އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާއެކުވެސް އެއްލައްކައަށްވުރެ ގިނަ މީހުން މަސްޖިދުލް އަޤްޞާގައި ހުކުރު ނަމާދުކޮށްފި

އިސްރާއީލުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވަނިކޮށް، ރަމަޟާން މަހުގެ ދެވަނަ ހުކުރުގައި 100،000 އަށްވުރެ ގިނަ މީހުން މަސްޖިދުލް އަޤްޞާގައި ނަމާދުކޮށްފިއެވެ.
އިސްރާއީލުން ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ މުޤައްދަސް ބިނާ، މަސްޖިދުލް އަޤްޞާއަށް ވަނުމަށް އިސްރާއީލުން ވަރުގަދަ ހުރަސްތަކެއް ކުރިމަތިކުރުވާފައިވީ ނަމަވެސް، މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ދެވަނަ ހުކުރު ނަމާދުގައި ގާތްގަނޑަކަށް 1 ލައްކައެއްހާ ފަލަސްޠީނު ރައްޔިތުން ބައިވެރިވެއްޖެއެވެ.
އަލްޖަޒީރާގެ ރިޕޯޓަރުން ބުނާ ގޮތުގައި، ހިފާފައިވާ ހުޅަނގު އައްސޭރީގެ ޤަލަންދިޔާ ޗެކްޕޮއިންޓުން ގުދުސްއަށް ވަނުމަށް މަސައްކަތްކުރި މީހުން ވަނީ ވަރަށް ބޮޑަށް ބަލައި ފާސްކޮށްފައެވެ. އަދި ގުދުސްގެ ވަށައިގެން އިސްރާއީލުގެ ސަލާމަތީ ބާރުތައް ވަނީ އާދަޔާ ޚިލާފަށް ގިނައިން ހަރަކާތްތެރިވެފައެވެ.
މިއަހަރުގެ ރަމަޟާން މަސް ފެށުނުއިރު، އިސްރާއީލުން ވަނީ ހުކުރު ނަމާދަށް އަޤްޞާ މިސްކިތަށް ވަދެވޭނީ ދުވާލަކު އެންމެ 10،000 މީހުންނަށް ކަމަށް ކަނޑައަޅައި، ޚާއްޞަ ހުއްދައެއް އޮންނަ މީހުންނަށް ނޫނީ ނުވަދެވޭ ގޮތަށް ހަދާފައެވެ. މިއީ އާންމު ހާލަތްތަކުގައި ނަމާދަށްދާ އެތައް ލައްކަ ބައެއްގެ ނިސްބަތުން ވަރަށް މަދު އަދަދެކެވެ.
އިސްރާއީލުގެ އައު ޤަވާޢިދުތައް ބުނާގޮތުން، އަޤްޞާއަށް ވަނުމުގެ ހުއްދަ ލިބެނީ އުމުރުން 55 އަހަރުން މަތީގެ ފިރިހެނުންނަށާއި، 50 އަހަރުން މަތީގެ އަންހެނުންނަށެވެ. އަދި އުމުރުން 12 އަހަރުން ދަށުގެ ކުޑަކުދިންނަށް ވަދެވޭނީ އާއިލާގެ މެންބަރަކާއެކުގައެވެ. މީގެ އިތުރުން، ނަމާދު ނިންމާފައި ހުޅަނގު އައްސޭރިއަށް އެނބުރިދާއިރު، ޑިޖިޓަލްކޮށް ކޮންފަރމް ކުރުމުގެ މަރުހަލާތަކެއްވެސް ފުރިހަމަކުރަން ޖެހެއެވެ.
މި ހުރަސްތަކުގެ އިތުރުން، ގުދުސްގެ 280 ރައްޔިތަކަށް އަޤްޞާ މިސްކިތަށް ވަނުން އިސްރާއީލުން ވަނީ މަނާކޮށްފައެވެ. އޭގެ ތެރޭގައި ދީނީ ޢިލްމުވެރިންނާއި، ނޫސްވެރިންގެ އިތުރުން ކުރިން ޖަލަށްލާފައި ތިބި މީހުން ހިމެނެއެވެ.
ރަމަޟާން މަހާ ދިމާކޮށް ފަލަސްޠީނު ރައްޔިތުންނަށް މިފަދަ ހުރަސްތައް ކުރިމަތިކުރުވަނީ، ފަލަސްޠީނުގެ މުޖުތަމަޢަށް ނުފޫޒު ފޯރުވުމަށާއި، އިރުމަތީ ގުދުސްގައިވާ ފަލަސްޠީނުގެ ސަގާފީ އަދި ދީނީ އައިޑެންޓިޓީ ފޮހެލުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތުގެ ބައެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. ފަލަސްޠީނު ރައްޔިތުން ޤަބޫލުކުރާ ގޮތުގައި އިރުމަތީ ގުދުސްއަކީ އެމީހުންގެ ކުރިމަގުގެ ދައުލަތުގެ ވެރިރަށެވެ.




