ދީން

ރަމަޟާން މަހާ ބައްދަލުވާހިނދު

والحمد لله رب العالمين، وصلى الله وسلم على بنينا محمد وعلى آله وصحبه أجمعين.

މައްސަރުތަކުގެތެރެއިން ބަރަކާތުން ފުރިގެންވާ ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުވަނީ ނަފުސު ޠާހިރުކުރުމަށްޓަކައި ފުރުޞަތު ލިބޭ ގޮތުގައެވެ. ރަޙުމަތުގެ ދޮރުކޮޅުތައް ހުޅުވާލަދީފައެވެ. ފަލާޙާއި ކާމިޔާބު ގެނުވައިދީފައެވެ. ކިލަނބުވެފައިވާ ހިތްތައް ސާފުކޮށްދޭނޭ ގޮތުގައެވެ. ވުމާއެކު މިބަރަކާތްތެރި މައްސަރާއި ބައްދަލުވާހިނދު ދެނެގަންނަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ވެއެވެ. ރޯދައިގެ އެންމެހައި ޙުކުމްތަކެވެ.

ރޯދަ ގެއްލޭކަންތައްތަކާއި، ރޯދަ މަކްރޫހަވާ ނުވަތަ ރޯދަ ފާސިދުވާ ކަންތައްތަކަކީ ކޮބައިކަންވެސް ދެނެގަންނަންޖެހެއެވެ. ކުރިން ދަސްކޮށްފައި ވީނަމަވެސް ހަނދާން އާކޮށްލުމުގެ ގޮތުން މިމަހާ ބައްދަލުވާހިނދު މުރާޖަޢާ ކޮށްލުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. މިގޮތުން ބައެއް ކަންތައްތަކަށް ބަލައިލާނަމެވެ.


މުޙައްމަދު ބިން ޞާލިޙް އަލް ޢުޘައިމީން ރަޙިމަޙުﷲ ލިޔުއްވާފައިވެއެވެ. ހަނދާން ނެތިގެން، ނޫނީ ނޭނގިގެން، ނޫނީ މަޖުބޫރު ވެގެން ރޯދަގެއްލޭ ފަދަ އެއްޗެއް ބޭނުންކުރަން ޖެހިއްޖެ ނަމަ އޭނާގެ ރޯދަ­އެއް ނުގެއްލޭނެއެވެ. ދަލީލަކީ﴿رَبَّنَا لَا تُؤَاخِذۡنَآ إِن نَّسِينَآ أَوۡ أَخۡطَأۡنَاۚ﴾ [
ބަޤަރާ 286] ”އަޅަމެންގެ ރައްބެވެ! އަޅަމެން ހަނދާން ނެތިއްޖެ­ނަމަ، ނުވަތަ، ޤަޞްދެއް ނެތި އަޅަމެންނަށް ކުށެއް ވެވިއްޖެ­ނަމަ (އެކަމަށް) އަޅަމެންނަށް ޢުޤޫބާތް ނުދެއްވާނދޭވެ!“ މި އާޔަތާއި، ﴿إِلَّا مَنۡ أُكۡرِهَ وَقَلۡبُهُۥ مُطۡمَئِنُّۢ بِٱلۡإِيمَٰنِ﴾ [
ނަޙްލު 106] ”އީމާން­ކަމަށް، އެ މީހާގެ ހިތްހަމަޖެހިގެންވާ ޙާލު، މަޖުބޫރު ވެގެންވާ މީހާ މެނުވީ…“ މި އާޔަތެވެ.

ރޯދަ­ވެރިޔާ ހަނދާންނެތިގެން އެއްޗެއް ކެވުނަސް ނުވަތަ ބޮވުނަސް ރޯދަ ނުގެއްލޭނެއެވެ. އެއީ އޭނާއަށް ހަނދާންނެތުނީމައެވެ.

ފަޖުރުނުލާ­ކަމަށް ދެކިގެން، ނުވަތަ އިރު އޮއްސިއްޖެ ކަމަށް، އެ އިޢުތިޤާދުގެ މަތީ ކެވުނަސް ބޮވުނަސް ރޯދަ ފާސިދެއް ނުވާނެއެވެ. އެހެނީ އޭނާއަކީ އެކަމާމެދު ޖާހިލެކެވެ.

