ޚަބަރު

ރަމަޟާން މަހަކީ އަޅުކަމުގައި ހީވާގިވާންވީ މައްސަރެއް: ހުކުރު ޚުޠުބާ

ރަމަޟާން މަހަކީ މަސައްކަތްތައް ހުއްޓާލައި، ކަންނެތްކަމާއެކު ނިދުމާއި ޗުއްޓީ ނެގުމުގެ ބަދަލުގައި އަޅުކަމުގައި ހީވާގިވާންވީ މައްސަރުކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

“ނަޞްރާއި ކާމިޔާބުގެ މައްސަރު” މި މައުޟޫޢުގެ މައްޗަށް ބިނާކޮށްފައިވާ މިއަދުގެ ހުކުރު ޚުޠުބާގައި ބުނީ މިއީ އަޅުކަމުގައި ހީވާގިވެ، ނަފްސު ތަހުޒީބުކޮށް، ހަވާނަފްސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަތުމަށް ލިބޭ ރަން ފުރުޞަތެއްކަމަށެވެ. ޚާއްޞަކޮށް ރަމަޟާން މަހުގެ ފަހު ދިހައެއްގައި އަޅުކަމުގެ ކަމަރުބަނދެ، އިތުރަށް މަސައްކަތްކުރުމަށް ޚުޠުބާގައި ވަނީ ބާރުއަޅުއްވާފައެވެ.

ރޯދައިގެ މަތިވެރި އަޅުކަމަކީ ކެތްތެރިކަމުގެ އެންމެ މަތީ ދަރަޖަ ދަސްކޮށްދޭ ތަމްރީނެއްކަން ފާހަގަކުރައްވައި ޚުޠުބާގައި ބުނީ، ކާބޯތަކެތި ކުރިމަތީގައި ހުންނައިރުވެސް ﷲ ގެ އަމުރުފުޅަށް ކިޔަމަންތެރިވުމުގެ ގޮތުން އެތަކެއްޗާ ދުރުހެލިވުމީ ޝައިޠާނީ ގޮވުންތަކުން ސަލާމަތްވުމަށް ލިބޭ ބާރެއް ކަމަށެވެ. މިއީ ހަމައެކަނި ކެއުމާއި ބުއިމުން ދުރުހެލިވުމެއް ނޫން ކަމަށާއި، މިއީ މުޅި އަހަރު ދުވަހު ޙަރާމް ކަންތައްތަކުން ދުރުހެލިވުމަށް ލިބޭ މުހިންމު ތަމްރީނެއް ކަމުގައިވެސް ހުތުބާގައި ބުންޏެވެ.

މީގެ އިތުރުން، ރޯދައިގެ ތެރޭގައި ކުރެވޭ ކުށްތަކާއި ބޭކާރު ވާހަކަތަކުގެ ކައްފާރާއެއްގެ ގޮތުންނާއި، ފަޤީރުންނާއި ޔަތީމުން ޢީދުގެ އުފަލުގައި ބައިވެރިކުރުވުމަށްޓަކައި ފިޠުރު ޒަކާތް ދެއްކުމުގެ މުހިންމުކަމުގެ މައްޗަށްވެސް ޚުޠުބާގައި އަލިއަޅުއްވާލެއްވިއެވެ. ޢީދު ނަމާދުގެ ކުރިން ޒަކާތް ނެރުމަކީ ވާޖިބެއް ކަމަށާއި، އޭގެ ފަހުން ނެރޭ ޒަކާތް ބެލެވޭނީ އާދައިގެ ޞަދަޤާތެއްގެ ގޮތުގައި ކަމަށްވެސް ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close