ޚަބަރުކުޅިވަރު

މާޒިޔާ ބަލިކޮށް އޮޑި ސްޕޯޓްސް ކްލަބުން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފި

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި، ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޕެނަލްޓީ ޖަހައިގެން 5-4 އިން ބަލިކޮށް، އޮޑި ސްޕޯޓްސް ކްލަބުން މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައިފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި ފޯރިގަދަ މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ. މެޗުގެ ކުރީކޮޅު މާޒިޔާގެ ނާއިޒް ހަސަން (ދާދު) ލަނޑެއް ޖަހާފައިވަނިކޮށް، އޮޑި އަށް ނަތީޖާ އެއްވަރުކޮށްދިނީ ކީނޫ މާޝް ބްރައުން އެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި އޮޑި މޮޅުވީ އެޓީމުގެ ކީޕަރު މުހައްމަދު ޝަފީއު ދެއްކި މޮޅު ކުޅުމާއެކުގައެވެ. އޭނާ ވަނީ މާޒިޔާގެ ތިން ޕެނަލްޓީއެއް ހުޝިޔާރުކަމާއެކު ދިފާއުކޮށް، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. މީގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ އޮޑީގެ އުމުރުން 18 އަހަރުގެ އަހްޒަމް ރަޝީދު (އަހު) އެވެ.

މިއީ މި ސީޒަނުގައި އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި އޮޑި ސްޕޯޓްސް ކްލަބުން ހޯދި ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ. މީގެ ކުރިން މި ސީޒަނުގެ ލީގު ކަޕް ފައިނަލާއި ދިވެހި ޕްރިމިއާ ލީގުގައި ވެސް މާޒިޔާ އަތުން އެޓީމު ބަލިވި ނަމަވެސް، މި ފަހަރުގެ ފައިނަލްގައި އެޓީމުން ވަނީ ބަދަލު ހިފައި ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ.

މުބާރާތުގެ ތަށި އޮޑީއަށް ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހްމާނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close