ދަރިވަރުންނަށް އިހުތިޖާޖު ކުރުމުގެ ޙައްޤު އޮތް ނަމަވެސް “ރަތް” ރޮނގަށް އިޙްތިރާމު ކުރަންވާނެ – އީރާން

އީރާނުގެ ދަރިވަރުންނަށް އިހުތިޖާޖު ކުރުމުގެ ހައްގު އޮތް ނަމަވެސް “ރަތް ރޮނގަށް” އިހުތިރާމް ކުރަންޖެހޭނެ ކަމަށް އެގައުމުން ބުނެފިއެވެ.
އީރާނުގެ ޔުނިވަރސިޓީ ދަރިވަރުންނަށް ހިޔާލުފާޅުކޮށް އިހުތިޖާޖު ކުރުމުގެ ހައްގު ލިބިގެންވާ ކަމަށާއި، ނަމަވެސް ކޮންމެ މީހަކުވެސް ހުރަސްކޮށްގެން ނުވާނެ އިންތަކެއް ހުންނާނެކަން ދަންނަންޖެހޭނެ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މިއީ މިދިޔަ ހަފުތާ ބަންދުން ފެށިގެން ޔުނިވަރސިޓީތަކުގައި އަލުން ފެށިފައިވާ މުޒާހަރާތަކާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު ނެރުއްވި ފުރަތަމަ ރަސްމީ ބަޔާނެވެ.
ސަރުކާރުގެ ތަރުޖަމާނު ފާތިމާ މުހަޖަރާނީ ވިދާޅުވި ގޮތުގައި، މުގައްދަސް ކަންތައްތަކާއި ގައުމީ ދިދައަކީ އެއްވެސް ހާލެއްގައި ހުރުމަތް ކަނޑައިލައިގެން ނުވާނެ، ހިމާޔަތްކުރަންޖެހޭ ކަންތައްތަކާއި ތަކެއްޗެވެ. . އަދި އިންތިހާއަށް ރުޅިގަދަވާ ވަގުތުތަކުގައި ވެސް އެ އިންތަކުން ބޭރުވެ، މަގުން ކަސިޔާރުވެގެން ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އީރާނުގެ ދަރިވަރުންގެ ހިތްތަކުގައި ވޭންދެނިވި އިހުސާސްތަކެއް ހުރިކަމާއި، އެކުދިންނަށް ފެނިފައިވާ ބައެއް މަންޒަރުތަކުގެ ސަބަބުން ހިތްހަމަނުޖެހުމާއި ރުޅިވެރިކަން އުފެދިފައިވާކަން ގަބޫލުކުރައްވާ ކަމަށާއި، އެއީ އިންސާނީ ތަބީއަތުން ބަލާއިރު ދެނެގަނެވޭނެ އިހުސާސްތަކެއް ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.
އެގައުމުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، އައު ސެމެސްޓަރ ފެށުމާއެކު މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި ސަރުކާރާ ދެކޮޅު ފަރާތްތަކުން ދަނީ ޔުނިވަރސިޓީތަކުގައި އަޑުއުފުލަމުންނެވެ. މި ހަރަކާތްތަކުގެ ސަބަބުން، މިދިޔަ ޖެނުއަރީ މަހު މުޅި ގައުމަށް ފެތުރި، ގިނަ އަދަދެއްގެ ބަޔަކު މަރުވުމަށް މެދުވެރިވި މުޒާހަރާތަކުގެ ހަނދާންތައް ވަނީ އައުވެފައެވެ.
މި އިހުތިޖާޖުތައް އެންމެ ފުރަތަމަ ފެށުނީ މިދިޔަ ޑިސެމްބަރު މަހު، އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ދަތިތަކާ ގުޅިގެންނެވެ. ނަމަވެސް ޖެނުއަރީ މަހުގެ ކުރީކޮޅު މިއީ މުޅި ގައުމަށް ފެތުރިގެންދިޔަ ބޮޑު ހަރަކާތަކަށް ބަދަލުވިއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އެޗް.އާރް.އޭ.އެން.އޭ (HRANA) އިން ބުނާ ގޮތުގައި މި ހަމަނުޖެހުންތަކުގައި 7،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ނަމަވެސް އީރާނުގެ ރަސްމީ ފަރާތްތަކުން ބުނަނީ މަރުވި މީހުންގެ އަދަދަކީ 3،000 ކަމަށާއި، މި ހަމަނުޖެހުންތަކަކީ އެމެރިކާ އާއި އިސްރާއީލުގެ އެހީތެރިކަމާއެކު ހިންގާފައިވާ “ޓެރަރިސްޓް އަމަލުތަކެއް” ކަމަށެވެ.
ތަރުޖަމާނު މުހަޖަރާނީ އިތުރަށް ވިދާޅުވީ، މި މުޒާހަރާތައް ހިނގަން މެދުވެރިވި ސަބަބުތަކާއި ކަންހިނގާފައިވާ ގޮތް ބެލުމަށް ހާއްސަ ކޮމިޝަނަކުން ދިރާސާކުރަމުންދާ ކަމަށާއި، އެކަމާ ގުޅޭ ރިޕޯޓުތައް އާންމުކުރާނެ ކަމަށެވެ.



