ރައީސް މުއިއްޒު ޕީއެންސީ ކެންޑިޑޭޓުންނަށް ދޮރުންދޮރަށް ކެމްޕެއިން ފައްޓަވައިފި

ރައީސް މުއިއްޒު ޕީއެންސީ ކެންޑިޑޭޓުންނަށް ދޮރުންދޮރަށް ކެމްޕެއިން ފައްޓަވައިފިއެވެ.
ސަރުކާރު ހިންގާ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ރައީސް މިއަދު މާފަންނު ހުޅަނގުން އެ މަސައްކަތްޕުޅު ފެއްޓެވިއިރު، އެކި އަވަށްތަކަށް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ޒިޔާރަތް ކުރައްވާނެ ކަމަށް ޕީއެންސީން ބުނެއެވެ.
އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، ސަރުކާރު ހިންގާ ޕީއެންސީން މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ގޮތުން “ދޮރުންދޮރަށް” ކެމްޕެއިން ޕްރޮގްރާމް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފައްޓަވައިފިއެވެ. މި ޕްރޮގްރާމްގެ ފެށުން ރައީސް މުއިއްޒު މިއަދު މެންދުރު ކުރައްވާފައިވަނީ މާލޭގެ މާފަންނު ހުޅަނގު ދާއިރާއިންނެވެ.
ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން ރައީސް މުއިއްޒު މިއަދު މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގެތަކަށް ޒިޔާރަތް ކުރައްވައި، ގިނަ ބަޔަކާ ބައްދަލުކުރައްވައިފިއެވެ. އެ މަނިކުފާނުގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި، ޕީއެންސީގެ އިސް ބޭފުޅުންނާއި، އެ ޕާޓީގެ ޓިކެޓުގައި މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި، ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލު ކުރައްވާ ބައެއް މެންބަރުން ވެސް ގޭގެ އަށް ވަޑައިގެންނެވިއެވެ. މީގެ އިތުރުން، ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް ވެސް ރައީސް މުއިއްޒުގެ އަރިހުގައި ކެމްޕެއިންގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޒިޔާރަތްތަކުގައި ރައީސް މުއިއްޒު ވަނީ ރައްޔިތުންނާ ބައްދަލުކުރައްވައި، އެމީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ޕީއެންސީގެ މެނިފެސްޓޯއާއި ސިޔާސަތުތައް ހިއްސާކުރައްވާފައެވެ. ޕީއެންސީގެ ލީޑަޝިޕުން ބުނެފައިވާ ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރައީސް މާލޭގެ އެކި އަވަށްތަކުގެ ގޭގެ އަށް ވަޑައިގެން، އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް މަސައްކަތްޕުޅު ކުރައްވާނެއެވެ.
މިފަދަ “ދޮރުންދޮރަށް” ކެމްޕެއިންތައް ރައީސް މުއިއްޒު ކުރައްވާފައިވަނީ އެންމެ ފަހުން ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް މެއެވެ. އެފަހަރުގެ އިންތިހާބުގައި އޭރުގެ ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް އެ މަނިކުފާނު ގޭގެ އަށް ވަޑައިގެން ކެމްޕެއިން ކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން އެ ޕާޓީން މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދިއެވެ. މިއީ ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ވެސް ރައީސްގެ ކެމްޕެއިންގެ އަސަރު ފޯރުމުގެ ބޮޑު އިޝާރާތެކެވެ.
އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޕީއެންސީން މަދުވެގެން 800 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހު ވަނީ ވިދާޅުވެފައެވެ. އިންތިހާބަކާ ނުލައި ޕީއެންސީން މިހާރު ވެސް 69 ގޮނޑި ކާމިޔާބު ކޮށްފައިވާކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ، ޖުމްލަ ގާތްގަނޑަކަށް 800 ނުވަތަ 900 ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

