ބޭރުދުނިޔެ

އީރާނުން ގަލްފުގެ ޢަރަބި ޤައުމުތަކަށް ދިން މިސައިލް ހަމަލާތަކުގައި އަބޫދާބީން މީހަކު މަރުވެއްޖެ

އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތަކުގެ ބަދަލުހިފާނެ ކަމަށް ތެހެރާނުން ބުނެފައިވާ ބުނުމާ އެއްގޮތަށް، ހޮނިހިރު ދުވަހު އީރާނުން ފޮނުވާލި މިސައިލް ހަމަލާތަކެއްގެ އަމާޒަކަށް ގަލްފުގެ ބައެއް ޢަރަބި ޤައުމުތައް ވެފައިވާ ކަމަށް އެ ޤައުމުތަކުން ހާމަކޮށްފިއެވެ. މިއާއެކު، އަމާންކަމަށްޓަކައި ފަޚުރުވެރިވާ ޢަރަބި ދުނިޔޭގެ މި ސަރަޙައްދަށް މިވަނީ ހަނގުރާމައިގެ ނުރައްކާ ކުރިމަތިވެފައެވެ.

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަބޫދާބީއަށް ދިން ހަމަލާއެއްގައި އެކަކު ވަނީ މަރުވެފައެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ކުވައިތު، ޤަޠަރު، ޔޫއޭއީ އަދި އުރުދުންއިން ބުނި ގޮތުގައި އީރާނުން ފޮނުވާލި މިސައިލްތައް އެ ޤައުމުތަކުން ވަނީ ވައިގެ ތެރޭގައި ހުއްޓުވާފައެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، “އިސްތިޢުމާރުކޮށްފައިވާ ހުރިހާ ބިންތަކަކަށާއި، މި ސަރަޙައްދުގައި ހުރި އެމެރިކާގެ މުޖުރިމު އަސްކަރީ މަރުކަޒުތަކަށް އީރާނުގެ ވަރުގަދަ މިސައިލް ހަމަލާތައް ވަނީ އަމާޒުވެފައި” ކަމަށެވެ. އަދި ދުޝްމަނުން މުޅިން ބަލިކުރެވެންދެން މި އޮޕަރޭޝަން މެދުނުކެނޑި ކުރިއަށްދާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ބަޙްރައިނުން ވަނީ އެ ޤައުމުގެ ސަރަޙައްދަށް ހަމަލާދީފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި އެމެރިކާގެ ފިފްތު ފްލީޓްގެ ޚިދުމަތްދޭ މަރުކަޒަކަށް ހަމަލާ އަރާފައިވާ ކަމަށް ބުނެފައިވެއެވެ. ރޮއިޓާސްގެ މަންޒަރު ދުށް ފަރާތަކުން ނަގާފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ނުރައްކަލުގެ ރަނގަބީލު ޖަހަމުންދިޔަ ވަގުތު އެ ޖަޒީރާ ޤައުމުގެ އައްސޭރިފަށުން އަޅިކުލައިގެ ދުންގަނޑެއް މައްޗަށް އަރަމުންދިޔައެވެ.

ހޮނިހިރު ދުވަހު އަބޫދާބީ އާއި ދުބާއީގެ އެކި ހިސާބުތަކުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް ރޮއިޓާސްގެ ދެ ނޫސްވެރިން ހިމެނޭހެން ފަސް މީހަކު މަޢުލޫމާތު ދީފައިވެއެވެ. ބައެއް ރައްޔިތުންނަށް ފޯނު މެދުވެރިކޮށް ފޮނުވި އިންޒާރުގައި، މިސައިލްގެ ނުރައްކާ އޮތުމުން އެންމެ ގާތުގައި ހުރި ރައްކާތެރި ބިނާއަކަށް ވަނުމަށާއި، ކުޑަދޮރުތަކާ ދުރުގައި ތިބުމަށް ވަނީ އަންގާފައެވެ.

