ޚަބަރު

އިސްރާއީލުން މަރުގެ އަދަބު ދިނުމުގެ ޤާނޫނެއް ފާސްކުރަން އުޅޭތީ ފަލަސްތީނުގެ ރައްޔިތުން ބޮޑުބިރުވެރިކަމެއްގައި

އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު މަރުވެފައިވަނިކޮށް، މަރުގެ އަދަބު ދިނުމުގެ ގާނޫނެއް ފާސްކުރަން އުޅޭތީ ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދިއްޖެއެވެ.

ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ އެތައް ރައްޔިތުންނެއް މަރުވެފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެފިއެވެ. މީގެ ތެރެއިން ބައެއް މީހުން މަރުވެފައިވަނީ ޖަލުގައި ދިން އަނިޔާތަކުގެ ސަބަބުން ކަމަށާއި، އަނެއްބައި މީހުން މަރުވީ އިސްރާއީލުގެ އިދާރާތަކުން ބޭސްފަރުވާ ކުރުމުގައި އިހުމާލުވުމުގެ ސަބަބުން ކަމަށް އެ ޖަމާއަތްތަކުން ފާހަގަކުރެއެވެ.

އިސްރާއީލުގެ މީޑިއާ ރިޕޯޓުތަކުން ހާމަވާގޮތުގައި، އިޒްރޭލުގެ މީހުން މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކަށް މަރުގެ އަދަބު ދިނުމަށް އިޒްރޭލުން މިހާރު ދަނީ ތައްޔާރުވަމުންނެވެ. ގާނޫނީ މާހިރުން މި ގާނޫނު ސިފަކުރަނީ ނަސްލީ ތަފާތުކުރުންތަކުގެ މައްޗަށް ބިނާވެފައިވާ ގާނޫނެއްގެ ގޮތުގައެވެ. މިކަމުގެ ސަބަބުން އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ އެތައް ހާސް ހައްޔަރީންގެ އާއިލާތަކަށް ވަނީ ބޮޑު ނުތަނަވަސްކަމަކާއި ބިރުވެރިކަމެއް ކުރިމަތިވެފައެވެ.

އިސްރާއީލުގެ ‘ޗެނަލް 13’ އިން މިދިޔަ ހަފުތާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ޖަލުތަކާ ބެހޭ އިދާރާއިން މިހާރު ވަނީ މަރުގެ އަދަބު ދިނުމުގެ ގާނޫނު ތަންފީޒު ކުރުމަށްޓަކައި ވާންޖެހޭ އިދާރީ ތައްޔާރީތައް ފަށާފައެވެ. މީގެ ތެރޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ހާއްސަ މަރުކަޒެއް ގާއިމުކުރުމާއި، އެ މަސައްކަތް ކުރާނެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދިނުން ހިމެނެއެވެ.

އިސްރާއީލުގެ މީހުން މަރާލާ ފަލަސްތީނު މީހުންނަށް މަރުގެ އަދަބު ދިނުމަށް ބާރުއަޅާ މި ބިލު، މިދިޔަ ނޮވެމްބަރު މަހު އިޒްރޭލުގެ ބަރުލަމާނުން ވަނީ ފުރަތަމަ މަރުހަލާގައި ފާސްކޮށްފައެވެ. ފަލަސްތީނުގެ ގާނޫނީ މާހިރުން މި ބިލު ސިފަކޮށްފައިވަނީ މިއީ “އެޕާޓްހައިޑް” ނުވަތަ ނަސްލީ ގޮތުން އިމްތިޔާޒު ހޯދައިދޭ އަނިޔާވެރި ގާނޫނެއްގެ ގޮތުގައެވެ.

މި ބިލަށް ގެނެވުނު އިސްލާހުތަކާ އެކު، މިހާރު މި ބިލު ދިރާސާ ކުރަމުންދަނީ ބަރުލަމާނުގެ ކޮމިޓީއަކުންނެވެ. ގާނޫނަކަށް ވުމުގެ ކުރިން އަދި އިތުރު ދެ މަރުހަލާއެއް ފާސްކުރަން ޖެހޭއިރު، ދެން ވޯޓަށް އަހާނެ ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

‘ޗެނަލް 13’ އިން ބުނާ ގޮތުގައި، މި ގާނޫނުގެ ދަށުން ކޯޓުން ހުކުމް ކުރާތާ 90 ދުވަހުގެ ތެރޭގައި މަރުގެ އަދަބު ތަންފީޒު ކުރަންޖެހޭނެއެވެ. އަދި މި އަދަބު ދޭނީ ދަންޖައްސައިގެން ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

މަސްދަރުތަކާ ހަވާލާދީ އެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، އެންމެ ފުރަތަމަ މަރުގެ އަދަބު ދިނުމަށް ހަމަޖެހިފައިވަނީ 2023 އޮކްޓޯބަރު 7 ގައި ދިން ހަމަލާތަކުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ހަމާސްގެ މެންބަރުންނަށެވެ. އޭގެ ފަހުން، އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި އިޒްރޭލުގެ މީހުން މަރާލާ ފަލަސްތީނު މީހުންގެ މައްޗަށް ވެސް މި އަދަބު ތަންފީޒު ކުރަން ފަށާނެ ކަމަށް ބެލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close