ސޫރިޔާގެ ކޭމްޕުތަކުގައި ތިބި ހަނގުރާމަވެރިންގެ އާއިލާތަކަށް ދޭނެ އެހީއެއް ނެތް – އޮސްޓްރޭލިއާގެ ބޮޑުވަޒީރު

ސޫރިޔާގެ ކޭމްޕުތަކުގައި ތިބި އައި.އެސް ހަނގުރާމަވެރިންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްނުދޭނެ ކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެލްބަނީޒް ވިދާޅުވެއްޖެއެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އެލްބަނީޒް އިޢުލާނު ކުރެއްވި ގޮތުގައި، ސޫރިޔާގައި ތިބި އައި.އެސް (އައި.އެސް.އައި.އެލް) ހަނގުރާމަވެރިންގެ އާއިލާތަކަށް ނިސްބަތްވާ ކަމަށް ބެލެވޭ އޮސްޓްރޭލިއާގެ އަންހެނުންނާއި ކުޑަކުދިން އަނބުރާ ޤައުމަށް ގެނައުމަށް ސަރުކާރުން އެހީތެރިކަމެއް ނުދޭނެއެވެ.
އޭބީސީ ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި އެލްބަނީޒް ވިދާޅުވީ، އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އަނބުރާ ޤައުމަށް ގެނައުމާ މެދު ސަރުކާރުން ގެންގުޅެނީ ވަރަށް ހަރުދަނާ އުސޫލެއް ކަމަށާއި، އެފަދަ އެހީތެރިކަމެއް ފޯރުކޮށްނުދޭނެ ކަމަށެވެ.
ކުޑަކުދިންނަށް މިކަމުގެ އަސަރު ކުރުމަކީ ހިތާމަހުރި ކަމެއް ނަމަވެސް، އޮސްޓްރޭލިއާއިން އެއްވެސް އެހީތެރިކަމެއް ފޯރުކޮށްނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ، ކޮންމެ މީހަކުވެސް އެމީހަކު އަމިއްލައަށް އިޚްތިޔާރުކުރި މަގުގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
“އޮސްޓްރޭލިއާގެ ދިރިއުޅުމުގެ ވައްޓަފާޅި ހަލާކުކޮށްލުމަށާއި، ވަކި ވެރިކަމެއް (ޚިލާފަތެއް) ގާއިމުކުރުމުގެ މަގްސަދުގައި ބޭރު ގައުމުތަކަށް ހަނގުރާމައަށް ދިޔަ މީހުންނާ މެދު އެއްވެސް ހަމްދަރުދީއެއް ނެތް،” އޭނާ އިތުރަށް ވިދާޅުވިއެވެ.
މީގެ އިތުރުން، އޮސްޓްރޭލިއާގެ ހޯމް އެފެއާޒް މިނިސްޓަރު ޓޯނީ ބާކްގެ ތަރުޖަމާނު ވެސް ވަނީ، ސޫރިޔާ އިން އެނބުރި އަންނަ މީހުންގެ ތެރެއިން ކުށް ކޮށްފައިވާ މީހުންނާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުށްކޮށްފައިވާ މީހަކު އެނބުރި އޮސްޓްރޭލިއާއަށް އަތުވެއްޖެ ނަމަ، ޤާނޫނުގެ އެންމެ ހަރުކަށި އަދަބު އެމީހަކަށް ލިބޭނެއެވެ.
ސޫރިޔާގެ އުތުރުގައި ކުރުދީންގެ ބާރުގެ ދަށުގައި އޮންނަ ރޯޖް ޑިޓެންޝަން ކޭމްޕުން، އޮސްޓްރޭލިއާގެ ރައްޔިތުންގެ ގޮތުގައި ތިބި ޖުމްލަ 34 އަންހެނުންނާއި ކުޑަކުދިން ހޯމަ ދުވަހު ދޫކޮށްލިއެވެ. ނަމަވެސް، ރޮއިޓާސް އަދި އޭއެފްޕީ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، “ޓެކްނިކަލް” ސަބަބުތަކަކާ ހުރެ އެމީހުން އަލުން ވަނީ ކޭމްޕަށް ގެންގޮސްފައެވެ.
ރޯޖް ކޭމްޕުގެ ޑިރެކްޓަރު ހަކްމިއްޔާ އިބްރާހީމް އަލްޖަޒީރާއަށް މަޢުލޫމާތު ދެއްވި ގޮތުގައި، 11 އާއިލާއަކަށް ނިސްބަތްވާ މި މީހުން ހަވާލުކޮށްފައިވަނީ އެމީހުން ބަލާ އޮސްޓްރޭލިއާއިން އައި އާއިލާގެ މީހުންނާއެވެ.

