ދިއްދޫ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު 50 ދުވަހުގެ ތެރޭގައި ނިންމާލައިފި

ހއ. ދިއްދޫގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު އެންމެ 50 ދުވަހުގެ ތެރޭގައި ނިންމާލައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ އިއުލާނު ކުރައްވައިފިއެވެ.
މިދިޔަ މަހުގެ 4 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއު އިއްޔެ ނިމިފައިވާކަން ރައީސް ހާމަކުރެއްވީ “އެކްސް” މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
މި މަޝްރޫއުގެ ދަށުން އެ ރަށުގައި އެއާޕޯޓެއް ތަރައްގީ ކުރުމަށާއި، ބޯހިޔާވަހިކަމުގެ އިތުރުން އެހެނިހެން ހިދުމަތްތައް ގާއިމްކުރުމަށްޓަކައި ޖުމްލަ 112 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މި ސަރަހައްދު ހިއްކުމަށްޓަކައި 549,240 ކިޔުބިކް މީޓަރުގެ ވެލި ބޭނުންކޮށްފައިވާ ކަމަށް ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އެމްއޭސީއެލްއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަސައްކަތުގައި ބޭނުންކޮށްފައިވަނީ ދުނިޔޭގެ އެންމެ ބާރުގަދަ އަދި އެންމެ ހައި-ޓެކް އެއް ޑްރެޖަރު ކަމަށްވާ ‘ލެއިވް އެރިކްޝަން’ އެވެ. މި މަޝްރޫއު ކުރިއަށް ގެންދިޔަ އަގު އެމްއޭސީއެލް އިން ހާމަކޮށްފައި ނުވާއިރު، މިއީ ދިއްދޫގެ ކުރިމަގާއި ތަރައްގީއަށްޓަކައި އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއްކަމަށް އެ ރަށުގެ ރައްޔިތުން ބުނެއެވެ.