ވުޟޫ­ކޮށް އަނގަ ދޮންނަ އިރު ގަސްދަކާ ނުލައި ކަރުތެރެއަށް ފެންފޮދެއް ދިޔަޔަސް ރޯދަ ފާސިދެއް ނުވާނެއެވެ. އެހެނީ އެއީ އޭނާ ގަސްދުގަ ކުރި ކަމެއް ނޫނެވެ.

ރޯދަ­ވެރިޔާ ނިދީގައި އިޙްތިލާމް ވިޔަސް (އެބަހީ: މަނި ބޭރު­ވުން ފަދަ، އެކަމެއްގެ ސަބަބުން ހިނައި­ގަންނަން ޖެހޭ ފަދަ ކަމެއް ނިދީގައި ދިމާވިޔަސް) ރޯދަ ފާސިދެއް ނުވާނެއެވެ. އެހެނީ އެއީ އޭނާގެ އިޚްތިޔާރުން ބޭރުގައި ހިނގި ކަމެކެވެ.

ޖުނުބުވެރި­ވެފައިވާ މީހާ އެ ޙާލުގައި ރޯދައިގެ ނިޔަތްގަނެފައި، ފަޖުރު­ލުމުގެ ފަހުން ހިނައިގަތުން ހުއްދައެވެ. ފަރުޖުލުމުގެ ކުރިން ޙައިޟު­ވެރިޔާ ނުވަތަ ނިފާސް­ވެރިޔާ ރޯދަމަހު ޠާހިރުވެއްޖެ ނަމަ ރޯދަހިފުން ވާޖިބުވާނެއެވެ. ފަޖުރުލުމުގެ ފަހަށް ހިނައިގަތުން ލަސްކުރިޔަސް މައްސަލަ­އެއް ނެތެވެ. ރޯދަ­ވެރިޔާ ދަތް އުފުރުމާއި، ޒަޚަމުގައި ބޭސް އެޅުމުމާއި، ލޮލަށް ނުވަތަ ކަންފަތަށް ބޭސްތިކި އެޅުން ފަދަ ކަން­ކަމީ، ކަރުގައި އޭގެ ރަހަ ލިޔަސް، އެއިން ރޯދަ ނުގެއްލޭ، ހުއްދަ ކަން­ކަމެވެ.

ދުވާލުގެ ކުރީކޮޅުގައި ވިޔަސް ފަހުކޮޅުގައި ވިޔަސް ދަތް އުނގުޅުމަކީ ރޯދަ­ވެރިޔާ އަށް ހުއްދަ­ކަމެކެވެ. އަދި ރޯދަނުހިފާ މީހާއެކޭ އެއްފަދައިން ރޯދަ­ވެރިއާއަށް ވެސް ސުންނަތް­ވެގެންވާ ކަމެކެވެ. ކަރުހިއްކުމާއި ދުވާލުގެ ގަދަ ހޫނުން ލުއިކަން ހޯދައި­ގަތުމަށް ގަޔަށް ފެން އެޅުމާއި، ”އޭސީ“ ބޭނުންކުރުން ފަދަ ކަން­ކަމަކީ ރޯދަ­ވެރިޔާއަށް ހުއްދަ ކަން­ކަމެކެވެ.

ނޭވާލާން އުނދަގޫވާ މީހުން އެކަމަށް ބޭނުންކުރާ އިންހޭލަރު ފަދަ ތަކެތި ބޭނުންކުރުން ރޯދަ­ވެރިޔާއަށް ހުއްދައެވެ. ރޯދަ­ވެރިޔާގެ ތުންފަތް ހިކިއްޖެ­ނަމަ ތެންމާލުމާއި، އަނގަ ހިކިއްޖެ ނަމަ ކަރުތެރެއަށް ފެން ފޮނުވުމަކާ ނުލައި އަނގަ ދޮވުން ހުއްދައެވެ.

