންސާނީ ކާރިސާތަކާ ކުރިމަތިލަމުންދާ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ ސާމާނު ފޯރުކޮށްދިނުން ލަސްވަމުންދާ ކަމަށް، އެހީދޭ ޖަމާއަތްތަކުގެ އޮފިޝަލުންތަކެއް ރޮއިޓާސްއަށް މައުލޫމާތު ދީފިއެވެ.

އިރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައަށް ހަތް ދުވަސް ވެފައިވާއިރު، މީގެ ސަބަބުން ދުނިޔޭގެ ބާޒާރުތަކަށް ބޮޑެތި ލޮޅުންތަކެއް އަރައި، ވައިގެ ސަރަހައްދުތައް ބަންދުވުމާއި ހޯރްމުޒް ކަނޑުއޮޅިން މުދާ އުފުލުން ހުއްޓުމަކަށް އައުމުގެ ސަބަބުން ސަޕްލައި ޗެއިންތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

މިކަމުގެ ސަބަބުން ގާޒާ އާއި ސޫދާނަށް ފޯރުކޮށްދޭ އެހީތައް ހުއްޓުމަކަށް އައިސްފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަނޑުހައިހޫނުކަމާ ކުރިމަތިލަމުންދާ މިލިއަނުން މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ ހަރަދުތައް ވަނީ އިންތިހާއަށް އުފުލިފައެވެ.

ވޯލްޑް ފުޑް ޕްރޮގްރާމްގެ ޑައިރެކްޓަރު ޖީން މާޓިން ބައުއާ ވިދާޅުވި ގޮތުގައި، އެހީއަށް ނުހަނު ބޭނުންވެފައި ތިބި މީހުންނަށް ކާބޯތަކެތި ލިބުމަށް މިހާރު އިތުރު އިންތިޒާރެއް ކުރަން ޖެހޭނެއެވެ. އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން (އައި.އޯ.އެމް) އިން ހާމަކުރި ގޮތުގައި، އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތައް ކަމަށްވާ ގާޒާ އާއި ހުޅަނގު އައްސޭރިއަށް ފޮނުވަން ހަމަޖެހިފައިވާ ފޭލިގެތަކާއި، ފޮތިގަނޑުތަކާއި އަދި ބައްތި ފަދަ ތަކެތި ވަނީ ސަޕްލައި ޗެއިންގެ ތެރޭގައި ތާށިވެފައެވެ.

އެހީދޭ ޖަމާއަތްތަކުން ބުނާ ގޮތުގައި، އެހީދޭ ފަރާތްތަކުން ފޯރުކޮށްދޭ ފައިސާ މަދުވަމުންދާ ދަނޑިވަޅެއްގައި، އޮޕަރޭޝަނަލް ހަރަދުތައް ބޮޑުވުމަކީ ބޮޑު ގޮންޖެހުމެކެވެ. އައި.އޯ.އެމް އިން ބުނި ގޮތުގައި މުދާ އުފުލާ ކުންފުނިތަކުން ކޮންމެ ކޮންޓޭނަރަކަށް އިތުރު 3،000 ޑޮލަރުގެ “އިމަޖެންސީ ސާޗާޖެއް” ނަގަން ވަނީ ފަށާފައެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް (އައި.އެފް.އާރް.ސީ) އިން ބުނި ގޮތުގައި، އިރާނުގެ ރެޑް ކްރެސެންޓަށް ބޭނުންވާ ކުއްލި ސިއްހީ ސާމާނުތައް ފޮނުވޭ ގޮތެއް ނުވެއެވެ. މީގެ އިތުރުން، ސަރަހައްދުގެ އެންމެ ބޮޑު ކޮންޓޭނަރު ޓާމިނަލް ކަމަށްވާ ޖަބަލް އަލީ ޕޯޓަށް، ހުއްޓުވި މިސައިލެއްގެ ބައިތައް ވެއްޓި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އާންމުކޮށް މުދާ ފޮނުވާ މަގުތައް ވަނީ ބަންދުވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ދުބާއީ މަރުކަޒުގެ މަސައްކަތްތައް ވެސް ވަނީ ހުއްޓިފައެވެ. މީގެ ސަބަބުން 25 ގައުމަކުން ހުށަހަޅާފައިވާ 50 ކުއްލި އެހީގެ އެދުމަކަށް އިޖާބަދިނުމާއި ޕޯލިއޯ ވެކްސިން ދިނުން ފަދަ މުހިންމު ހަރަކާތްތަކަށް ވަނީ ހުރަސް އެޅިފައެވެ.

މީގެ އިތުރުން، ބަނޑުހައިހޫނުކަމުގެ ބޮޑު ކާރިސާއަކާ ކުރިމަތިލަމުންދާ ސޫދާނަށް ވެސް މިކަމުގެ ނޭދެވޭ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. ސުއޭޒް ކެނަލް އާއި ބާބުލް މަންދަބު ކަނޑުއޮޅިން ދަތުރުކުރުމަށް ހުރި ހުރަސްތަކުގެ ސަބަބުން، ބައެއް މުދާ މިހާރު ފޮނުވަން ޖެހެނީ އެފްރިކާ ވަށާލާފައެވެ. މީގެ ސަބަބުން ދަތުރުގެ ވަގުތު ތިން ހަފުތާއަށް ވުރެ އިތުރުވެގެންދެއެވެ.

ޔުނިސެފްގެ ސަޕްލައި ޑިވިޜަންގެ އިސް އޮފިޝަލް އެމާ މަސްޕެރޯ ވިދާޅުވި ގޮތުގައި، ވައިގެ ސަރަހައްދުތައް ބަންދުކޮށްފައި އޮތް ނަމަވެސް، ވެކްސިން ފަދަ އަވަހަށް ހަލާކުވާ ޒާތުގެ މުދާ އުފުލާ ފްލައިޓްތަކަށް އިސްކަން ދޭނެ ކަމަށް އުންމީދު ކުރައްވައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close