ޚަބަރު

ގަވާއިދަށް އުޅަނދު ދުއްވާ ފަރާތްތަކުގެ އަގުވަޒަންކޮށް ފުލުހުން ހަދިޔާ ބަހަން ފަށައިފި

މާލެ ސަރަހައްދުގެ މަގުތަކަކީ އަމާން ތަނަކަށް ހެދުމަށް ފުލުހުން ކުރިއަށްގެންދާ “ފަހިރާސްތާ” ޕްރޮގްރާމްގެ ދަށުން، ދުއްވުމުގެ ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރާ ޑްރައިވަރުންގެ އަގުވަޒަންކޮށް ފުލުހުން ހަދިޔާ ދޭން ފަށައިފިއެވެ.

ފުލުހުންގެ ޓްރެފިކް އެންޑް ރޯޑް މެނޭޖްމަންޓް ޑިޕާޓްމަންޓުން މައުލޫމާތު ދިން ގޮތުގައި، ރޯދަމަހަށް ހާއްސަކޮށްގެން ހިންގާ މި ހަރަކާތުގައި އިއްޔެ އެކަނިވެސް މާލޭގެ އެކި ސަރަހައްދުތަކުން 62 އުޅަނދެއް ވަނީ ހުއްޓުވައި ޗެކްކޮށްފައެވެ. މީގެ ތެރެއިން ހުރިހާ ގަވާއިދުތަކެއް ފުރިހަމަވެފައިވާ އުޅަނދުތަކުގެ ވެރިންނަށް “ރައްކާ ޕާޓްނަރުން” މެދުވެރިކޮށް ހާއްސަ ހަދިޔާތަކެއް ވަނީ ހަވާލުކޮށްފައެވެ. ނަމަވެސް އިއްޔެ ޗެކްކުރި އުޅަނދުތަކުގެ ތެރެއިން ހަދިޔާ ލިބުނީ ކިތައް މީހުންނަށް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި ޕްރޮގްރާމަކީ ރޯދަމަހުގެ ތެރޭގައި މަގުމަތީގެ ބާރުބޮޑުވާ ވަގުތުތަކުގައި އެކްސިޑެންޓްތައް މަދުކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގްސަދުގައި ކޮންމެ އަހަރަކުވެސް ފުލުހުން ކުރިއަށްގެންދާ ހަރަކާތެކެވެ.

މަގުމަތީގެ އަމާންކަން ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ އިތުރު މަސައްކަތްތަކަށް ބަލާއިރު، މަގުމަތީގައި ގިނަ ދުވަސްވަންދެން ބޭނުންނުކޮށް ބަހައްޓާފައި ހުރި އުޅަނދުތައް ނެގުމުގެ އޮޕަރޭޝަނެއްވެސް މިހާރު ވަނީ ފަށާފައެވެ. އެގޮތުން، އުޅަނދުތައް އަމިއްލައަށް ނެގުމަށް ދިން މުއްދަތު މިދިޔަ އާދީއްތަ ދުވަހަށް ހަމަވުމާއެކު، ފުލުހުން މިހާރު ދަނީ އެފަދަ އުޅަނދުތައް މަގުމަތިން ނަގައި ސާފުކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close