ޚަބަރު ސިޔާމްގެ ބައްޕާފުޅުގެ ހަނދާނުގައި، ކުޑަފަރީގައި މިސްކިތެއް ހުޅުވައިފި

ސިޔާމްގެ ބައްޕާފުޅުގެ ހަނދާނުގައި، ކުޑަފަރީގައި މިސްކިތެއް ހުޅުވައިފި

ސިޔާމްގެ ބައްޕާފުޅުގެ ހަނދާނުގައި، ކުޑަފަރީގައި މިސްކިތެއް ހުޅުވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ނ. ކުޑަފަރީގެ ބަނދަރުމަތީގައި ދިވެހީންގެ ޤަދީމީ ތާރީޚާއި ސަގާފަތް ދައްކުވައިދޭ ޚާއްޞަ ފަރުމާއެއްގެ މިސްކިތެއް، މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދުގެ އަމިއްލަ ޚަރަދުގައި ބިނާކުރައްވައި، މިއަދު ވަނީ ރަސްމީކޮށް ހުޅުވައިފައެވެ. ސިޔާމްގެ ބައްޕާފުޅުގެ ހަނދާނުގައި ‘މަސްޖިދު މުޙަންމަދު ޤާސިމް’ގެ ނަމުގައި ބިނާކުރެވުނު މި މިސްކިތަކީ ކުޑަފަރީ ރައްޔިތުންނަށާއި އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚިދުމަތް ދިނުމަށް ހުޅުވުނު ތަނެކެވެ.

މި މިސްކިތަކީ ދިވެހީންގެ ޤަދީމީ ތާރީޚާއި ސަގާފަތުގެ ތެރޭގައި ހިމެނޭ ހިރިގަލުގެ ވަޑާމާއި ލަކުޑީގެ ވަޑާމާއި ލިޔެލާޖެހުމުގެ މަސައްކަތްތެރިކަމުގެ ފަންނާއި ހުނަރު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނާނޭހެން ބިނާކުރެވިފައިވާ ތަނެކެވެ. މާލޭގައި ހުންނަ ޤަދީމީ ހުކުރު މިސްކިތުގެ ފަރުމާ އަސްލަކަށް ބަލައި އޭގެ ނަކަލެއްގެ ގޮތަށް މި މިސްކިތް ފަރުމާކޮށްފައި ވާއިރު، މިސްކިތުގެ އެތެރޭގެ ލަކުޑީގެ ވަޑާންގަނޑުގައި މުޅީން ވެސް ބޭނުން ކޮށްފައި ވަނީ ގިނަ ދުވަހަށް ދެމިހުންނަ ހައިވަކަރެވެ.

މި މިސްކިތަށް އެރޭ ގޮތަށް ދެ ފަރާތުންނާއި ކުރިމަތީން ޖުމްލަ ތިން ދޮރު ހިމެނެއެވެ. މާލޭ ހުކުރު މިސްކިތުގައި ހުންނަ ހިރިގަލުގެ ކުރެހުންތައް ހުންނަ ގޮތަށް މި މިސްކިތުގެ ފާރުތަކުގައި ކުރެހުންތައް ރާނާފައިވީ ނަމަވެސް، މީގައި ބޭނުންކޮށްފައިވަނީ ހިރިގަލެއް ނޫނެވެ. މިސްކިތުގެ ދޮރުތަކުގައިވެސް ހައިވަކަރު ލަކުޑިން ވަރަށް ފަންނުވެރިކޮށް ކަނޑާނެގުންތަކެއް ހަދާފައި ހުރިއިރު، މި ކުރެހުންތަކާއި ކަނޑާނެގުންތައް ހުރީ ހުކުރު މިސްކިތުގެ ދޮރުތަކުގައި ހުންނަ ކުރެހުންތަކާ ދާދި އެއްގޮތަށެވެ.

މާލޭ ހުކުރު މިސްކިތުގެ ލަކުޑިތަކުންނާއި ހިރިގަލުން ފެންނާން ހުރި ކަނޑާ ނެގުންތައް މި މިސްކިތުން ފެންނާން ހުންނަ އުސޫލުން، މިސްކިތާއެކު ވަރަށް ބޮޑު މުންނާރެއް ވެސް ބިނާކޮށްފައި ވެއެވެ. މި މުންނާރުގެ ފަރުމާ ވެސް ވައްތަރުކޮށްފައި ވަނީ މާލޭ ހުކުރު މިސްކިތުގެ މުންނާރާއެވެ. އަދި ނަމާދަށް އެރުމުގެ ކުރިން ވުޟޫކުރުމަށްޓަކައި މުންނާރުގެ ތެރޭގައި ޚާއްޞަ އިސްކުރުތައް ހަރުކޮށްފައި ވެއެވެ.

މި މިސްކިތް ބިނާކުރުމުގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި ދިވެހި ސަގާފަތާއި ތަރިކަ ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމާއި، ދިވެހީންގެ މަސައްކަތްތެރިކަމުގެ ނަމޫނާއެއް ކުރިމަގުގެ ޖީލުތަކަށް ދައްކުވައިދިނުން ހިމެނެއެވެ. މި މަސައްކަތަކީ ދިވެހި ފަންނުވެރިކަމުގެ މުއްސަނދިކަން ދިރުވައި، އެފަދަ ބިނާތަކަށް އިތުރު އަހަންމިއްޔަތުކަމެއް ދިނުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.

މި ފަހަރުގެ މިސްކިތުގެ އިތުރަށް، އަޙުމަދު ސިޔާމް މުޙައްމަދު ވަނީ ކުޑަފަރީގައި މީގެ ކުރިންވެސް ވަރަށް ފުރިހަމަ މިސްކިތެއް ބިނާކުރައްވައިފައެވެ. އެ މިސްކިތް ނިސްބަތްކުރައްވައިފައި ވަނީ އެ މަނިކުފާނުގެ މަންމާފުޅަށެވެ. އެއީ ‘މަސްޖިދު ޝަމީމާ ޢަބުދުﷲ’ އެވެ. މި މިސްކިތަކީ އެއްފަހަރާ 700 މީހުންނަށް ނަމާދުކުރެވޭ ވަރަށް ތަނަވަސް މިސްކިތެކެވެ.

ޓެގް

ކުޑަފަރި ސަންސިޔާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.