ނުވަސަތޭކައަށް ވުރެ ގިނަ ވޭޕް ފުލުހުން ނައްތާލައިފި

ގަވާއިދާ ޚިލާފަށް ވޭޕް ވިއްކަމުންދިޔަ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 900 އަށްވުރެ ގިނަ ވޭޕް މިއަދު ނައްތާލައިފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި ތަކެއްޗަކީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގަލޮޅު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ކަމަށެވެ. މި ތަކެތި ނައްތާލާފައިވަނީ ކ. ދޫނިދޫގައެވެ.
މިއަދު ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ، މިދިޔަ ބުރާސްފަތި ދުވަހު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް ތަކެއްޗެވެ. މި އޮޕަރޭޝަންގައި ފުލުހުން ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ ޗައިއޮން ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށްފައެވެ. އޭނާ މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ޗައިއޮން ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު 959 ނެނޯ ސްޓިކާއި، 34 ފްލޭވާއާއި، 11 ޑިސްޕޯސަބަލް ސްޓިކް ފެނިފައިވެއެވެ.
މި ތަކެތި ނައްތާލުމުގައި އަމަލުކޮށްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ މިފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދާ އެއްގޮތަށް ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވޭޕް އެތެރެކުރުން ވަނީ ނޮވެންބަރު 15، 2024ގައި މަނާކޮށްފައެވެ.

