ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ އިންސާނާގެ ބުއްދިވެރިކަމާއި ވިސްނުން ތޫނުކަން އިތުރުކޮށްދޭ ކަމެއް ހެއްޔެވެ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އިންސާނާގެ އައި.ކިއު (IQ) ނުވަތަ ބުއްދިވެރިކަން އިތުރުކުރުމަކީ ސައިންޓިފިކް އަދި ނަފްސާނީ ދިރާސާތަކާ ގުޅިފައިވާ ކަމެކެވެ. މިއީ މިހާރުގެ ޔުނިވަރސިޓީތަކާއި، އިންސްޓިޓިއުޓްތަކާއި، ރިސާޗް ސެންޓަރުތަކުން ވަރަށް ބޮޑަށް އިސްކަންދޭ މައުޟޫޢެކެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ޚާއްޞަ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ގިނަގުނަ މަސައްކަތްތަކާއި ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.
ޤުރުއާން ހިތުދަސްކުރުމާއި، ބުއްދިވެރިކަން އިތުރުވުމާ ދެމެދު ގުޅުމެއްވާކަން ސާބިތުކުރުމަށްޓަކައި، އިތުބާރު ހުރި ސައިންޓިފިކް ދިރާސާތަކެއް ބޭނުންވެއެވެ. މިސާލަކަށް، ޤުރުއާން ކްލާސްތަކުގައި ކިޔަވާ ކުދިންގެ ބުއްދިވެރިކަން، އެކުދިން ޤުރުއާން ދަސްކުރަން ފެށުމުގެ ކުރިންނާއި ފަހުން ބައިނަލްއަޤުވާމީ މިންގަނޑުތަކުން މިންކޮށް، އެހެން ކުދިންނާ އަޅާކިޔައިގެން ތަފާތުތައް ދެނެގަންނަންޖެހެއެވެ. މިފަދަ ހެކިތަކުގެ މައްޗަށް ބިނާކޮށް ވާހަކަދެއްކުމުން، އެއީ ހަމައެކަނި ޖަޒުބާތީ ގޮތުން ދައްކާ ވާހަކައެއްގެ ބަދަލުގައި، ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ޙަޤީޤަތަކަށް ވާނެއެވެ. އަލްއަޒްހަރުލް ޝަރީފްގައި މި މައުޟޫޢަށް ޚާއްޞަ ދިރާސާއެއް ކުރެވުނު ކަމުގެ ޚަބަރު ލިބިފައިވީ ނަމަވެސް، އޭގެ ތަފްސީލުތައް އަދި އަޅުގަނޑުމެންނާ ހަމައަށް ފޯރާފައެއް ނުވެއެވެ.
ނަމަވެސް، ޤުރުއާން ހިތުދަސްކުރުމާއި ކިޔެވުމަކީ ހިތް ސާފުކޮށްދީ، ބަރަކާތް އިތުރުކޮށްދޭ އެންމެ މަތިވެރި ވަސީލަތްކަން ދެންނެވުން ފުދެއެވެ. މިކަމާ ގުޅޭގޮތުން ޔަޤީންކުރެވޭ ބައެއް ކަންކަން ތިރީގައި އެވަނީއެވެ:
ފުރަތަމައީ:
ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ ﷲ ތަޢާލާ އެކަލާނގެ އަޅާގެ ހިތަށް ދެއްވާ ނޫރެކެވެ. މިކަމާ ގުޅޭގޮތުން ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވަނީ ޤުރުއާން ކިޔަވާ މީހާގެ މިސާލަކީ “މީރުވަސްދުވާ އަދި ރަހަ މީރު )ސިޓްރޯންއެއް) ފަދަ އެއްޗެއް” ކަމަށެވެ (ބުޚާރީ އަދި މުސްލިމް). އަދި އިބްނު ޢައްބާސް رضي الله عنه ރިވާކުރައްވާފައިވާ ގޮތުގައި، ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ: “ހިތުގެ ތެރޭގައި ޤުރުއާނުން އެއްވެސް މިންވަރެއް ނެތް މީހަކީ ވީރާނާވެފައިވާ ގެއެއް ފަދަ މީހެކެވެ” (ތިރްމިޛީ).
ދެވަނައީ:
ކީރިތި ޤުރުއާން ހިތުދަސްކުރުމަކީ ފުންކޮށް ވިސްނައި، ތަދައްބުރު ކުރުމަށް މަގުފަހިކޮށްދޭ މުހިންމު ވަސީލަތެކެވެ. މިއީ ދީނުގެ ކަންކަން ދަސްކޮށް، ﷲ ރުހިވޮޑިގަންނަވާ ކަންކަމުގައި ދެމިހުރުމަށާއި، ކޯފާވެވޮޑިގަންނަވާ ކަންކަމުން ދުރުހެލިވުމަށް އޮތް އެންމެ މުހިންމު މަގެކެވެ.
ތިންވަނައީ:
ކީރިތި ޤުރުއާނަކީ ދުނިޔެއާއި އާޚިރަތުގެ އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދައިދޭ ވަސީލަތެކެވެ. ހިތްނުތަނަވަސްވެ، ފިކުރުބޮޑުވެ، ޣާފިލުކަމުގައިވާ މީހަކަށް އޭނާގެ ބުއްދިވެރިކަން ކުރިއެރުވުމަކީ ފަސޭހަ ކަމެއް ނޫނެވެ.
ހަތަރުވަނައީ:
އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ބުއްދިވެރި ޢިލްމުވެރިންނަކީ ޤުރުއާނާއި ސުންނަތް ހިތުދަސްކުރެއްވި ބޭކަލުންނެވެ. އައްޠަބަރީ، އަލްޤުރުޠުބީ، އިބްނު ކަޘީރު، އައްރާޒީ އަދި އިބްނު ތައިމިއްޔާ ފަދަ މުފައްސިރުންގެ ޙަޔާތްޕުޅަށް ބަލާލުމުން، ޤުރުއާން ހިތުދަސްކުރުމަކީ ބުއްދިވެރިކަން އިތުރުކޮށްދޭ ކަމެއްކަން ވަރަށް ސާފުކޮށް އެނގެއެވެ. މިއީ އެކަމުގެ އެންމެ ބޮޑު ހެއްކެވެ.
ފަސްވަނައީ:
ޢަމަލީ ގޮތުން ބަލާއިރު، ޤުރުއާން ހިތުދަސްކުރުމަކީ ގިނަގުނަ ކިޔެވުމާއި ވިސްނުން ހިމެނޭ ކަމެކެވެ. ޒަމާނީ ދިރާސާތަކުން ދައްކާ ގޮތުގައި، ގިނައިން ފޮތްކިޔުމަކީ އިންސާނާގެ ބުއްދިވެރިކަން އިތުރުކޮށްދޭ އެންމެ މުހިންމު އެއް ކަމެވެ. ވީއިރު، އެންމެ މަތިވެރި އަދި އެންމެ ތާހިރު ބަސްފުޅުތައް ކިޔަވައި، ހިތުދަސްކުރުމުން ލިބޭނެ ކުރިއެރުން މާ ބޮޑުވާނެކަން ކަށަވަރެވެ.
މިކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
ރިފަރެންސް: އިސްލާމް.ކިއު.އޭ (184570)


