ބަންގްލަދޭޝްގެ އާ ބޮޑުވަޒީރު ތާރިގް ރަހްމާންއާ ރައީސް މުއިއްޒު ބައްދަލުކުރައްވައިފި

ބަންގްލަދޭޝްގެ އާންމު އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯއްދެވި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ޗެއާމަން ތާރިގް ރަހްމާން، ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނާ ބައްދަލުކުރައްވައިފިއެވެ.
ޑާކާގެ ގައުމީ މަޖިލީހުގެ ސައުތު ޕްލާޒާގައި ބޭއްވި މި ތާރީހީ ރަސްމިއްޔާތަށްފަހު، ރައީސް މުއިއްޒު ވެވަޑައިގެންފައިވަނީ އާ ބޮޑުވަޒީރާ ބައްދަލުކުރެއްވި ދުނިޔޭގެ އެންމެ ފުރަތަމަ ލީޑަރުންގެ ތެރޭގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ބަންގްލަދޭޝްގެ ވެރިކަން ބަދަލުވެގެންދިޔަ ތާރީހީ ވަގުތުކޮޅު ފެނިވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ބޮޑު އުފަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް ޕާޓްނަޝިޕް އިތުރަށް ހަރުދަނާކޮށް، ގާތް ރަހުމަތްތެރި ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
1,200 އަށްވުރެ ގިނަ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތަކީ ބަންގްލަދޭޝްގެ ސިޔާސީ މަސްރަހަށް އައި ބޮޑު ބަދަލެކެވެ. މަޖިލީހުގެ 297 ގޮނޑީގެ ތެރެއިން 209 ގޮނޑި ކާމިޔާބުކޮށް، 50 މެންބަރުންގެ ކެބިނެޓަކާއެކު ތާރިގް ރަހްމާން ވެރިކަމާ ހަވާލުވެވަޑައިގަތީ ވޭތުވެދިޔަ 35 އަހަރު ތެރޭގައި އެ މަގާމާ ހަވާލުވި ފުރަތަމަ ފިރިހެން ބޭފުޅާގެ ގޮތުގައެވެ. މި އާ ސަރުކާރަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން މަރުހަބާ ކިޔަމުންދާއިރު، ރައީސް މުއިއްޒުގެ މި ބައްދަލުކުރެއްވުމަކީ ދެ ގައުމުގެ ސަރަހައްދީ ގުޅުން ބަދަހިކުރުމަށް ދެވޭ އިސްކަން ހާމަވެގެންދިޔަ ކަމެކެވެ.
