ކެލިފޯނިއާގެ ފަރުބަދަތަކަށް އައި ސްނޯތޫފާނެއްގެ ސަބަބުން 9 މީހުން ގެއްލި، 6 މީހުން ތާށިވެއްޖެ

އެމެރިކާގެ ހުޅަނގުގައިވާ ކެލިފޯނިއާގެ ސިއެރާ ނެވާޑާ ފަރުބަދަމަތީ ސަރަހައްދަކަށް އައި ސްނޯތޫފާނެއްގެ ނުވަތަ އެވަލާންޗެއްގެ ސަބަބުން ތާށިވި ހަ މީހަކާ ހަމައަށް ވާސިލުވުމަށް، ރެސްކިއު ޓީމުތަކުން ގަދަ ފިނީގެ ތޫފާނުގެ ތެރޭގައި ނުރައްކާތެރި މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
ނެވާޑާ ކައުންޓީގެ ޝެރިފް އޮފީހުން އަންގާރަ ދުވަހު ހާމަކުރި ގޮތުގައި، މި ގްރޫޕުގައި ހިމެނޭ އިތުރު ނުވަ މީހަކު އަދިވެސް ފެނިފައެއް ނުވެއެވެ. ކެލިފޯނިއާގެ އުތުރުގެ މި ފަރުބަދަތަކަށް ކުރިމަތިވެފައިވާ ގަދަ ތޫފާނުގެ ސަބަބުން، އިތުރު އެވަލާންޗްތައް އައުމުގެ ބިރު އިންތިހާއަށް ބޮޑުވެފައިވާ ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.
ޝެރިފް އޮފީހުގެ ކެޕްޓަން ރަސަލް ގްރީން ވިދާޅުވީ، ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދަނީ ވަރަށް ލަހުން އަދި ފަރުވާތެރިކަމާއެކުގައެވެ. އެއީ އެ ސަރަހައްދަށް ދިއުމުގައި އަދިވެސް ބޯފަނިގަނޑުތައް ފޭބުމުގެ ނުރައްކާ އޮތުމުން، ރެސްކިއު ޓީމުތަކުގެ ސަލާމަތަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ގިނަކަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި، ރެސްކިއު ޓީމުތަކަށް އަދި މިހާތަނަށް އެވަލާންޗް އައި ސީދާ ސަރަހައްދަށް ފޯރާފައެއް ނުވެއެވެ.
މި ހާދިސާ ކުރިމަތިވި ގްރޫޕުގައި ހިމެނެނީ ސްކީ ގައިޑުންނާއި އެމީހުންގެ ކްލައިންޓުންނެވެ. ޝެރިފް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަދުވެގެން ހަ މީހަކު އެވަލާންޗުން ސަލާމަތްވެ، އެހީއަށް އިންތިޒާރުކޮށްގެން އެ ސަރަހައްދުގައި އެބަތިބި ކަމަށެވެ. ނަމަވެސް ބާކީ ތިބި މީހުންގެ އެއްވެސް މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.
ފުރަތަމަ 16 މީހުން ކަމަށް ބެލެވުނު ނަމަވެސް، އެ ދަތުރުގައި ބައިވެރިވީ ޖުމްލަ 15 މީހުންކަން އަންގާރަ ދުވަހުގެ ރޭ ޝެރިފް އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.
ކެޕްޓަން ގްރީން ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގިކަން ކަމާބެހޭ ފަރާތްތަކަށް އެނގުނީ އެ ގްރޫޕް ގޮވައިގެން ދިޔަ ސްކީ ޓުއާ ކުންފުނީގެ ފަރާތުންނާއި، ސްކީކުރަން އުޅުނު މީހުންގެ އަތުގައި ހުރި އެމަޖެންސީ ބީކަންތަކުން ފޮނުވި ސިގްނަލްތަކުގެ އެހީގައެވެ. ސަލާމަތުން ތިބި ހަ މީހުންނާ މެސެޖު މެދުވެރިކޮށް ގުޅުން ދަނީ ބޭއްވެމުންނެވެ.
“އެމީހުން ދަނީ ސަލާމަތްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން،” ގްރީން ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، އެމީހުން ރައްކާތެރި ސަރަހައްދެއްގައި ވަގުތީ ހިޔާވައްސެއް ހަދައިގެން ރެސްކިއު ޓީމުތަކުގެ އިންތިޒާރުގައި ތިބި ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ލޭކް ޓާހޯގެ ހުޅަނގު އުތުރުން، ފްރޮގް ލޭކް ކައިރީގައިވާ ކާސަލް ޕީކް ސަރަހައްދުގައެވެ. މޫސުން ގޯސްވެ، ނުރައްކާ ބޮޑުވުމުގެ ސަބަބުން ހޯދުމުގެ މަސައްކަތުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވި ނަމަވެސް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.
މި ހަފުތާގައި ކެލިފޯނިއާއަށް ކުރިމަތިވެފައިވާ ގަދަ ފިނީގެ ތޫފާނުގެ ސަބަބުން ގުގުރުމާއެކު ވާރޭވެހުމާއި، ބާރަށް ވައިޖެހުމުގެ އިތުރުން ފަރުބަދަމަތީ ސަރަހައްދުތަކަށް ދަނީ ބޯކޮށް ސްނޯ ފައިބަމުންނެވެ. މީގެ ސަބަބުން ލޭކް ޓާހޯ ސަރަހައްދުގެ ބައެއް ސްކީ ރިސޯޓްތައް ވަނީ މުޅިން ނުވަތަ ބައެއް ގޮތްގޮތުން ބަންދުކޮށްފައެވެ.
ނޭޝަނަލް ވެދާ ސާވިސްއިން ލަފާކުރާ ގޮތުގައި، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ސިއެރާ ނެވާޑާގެ އުސް ސަރަހައްދުތަކަށް 8 ފޫޓުގެ ބޯމިނަށް ސްނޯ ފޭބުން އެކަށީގެންވެއެވެ. އަދި ގަޑިއަކު 55 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.