ހާރުކެއުން ލަސް­ކުރުމާއި، އިރު އޮއްސުމުން ރޯދަވީއްލުން އަވަސް­­ކުރުމާއި، ރޯދަ ވީއްލާއިރު ދޮން ކަދުރުން، ދޮން ކަދުރު ނުލިބިއްޖެ­ނަމަ ހިކި ކަދުރުން އަދި ހިކި ކަދުރު ނުލިބިއްޖެ ނަމަ ފެނުން، އަދި ފެން ވެސް ނުލިބިއްޖެ ނަމަ ޙަލާލު ކޮންމެ ވެސް އެއްޗަކުން ރޯދަ ވީއްލުމާއި، އެވަރު ވެސް ނުވެއްޖެ ނަމަ، ރޯދަ ވީއްލާނޭ އެއްޗެއް ލިބެންދެން، ހިތުނިޔަތުން ރޯދަވީއްލުމާއި، މި ކަން­ކަމަކީ ރޯދަ­ވެރިޔާއަށް ސުންނަތް ކަން­ކަމެވެ.

ހެޔޮ ކަންކަން ވީހައިވެސް ގިނަ­ކުރުމާއި، ނަހީ­ކުރެވިގެންވާ އެންމެހައި ކަން­ކަމުން ދުރުވެހުރުން ރޯދަ­ވެރިޔާއަށް ސުންނަތް­ވެގެން ވެއެވެ. އެންމެހައި ޙަރާމް ކަންތައް­ތަކުން ދުރުވެ­ގަތުމާއި، ވާޖިބު ކަންތައްތަކަށް ރައްކާ­ތެރިވުމީ ރޯދަ­ވެރިޔާގެ މައްޗަށް ވާޖިބެކެވެ. މި ގޮތުން ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި، އަދި ޖަމާޢަތުގައި ނަމާދު ކުރަން ޖެހޭ މީހެއް ނަމަ ޖަމާޢަތުގައި ކުރުމާއި އޭނާއަށް ވާޖިބު­ވެގެން ވެއެވެ. މީގެ އިތުރުން ދޮގުހެދުމާއި ނެތިމޮށުމާއި ޣީބަބުނުމާއި މަކަރުހެދުމާއި، ރިބާގެ މުޢާމަލާތްތައް ކުރުމާއި، މި ނޫނަސް ޙަރާމް­ވެގެންވާ އެންމެހައި ޢަމަލު­ތަކާއި ބަސް­ތަކުން ދުރުވެ ހުރުމީ ވެސް ރޯދަ­ވެރިޔާއަށް ވާޖިބު ކަން­ކަމެވެ.

ނަބިއްޔާ ﷺ ޙަދީޘް­ކުރެއްވިއެވެ. «مَن لَّمْ يَدَعْ قَولَ الزُّورِ وَالْعَمَلَ بِهِ وَالْجَهْلَ فَلَيْسَ لِلهِ حَاجَةٌ فِي أَن يَدَعَ طَعَامَهُ وَشَرَابَه» މާނައީ: ”ދޮގުބަސް ބުނުމާއި އެއަށް ޢަމަލު­ކުރުމާއި، ޖާހިލުންގެ ޢަމަލު­ތަކާއި ބަސްތައް ދޫކޮށްނުލާ މީހާ އޭނާގެ ކެއުމާއި ބުއިން ދޫކޮށް­ލައިގެން ހުރުމަށް ﷲ ބޭނުން­ފުޅުވެވޮޑިނުގަންނަވައެވެ.“ [ބުޚާރީ]

ވުމާއެކު، މިފަދަ އެންމެހާ ޙުކުމްތައް ދެނެގަނެ ރޯދައިގެ ފުރިހަމަ ޘަވާބާއި ދަރުމަ ލިބިގަތުމަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ތިޔަ އެންމެހާ މުސްލިމު އަޚޫންނާއި އުޚުތުންނަށް ހަނދާންކޮށްދެވެ. އަޅަމެންނީ މިމަހުގެ ފައިދާ އެންމެ ހެޔޮގޮތުގައި ހިފައި ފަލާޙާއި ކާމިޔާބު ލިބެނިވި ބަޔަކުކަމުގައި ލައްވާށިއެވެ! އާމީން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close