ސޫދާނުގައި ބިމުގައި ވަޅުލާފައި އޮތް މައިނެއް ގޮވައި 3 ކުޑަކުދިންނާއެކު 9 މީހުން މަރުވެއްޖެ

ސޫދާނުގެ ކުރުދުފާން ސަރަހައްދުގައި، އާދީއްތަ ދުވަހު ބިމުގައި ވަޅުލާފައި އޮތް މައިނެއް ގޮވުމުގެ ސަބަބުން ނުވަ މީހަކު މަރުވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ތިން ކުޑަކުދިން ހިމެނޭއިރު، މި ހާދިސާ ހިނގާފައިވަނީ އެމީހުން “ޓުކް-ޓުކް” އެއްގައި ދަތުރުކުރަނިކޮށް ކަމަށް އެ ސަރަހައްދުގެ ހޮސްޕިޓަލަކާ ހަވާލާދީ އޭ.އެފް.ޕީ އިން ރިޕޯޓްކޮށްފައިވެއެވެ.
2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސޫދާނުގެ ސަރުކާރު ސިފައިންނާއި ރެޕިޑް ސަޕޯޓް ފޯސަސް (އާރް.އެސް.އެފް) އާ ދެމެދު ހިނގަމުންދާ ދާހިލީ ހަނގުރާމައިގެ ސަބަބުން އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ވަނީ ގިނަ އަދަދެއްގެ މައިނާއި ނުގޮވާ ހުރި ގޮވާތަކެތި ފެތުރިފައެވެ. ނަމަވެސް، އާދީއްތަ ދުވަހު ގޮވި މައިނަކީ 2011 ވަނަ އަހަރުން ފެށިގެން ސައުތު ކުރުދުފާންގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ވަޅުލާފައިވާ އެއްޗަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އަލް-އައްބާސިއްޔާ ހޮސްޕިޓަލުގެ މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި، މި ހާދިސާގައި މަރުވި ނުވަ މީހުންނަކީވެސް ޓުކް-ޓުކްގެ ތެރޭގައި ތިއްބާ މައިން ގޮވުމުގެ ސަބަބުން މަރުވި މީހުންނެވެ.
މި ހާދިސާ ލޮލުން ދުށް އަބްދުލްބާގީ އީސާ، ފޯނުން އޭ.އެފް.ޕީ އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، ބާރުގަދަ ގޮވުމާއެކު އެ އުޅަނދު ވަނީ އެއްކޮށް ސުންނާފަތިވެފައެވެ. އޭނާ ކިޔައިދިން ގޮތުގައި، އެމީހުން ބާޒާރަށް ދިޔުމަށްޓަކައި އެ ޓުކް-ޓުކްގެ ފަހަތުން ހިނގާފައި ދަނިކޮށް ކުއްލިއަކަށް ބާރުގަދަ އަޑެއް އިވުމާއެކު، މީހުންތައް ބިމަށް ވެއްޓި، އުޅަނދު އެއްކޮށް ހަލާކުވެގެން ދިޔައެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު، އަވަށްޓެރި ދާރްފޫރު ސަރަހައްދުގައި ސަރުކާރު ސިފައިން ތިބި އެންމެ ފަހު މަރުކަޒުތަކުން އާރް.އެސް.އެފް އިން އެމީހުން ބޭރުކޮށްލުމާ ގުޅިގެން، ކުރުދުފާން ސަރަހައްދު މިހާރު ވެފައިވަނީ މި ހަނގުރާމައިގެ މައިގަނޑު މައިދާނަށެވެ.
ސޫދާނުގެ ދާހިލީ ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެ، 11 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރިކަން ހޯދަން މަޖުބޫރުވެފައެވެ. މީގެ ސަބަބުން އިންސާނީ ބޮޑު ކާރިސާއެއް ވަނީ ކުރިމަތިވެފައެވެ. މި ހަނގުރާމައިގެ ސަބަބުން ގައުމު މިހާރު އޮތީ ދެބައިވެފައެވެ. ސަރުކާރު ސިފައިންގެ ބާރުގެ ދަށުގައި ގައުމުގެ އުތުރާއި، މެދުތެރެ އަދި އިރުމަތީ ސަރަހައްދުތައް އޮތްއިރު، ހުޅަނގާއި ދެކުނުގެ ބައެއް ސަރަހައްދުތައް އޮތީ އާރް.އެސް.އެފް އާއި އެ ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށުގައެވެ.



