ޕްރިމިއާ ލީގު: އާސެނަލުން ތާވަލުގެ ކުރީގައި ލީޑު ފުޅާކޮށްފި، ލިވަޕޫލަށް ފަހު ވަގުތުގެ މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކަށް ބަލާއިރު، އެއްވަނައިގައި އޮތް އާސެނަލުން 4-1 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް، ތާވަލުގެ ކުރީގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
އާސެނަލްގެ އެބްރެޗީ އެޒޭ އާއި ވިކްޓަ ޔޯކެރޭޝް ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު، ޓޮޓެންހަމްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ރަންޑަލް ކޯލޯ މުއާނީއެވެ. މި މޮޅާއެކު އާސެނަލަށް 28 މެޗުން 61 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 27 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ.
ލިވަޕޫލުން ރޭ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބުކުރީ އިތުރު ވަގުތުގެ ފަހު މިނިޓުގައި އަލެކްސިސް މެކް އަލިސްޓާ ޖެހި ގޯލުންނެވެ. މި މެޗުގައި މެކް އަލިސްޓާ ކުރިން ޖެހި ގޯލެއް ވީއޭއާރް އިން ބަލައިނުގަތް ނަމަވެސް، ފަހު ވަގުތު އޭނާ ކާމިޔާބުކުރި ގޯލާއެކު ލިވަޕޫލަށް ތިން ޕޮއިންޓް ކަށަވަރުވިއެވެ. މިއީ ފޮރެސްޓްގެ އާ ކޯޗު ވިޓޯ ޕެރެއިރާގެ އިރުޝާދުގެ ދަށުން އެ ޓީމުން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ.
މި ނަތީޖާއާއެކު ލިވަޕޫލް މިހާރު އޮތީ 45 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ. ހަތަރުވަނައިގައި އޮތް ޗެލްސީ އާއި ފަސްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވެސް ލިބިފައިވަނީ 45 ޕޮއިންޓެވެ. އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދުމަށް ގަދަ ފަހެއްގެ ތެރޭގައި ހިމެނުމަށް މަސައްކަތްކުރާ ލިވަޕޫލަށް މިއީ ވަރަށް މުހިންމު މޮޅެކެވެ. ތާވަލުގެ ތިންވަނައިގައި 51 ޕޮއިންޓާއެކު އޮތީ އެސްޓަން ވިލާއެވެ.



