ޚަބަރު

ފާއިތުވި ދޮޅު މަސް ތެރޭގައި 83 ކިލޯގެ މަސްތުވާތަކެއްޗާއި 2 މިލިއަން ސިނގިރޭޓް އަތުލައިގެންފި

މިދިޔަ ދޮޅު މަސް ދުވަހުގެ ތެރޭގައި 83 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި، ގަވާއިދާ ހިލާފަށް އެތެރެކުރި ދެ މިލިއަން ސިނގިރޭޓް އަތުލައިގެންފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރަމުންދާ އެއް މަސައްކަތަކީ ރާއްޖޭގައި މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުން ކަމަށެވެ.

ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި އަތުލައިގަތް 83،450 ގްރާމްގެ މަސްތުވާތަކެތީގެ މަގުމަތީ އަގު 72.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ ތެރެއިން 72 ކިލޯއަކީ ކަސްޓަމްސް އިން ކަނޑާއި ވައިގެ މަގުން އަތުލައިގަތް ތަކެތި ކަމަށާއި، މި ކާމިޔާބީ ހޯދުނީ ބޯޑާ ސެކިއުރިޓީ ބެލެހެއްޓުމުގައި ގެންގުޅޭ އާ ހުނަރުތަކާއި އިންޓެލިޖެންސް މައުލޫމާތުގެ އެހީގައި ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ އިތުރުން، ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅުނު 7،000 ވޭޕް ސްޓިކާއި ދެ މިލިއަނެއްހާ ސިނގިރޭޓް ވެސް މި މުއްދަތުގެ ތެރޭގައި ވަނީ އަތުލައިގެންފައެވެ. މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް އެތެރެކުރުން މަނާ ތަކެއްޗާއި ގަވާއިދާ ހިލާފު ތަކެތި ހުއްޓުވުމަށް ފުލުހުންނާއި ކަސްޓަމްސްގެ މުވައްޒަފުން ކުރަމުންދަނީ ވަރަށް ބުރަ އަދި މުހިއްމު މަސައްކަތްތަކެއް ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close