ދިވެހި ފުލުހުންގެ ޚިދުމަތުގައި 32 އަހަރަށްވުރެ ގިނަ ދުވަހު އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހު، މި މަހުގެ 18 ވަނަ ދުވަހު ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އިސްމާޢީލް ނަވީންގެ ޚިދުމަތުގެ އަގު ވަޒަންކުރުމަށް ޚާއްޞަ ޖަލްސާއެއް ބާއްވައިފިއެވެ.
ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ޝަރަފުވެރިކޮށްދެއްވި މި ޖަލްސާގައި، ނަވީންގެ ކާމިޔާބު ފުލުސް ކެރިއަރުގެ އަގު ވަޒަންކޮށް މުއައްސަސާގެ ފަރާތުން ވަނީ މަރުޙަބާ ދަންނަވާފައެވެ.
މި ރަސްމިއްޔާތުގައި ނަވީންއަށް ވަނީ ޝަރަފުގެ ހަނދާނީ ފިލަޔާއި ރިޓަޔާމަންޓް ކާޑު އަރުވާފައެވެ. ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގަންނަވާ ކޮމިޝަނަރުންނަށް އަރުވާ މި ފިލާގައި، އޭނާ ހޯއްދަވާފައިވާ މެޑަލްތަކާއި، ކުލަތަކުގެ އިތުރުން ޔުނިފޯމުގައި ހިމެނޭ މުހިންމު ނިޝާންތައް ހިމެނެއެވެ. މީގެ އިތުރުން އެރުވި ރިޓަޔާމަންޓް ކާޑަކީ ފުލުހުންގެ އިދާރާއަށް ވަދެވަޑައިގަތުމަށް ބޭނުންކުރެއްވޭނެ ރަސްމީ އައިޑެންޓިފިކޭޝަން ކާޑެކެވެ.
އިސްމާޢީލް ނަވީން ކޮމިޝަނަރުގެ މަޤާމަށް އައްޔަނުކުރެވުނީ 10 ޖޫން 2025 ގައެވެ. އޭގެ ކުރިން، އެޕްރީލް 25 ގައި ކުރީގެ ކޮމިޝަނަރު ޢަލީ ޝުޖާޢު އިސްތިޢުފާ ދެއްވުމާ ގުޅިގެން މުއައްސަސާ ވަގުތީގޮތުން ހިންގެވުމާ ވެސް ހަވާލުވެވަޑައިގެން ހުންނެވީ ނަވީންއެވެ. އޭނާ ފުލުހުންގެ ޚިދުމަތުން ވަކިވެވަޑައިގެންފައިވަނީ ދިގު މުއްދަތެއްގައި ދައުލަތަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހުގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...