ސިހުރާއި ޖިންނި އަވަލުމުގެ ނިޝާންތައް

الحمد لله والصلاة والسلام على رسول الله:
ޖިންނި ނުވަތަ ޝައިތާނާ އަވަލުމުގެ ނިޝާންތައް
މިފަދަ ކަންކަން ތަޖުރިބާކޮށްފައިވާ މީހުން ބަޔާންކުރާ ގޮތުގައި، ޖިންނި ނުވަތަ ޝައިތާނާ އަވަލާފައިވާ މީހެއްގެ ކިބައިން ފެނިދާނެ ބައެއް ނިޝާންތަކަކީ:
- ކީރިތި ޤުރުއާނުގެ އަޑު ނުވަތަ ބަންގީގެ އަޑު އިވުމުން އިންތިހާއަށް ނުރުހުންތެރިކަން އުފެދުން.
- ހޭނެތުމުގެ އަލާމާތްތައް މެދުވެރިވުން ނުވަތަ ފިޓްޖެހުން (ޚާއްޞަކޮށް އެމީހެއްގެ ގާތުގައި ޤުރުއާން ކިޔަވާ ވަގުތުތަކުގައި).
- ނިދީގައި ގިނައިން ބިރުވެރި ހުވަފެން ފެނުން.
- މީހުންނާ ވަކިވެ އެކަހެރިވާން އުޅުމާއި، އާދަޔާ ހިލާފު ކަންތައްތަކެއް ކުރެވުން.
- އެމީހެއްގެ ގާތުގައި ޤުރުއާން ކިޔަވާ ވަގުތު، އޭނާގެ ހަށިގަނޑުގައިވާ ޖިންނި ވާހަކަދެއްކުން.
- ބުއްދި ގަޑުބަޑުވުން ނުވަތަ މޮޔަވުން؛ މިކަމާ ބެހޭގޮތުން ކީރިތި ޤުރުއާނުގައި ވަނީ މިފަދައިންނެވެ: “…އެއީ ޝައިތާނާ ބީހުމުގެ ސަބަބުން މޮޔަވެފައިވާ މީހަކު ތެދުވާ ފަދައިން މެނުވީ އެމީހުން (ޤިޔާމަތް ދުވަހުން) ނުތެދުވާނެތީއެވެ.” (އަލްބަޤަރާ: 275)
ސިހުރުގެ ނިޝާންތައް
ސިހުރު ޖެހިފައިވާ މީހެއްގެ ކިބައިން ފެނިދާނެ ބައެއް ކަންތައްތަކަކީ:
- އަނބިމީހާ ނުވަތަ ފިރިމީހާދެކެ ނަފްރަތުކުރުން؛ މިކަމަށް އިޝާރާތްކޮށް ކީރިތި ޤުރުއާނުގައި ވަނީ މިފަދައިންނެވެ: “…ފަހެ، ފިރިމީހާ އާއި އޭނާގެ އަނބިމީހާއާ ދެމެދު ވަކިކުރާނެ ގޮތް އެ ދެމަލާއިކަތުންގެ ކިބައިން އެމީހުން އުނގެނި އުޅެތެވެ.” (އަލްބަޤަރާ: 102)
- ގޭތެރޭގައި އުޅޭއިރު އާއި ގޭން ބޭރުގައި އުޅޭއިރު މިޒާޖު ތަފާތުވުން. މިސާލަކަށް، ގޭން ބޭރުގައި އުޅޭއިރު އާއިލާދެކެ ލޯބިވެ، އާއިލާ މަތިން ހަނދާންވުން، ނަމަވެސް ގެއަށް ވަނުމާއެކު އެ ލޯބި ކުއްލިއަކަށް އިންތިހާ ދަރަޖައިގެ ނަފްރަތަށް ބަދަލުވުން.
- ދެމަފިރިކަމުގެ ގުޅުން ހިންގުމަށް ނުކުޅެދުންތެރިވުން.
- މާބަނޑު އަންހެނުންގެ ބަނޑުގައި އޮންނަ ދަރިފުޅު ތަކުރާރުކޮށް ބައިގެންދިއުން.
- އެއްވެސް ސާފު ސަބަބަކާ ނުލައި ކުއްލިއަކަށް އުޅުމާއި މިޒާޖަށް ބަދަލު އައުން.
- ކާހިތްވުން ނުވަތަ ކެއުމަށް އޮންނަ ޝައުގުވެރިކަން މުޅިން ކެނޑުން.
- ކަމެއް ނުކުރަނީސް، އެކަމެއް ކުރެވިއްޖެ ކަމަށް ހީވުން ނުވަތަ ވަހުމުވުން.