މަންޒަރު ދުށް މީހަކު ރޮއިޓާސްއަށް ކިޔައިދިން ގޮތުގައި، އަބޫދާބީގެ ކޯނިޝް ސަރަޙައްދުގެ ކައިރީގައި ހުރި ގެއެއްގެ ކުޑަދޮރުތައް ތަޅައިގެންދާ ވަރުގެ ބާރުގަދަ ފަސް ގޮވުމެއްގެ އަޑު އިވިފައިވެއެވެ. އަލްޛަފްރާ އަދި ބަޠީން ސަރަޙައްދުންވެސް ބާރުގަދަ އަޑުތަކެއް އިވިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ހޮނިހިރު ދުވަހުގެ މެންދުރުފަހު އަބޫދާބީގެ ޔަސް އައިލެންޑް ސަރަޙައްދުގައި ހަނގުރާމަމަތީ ބޯޓުތައް އުދުހެމުންދިޔަ މަންޒަރު ފެނިފައިވެއެވެ.

ޔޫއޭއީގެ ދައުލަތުގެ ނޫސް އޭޖެންސީ ‘ވާމް’ އިން ބުނި ގޮތުގައި އީރާނުން ފޮނުވާލި ގިނަ މިސައިލްތަކެއް އެ ޤައުމުން ވަނީ ކާމިޔާބުކަމާއެކު ހުއްޓުވާފައެވެ.

“ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އަބޫދާބީގެ މީހުން ދިރިއުޅޭ ސަރަޙައްދަކަށް ވެއްޓުނު މިސައިލްގެ ބައިތަކުގެ މައްސަލަ ބަލާފައި. މި ހާދިސާގައި ބައެއް މުދަލަށް ގެއްލުންވެ، އޭޝިއާގެ ރައްޔިތަކު ވަނީ މަރުވެފައި،” ވާމް އިން ރިޕޯޓްކޮށްފައިވެއެވެ.

ޔޫއޭއީގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ޤައުމުގެ ވައިގެ ސަރަޙައްދު ވަގުތީގޮތުން ބައެއް ހިސާބުތަކުން ބަންދުކޮށްފައެވެ.

އީރާނުން ދިން ދެވަނަ ފޭސްގެ ހަމަލާތައްވެސް ހުއްޓުވާފައިވާ ކަމަށާއި، މިސައިލްތަކުގެ ބައިތައް ވެރިރަށް އަބޫދާބީގެ އެކި ހިސާބުތަކަށް ވެއްޓުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށް ފަހުން ޚަބަރު ލިބިފައިވެއެވެ.

ޔޫއޭއީގެ މިނިސްޓްރީ އޮފް ޑިފެންސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، “އީރާނުގެ އާ މިސައިލް ހަމަލާތަކެއް ޔޫއޭއީގެ އެއަރ ޑިފެންސް ސިސްޓަމުން ކާމިޔާބުކަމާއެކު ހުއްޓުވާފައިވާ” ކަމަށެވެ.

“ހުއްޓުވި މިސައިލްތަކުގެ ބައިތައް އަބޫދާބީގެ އެކި ސަރަޙައްދުތަކަށް ވަނީ ވެއްޓިފައި. އޭގެ ތެރޭގައި ސާދިޔާތު އައިލެންޑް، ޚަލީފާ ސިޓީ، ބަނީ ޔާސް، މުޙައްމަދު ބިން ޒައިދު ސިޓީ އަދި އަލް ފަލާޙް ހިމެނޭ،” މިނިސްޓްރީން ބުނެފައިވެއެވެ. އަދި މި ސަރަޙައްދުތަކުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަން ކަށަވަރުކޮށްދީފައިވެއެވެ.

ޔޫއޭއީގެ އިޤްތިޞާދާ ބެހޭ މިނިސްޓްރީން ބުނި ގޮތުގައި ޒަރޫރީ ކާބޯތަކެތީގެ ސްޓްރެޓީޖިކް ރިޒާވް އެކަށީގެންވާ ވަރަށް އެބަހުއްޓެވެ. އަދި މުދާ ޖަމާކޮށް ކަންބޮޑުނުވުމަށް ރައްޔިތުންނަށާއި އެ ޤައުމުގައި ދިރިއުޅޭ ފަރާތްތަކަށް ‘ވާމް’ މެދުވެރިކޮށް ވަނީ އިލްތިމާސްކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close