މިސްކިތެއް އެޅުމުގައި “ބައިވެރިވުމުން” ސުވަރުގެއިން ގެޔެއް މިންވަރު ވޭހެއްޔެވެ؟

ސުވާލު: މިސްކިތެއް ބިނާ ކުރާ މީހަކާއި އެއްފަދައިން، މިސްކިތެއް ބިނާ ކުރުމުގައި (ކޮންމެވެސް އެއްޗެއް ދީގެން) ބަޔަކާއި ބައިވެރި ވާ މީހަކަށްވެސް ޖަންނަތުގައި ގެޔެއް ވާނެތޯއެވެ؟
ޖަވާބު: ❞ އެފަދަ މީހާކަށް އެވަރު އަޖުރެއް ވަނީ އޭނާ ހޭދަކުރި މިންވަރަކީ އެ މިސްކިތުން جزء އެއް (އެބަހީ: ބަޔެއް) ހެދޭނެ އެއްޗެއް ކަމުގައި ވާނަމައެވެ.
ޙަދީޘުގައި ވާރިދުވެފައި ވެއެވެ: «من بنى لله مسجدًا، ولو كمفحص قطاة، بنى الله له بيتًا في الجنة» ((ﷲ އަށްޓަކައި މިސްކިތެއް އަޅައިފި މީހާ، އެއީ قطاة (ދޫންޏެއް)ގެ ހާއްޔެއް ވަރުވިޔަސް، ﷲ އޭނާއަށް ޖަންނަތުގައި ގެޔެއް އަޅައިދެއްވާނެތެވެ.))⁽¹⁾
ابن خزيمة މިޙަދީޘު ރިވާކުރެއްވި، އެކަލޭގެފާނުގެ ޞަޙީޙު [286/2] ގައެވެ. އަދި ބާބު ކުރެއްވީ، [[ބާބު: ކުޑަ އަދި ހަނި ވިޔަސް މިސްކިތެއްގެ ފަޟުލު.]] މިހެންނެވެ.
އަދި ”صحيح الجامع الصغير“ ގައި އަލްއަލްބާނީ ވިދާޅުވިއެވެ: (މިޙަދީޘު) ޞައްޙަ އެވެ.⁽²⁾ އެހެންކަމުން މީހެއް ހޭދަކުރާ މިންވަރުން މިސްކިތެއްގެ ބަޔެއް އެޅޭނަމަ، އެއީ މިޘަލަކަށް 10 ބައިކުޅަ އެއްބައި ވިޔަސް، ނޫނީ 20 ބައިކުޅަ އެއްބައި ވިޔަސް، އޭނާ ބިނާ ކުރާ މިންވަރުގެ މައްޗަށް އޭނާއަށް އަޖުރުވެއެވެ.❝ — އައްޝެއިޚް ޑރ. ޢަބްދުއް ރަޙްމާން އިބްނު ޖިބްރީން (ފަތުވާ)
~ ގަލަންދާނު ــــــــــــــــــــــــــــ [1] قَطَاةٍ އަކީ ބިންމަތީ ވަޅުޖަހައިގެން ބިސްއަޅާ ކޮތަރާއި ވައްތަރުކަމެއް ހުންނަ ދޫންޏެކެވެ. މިޙަދީޘުގައި މިދޫނީ މިޘާލުކުރެވުނީ އެހެން ދޫނިތަކާއި ޚިލާފަށް ބިންމަތީގައި ހާލިހަދާ ދޫންޏެއް ކަމުގައިވުމުން ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އައްޝައިޚް އަލްމުޙައްދިޘް ޢަބްދުﷲ އައްސަޢްދު މިޙަދީޘު ޞަޢްޙަ ކަމަށް ވިދާޅުވިއެވެ. : قَطَاة ގެ ހާއްޔޭ އޮތް ބަސްފުޅާއި މެދު، އިބްނު ޢުޘައިމީން އާއި ސުވާލުވެވުނެވެ. ވިދާޅުވިއެވެ:”އެބަސްފުޅު މާނަކުރުން ވަނީ الْمُبَالَغَة ގެ ގޮތުގައެވެ. (އެބަހީ: ލަފްޡީ ގޮތަކުން ނޫނެވެ. ކިތަންމެ ކުޑަ މިންވަރަކަށްވެސް ލިބޭ އަޖުރުގެ ބޮޑުކަން ބަޔާން ކުރެއްވުން ދޭހަކޮށްދެއްވުމަށް ގެންނަވި ބަލާޣާތެއް ގޮތުގައެވެ.) މިހެން ނޫން ނަމަ، އެނގިބަޔާން ވެގެންވާ ފަދައިން قَطَاة އެއްގެ ހާއްޔެއްގެ ތަންފުކަކީ މިސްކިތެއް ކީއްކުރަން ސަޖިދަޔެއް ވެސް ކުރެވޭނޭ ތަންކޮޅެއް ނޫނެވެ. ބައެއް ޢިލްމުވެރިން ވިދާޅުވެތެވެ: “އޭގެ މާނައަކީ މުސްތަޤިއްލުކޮށް ނޫނީ ބަޔަކާއި އެއްވެގެން قَطَاة އެއްގެ ހާއްޔެއްގެ އެތިފުކެއް ލައިގެން ވިޔަސް މިސްކިތެއް އަޅާ މީހާއެވެ.” (އެބަހީ: ލަފްޡީ ގޮތުން އޭގެ ބޭރުފަށް ދޭހަވާ މާނަ އެއޮތް ގޮތަށެވެ.) އެހެނަސް ބޮޑަށް ފާޅުވާން އޮތްއެއްޗަކީ (މާނައިގައި ރަނގަޅު އެއްޗަކީ) ފުރަތަމަ ބުނެވުނު މާނައެވެ. އޭގެ މުރާދަކީ (ޖާގައިގެގޮތުން ކިތަންމެ) ކުޑަވިޔަސް (މި ދަރުމަ އޮތްކަން) އަންގައިދޭ މުބާލަޣާއެއް ގޮތުގައި ކަމެވެ.“—ނިމުނި (އޯޑިއޯ). މީގެ މާނައީ، މިސްކިތެއް އެޅުމުގައި ކުޑަ ކުޑަ އެއްޗެއް ދޭ މީހަކަށް އަޖުރެއް ނެތް ކަމުގައެއް ނޫނެވެ. އެހެނަސް އެއީ މިޙަދީޘުން ވެސް ދޭހަވާފަދައިން އެކަމުގައި އެހާމެ ބޮޑު އަޖުރެއް އޮތް ހޭދައެކެވެ. މީގެ އިތުރުން ހެޔޮކަންކަމުގައި އެހީވެ ވާގިވެރިވުމުގެ އަޖުރުވެސް އެކަމުގައި އިތުރަށް ލިޔެވެއެވެ. އަދި ޝައްކެތް ނެތި ﷲ ބައްލަވާ ވޮޑިގެންވަނީ މީހެއްގެ މިންވަރުން އަދާކުރާ ޤުރުބާނީއެވެ. ﷲ أعلم. (އިތުރު މައުލޫމާތު، ފަތުވާ)