- ވަކި މީހަކަށް ކުއްލިއަކަށް ބޯލަނބަން ފެށުން ނުވަތަ އާދަޔާ ހިލާފަށް ލޯބިވުން.
ފާހަގަކޮށްލަންޖެހޭ މުހިންމު ކަމަކީ، މަތީގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް މީހަކަށް ދިމާވުމަކީ، އެއީ ކޮންމެހެން ޖިންނި އަވަލުން ނުވަތަ ސިހުރު ޖެހުން ކަމުގައި ނުވެދާނެއެވެ. އެއީ ޖިސްމާނީ ނުވަތަ ނަފްސާނީ ބައްޔެއްގެ ސަބަބުން ދިމާވާ ކަމަކަށް ވެސް ވެދާނެއެވެ.
ސިހުރާއި ޖިންނި އަވަލުމުން ރައްކާތެރިވާނެ ގޮތް
މިފަދަ ހާލަތްތަކުން ފަރުވާ ހޯދުމަށް އަންނަނިވި ކަންތައްތައް ކުރުމަށް އިރުޝާދު ދެވިފައިވެއެވެ:
- މިއީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދަފުޅާއެކު ފަސޭހަވާނެ ކަމެއްކަން ދަނެ، އެކަލާނގެއަށް ފުރިހަމައަށް ވަކީލުކުރުން.
- ކީރިތި ޤުރުއާން ކިޔެވުމާއި ރައްކާތެރިކަން ހޯދުމަށް ވާރިދުވެފައިވާ ދުޢާތައް ކިޔުން. މިގޮތުން އެންމެ މުހިންމު އަދި އެންމެ ފައިދާހުރި ސޫރަތްތަކަކީ އަލްފަލަޤް އަދި އައްނާސް ސޫރަތެވެ. މިއީ ރަސޫލާ ﷺ އަށް ސިހުރު ޖެހުނު ހިނދު ފަރުވާގެ ގޮތުގައި ބޭނުންކުރެއްވި ސޫރަތްތަކެވެ. މީގެ އިތުރުން އިޚްލާޞް ސޫރަތާއި ފާތިޙާ ސޫރަތް ކިޔެވުން ހިމެނެއެވެ. ސިހުރަށް ފަރުވާ ކުރުމަށްޓަކައި، ބައެއް ޢިލްމުވެރިން ހަތް ކުނާރު ފަތް ބޭނުންކުރުމަށް ލަފާދެއްވާފައިވެއެވެ. އެ ފަތްތައް މުގުރާލުމަށްފަހު ފެންވެރޭވަރުގެ ފެން އެއްޗަކަށް އަޅައި، އަންނަނިވި އާޔަތްތައް އެ ފެނަށް ކިޔަވާށެވެ: އާޔަތުލް ކުރުސި (2:255)، އަލްކާފިރޫން ސޫރަތް، އިޚްލާޞް، ފަލަޤް، ނާސް ސޫރަތް، އަދި ސިހުރާ ގުޅޭ އާޔަތްތައް (އަލްބަޤަރާ 102، އަލްއައުރާފް 117-119، ޔޫނުސް 79-82، އަދި ތޯހާ 65-69). އެއަށްފަހު އެ ފެނުން ބައެއް ބޮއެ، ބާކީ ހުރި ފެނުން ފެންވަރުވާށެވެ.
- ސިހުރު ހަދާފައިވާ ތަކެތި ހޯދައި ނައްތާލުން. މިއީ ލުބައިދު އިބްނުލް އަޢުޞަމް ކިޔާ ޔަހޫދީއަކު ރަސޫލާ ﷺ އަށް ސިހުރު ހެދުމުން އަމަލުކުރެއްވި ގޮތެވެ.
- ހެނދުނު ހުސްބަނޑާ ހުރެ މަދީނާގެ އާލިޔާ ހިސާބުގެ ހަތް އަޖުވާ ކަދުރު ކެއުން؛ އެ ނުލިބިއްޖެ ނަމަ ކޮންމެ ކަދުރަކުން ވެސް ފުދޭނެއެވެ.
- ހިޖާމާ ޖެހުން (ލޭ ނެގުން).
- ގިނަގިނައިން ދުޢާކުރުން.
ﷲ ތަޢާލާ އެއީ ޝިފާ ދެއްވާ ފަރާތެވެ. އެކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ޝިފާއެއް ނުދެވޭނެއެވެ.
والله أعلم.
ރިފަރެންސް: އިސްލާމް.ކިއު.އޭ
