ދީން

ރޯދައަށް ހުރެގެން ކުޅިވަރު ކުޅުން މަނައެއް ނުން، އެހެނަސް މިންގަނޑެއް ހިފަހައްޓަންވާނެ.

ކުޅިވަރު ކުޅުމަކީ ހަލާލު ކަމެއްތޯ؟

ދުވުމާއި، ފަތަން ދިއުން ފަދަ ހަށިގަނޑަށް ކަސްރަތު ލިބޭ ކަންކަމާއި ކުޅިވަރުތަކުގެ އަސްލަކީ އެއީ ހުއްދަ ކަންކަމެވެ. ނަމަވެސް، މިފަދަ ކަމެއް މަނާވާނީ އެ ކަމަކާ ގުޅިފައިވާ އެހެން ސަބަބަކާ ހުރެއެވެ. އަދި އެއީ ރޯދައަށް ހުރުމާއި ނުވަތަ ނުހުރުމާ ގުޅުންހުރި ކަމެއް ނޫނެވެ.

ރަމަޟާން މަހު ކުޅިވަރު ކުޅުން:
ކަސްރަތު ކުރުމުގެ ސަބަބުން ނުވަތަ ކުޅިވަރު ކުޅުމުގެ ސަބަބުން ރޯދަވެރިޔާ މާބޮޑަށް ވަރުބަލިވެ، ތަރާވީޙް ނަމާދު ކުރުމަށް އުނދަގޫވާނަމަ، އެފަދަ ކަންކަމަކީ މަކްރޫހަ ކަންކަމެވެ. އެއީ ރަމަޟާން މަހުގެ ހެޔޮކަންކަމުގެ ތެރެއިން ކަމެއް އެމީހަކަށް އެކަމުގެ ސަބަބުން ގެއްލިގެންދާތީއެވެ. އަދި އެ ކަމެއްގެ ސަބަބުން މާބޮޑަށް ވަރުބަލިވެ ރޯދަ ދޫކޮށްލަން ޖެހިދާނެ ފަދަ ހާލަތަކަށް ދާނަމަ، ނުވަތަ ފަރުޟު ނަމާދުތައް ޖަމާއަތުގައި އަދާކުރުމަށް ހުރަސްއެޅޭނަމަ، އެފަދަ ކުޅިވަރުތައް ކުޅުމަކީ ހަރާމް ކަމެކެވެ.

ނަމަވެސް، ފަރުޟު އަޅުކަމަކަށް ނުވަތަ ސުންނަތް ހެޔޮ އަމަލަކަށް އުނިކަމެއް ނާންނަ ގޮތަށް ކުޅިވަރު ކުޅުމަކީ ރޯދައަށް ހުރެގެން ވިޔަސް ނުވަތަ ނޫނަސް މަނާ ކަމެއް ނޫނެވެ. އަދި އެއީ މަކްރޫހަ ކަމެއްވެސް ނޫނެވެ.

ޝައިޚް އިބްނު އުޘައިމީން (ރަޙިމަހުﷲ) އާ ސުވާލު ދެންނެވުނެވެ:
ރަމަޟާން މަހުގެ ރޭގަނޑު ބައެއް ޒުވާނުން ކުޅިވަރު ކުޅެ، ކަސްރަތު ކުރެއެވެ. މިކަމުގައި ތިޔަބޭފުޅާގެ ނަސޭހަތަކީ ކޮބައިތޯއެވެ؟

އެކަލޭގެފާނު ޖަވާބު ދެއްވިއެވެ:
“އަޅުގަނޑުމެން ދެކޭގޮތުގައި މިފަދަ ކަންކަމަކީ ވަގުތު ބޭކާރުވެ، ބޮޑުވެގެންވާ އަޖުރު ލިބޭ އަޅުކަންތައްތައް ގެއްލިގެންދާ ކަންކަމެވެ. މިއީ މުސްލިމް ޒުވާނުން އެމީހުންގެ އުމުރު ހޭދަކުރަންވީ ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި އެމީހުންގެ ވަގުތުތައް ހޭދަކުރަންވާނީ މާތް الله އަށް އަޅުކަން ކުރުމުގައެވެ. އަދި މުސްލިމުންނަށް ފައިދާހުރި ކަންކަން ކުރުމުގައެވެ. މިސާލަކަށް ބާޒާރުތަކަށް ނުކުމެ މީހުންނަށް ފެންނަ ނުބައި ކަންކަން ރީތި ގޮތުގައި މަނާކުރުމުގައެވެ. ނުވަތަ ގުރުއާން ކިޔެވުމަށް އެއްވެ ތިބުމުގައެވެ.

މިފަދަ ކަންކަމުގައި ވަގުތު ބޭކާރު ކުރުމަކީ ގެއްލުމެކެވެ. ޒުވާނުން އެމީހުންގެ ހުރިހާ ވަގުތެއް މިފަދަ ކަންކަމުގައި ހޭދަކުރާނަމަ، ހަގީގަތުގައި މުޖުތަމައަށް އެ ޒުވާނުން އެވަނީ ގެއްލިފައެވެ.

އެއްވެސް މީހަކު އޭނާގެ ހަށިގަނޑު ވަރުގަދަކޮށް، ސިކުނޑި ތާޒާކޮށްލުމަށްޓަކައި، ފުޓްބޯޅަ ފަދަ ހުއްދަ ކުޅިވަރެއް މިންގަނޑެއްގެ ތެރޭގައި ކުޅޭނަމަ، އޭގައި އެއްވެސް މައްސަލައެއް އޮތް ކަމަކަށް އަޅުގަނޑުމެން ނުދެކެމެވެ.” (ލިގާއު އަލް-ބާބު އަލް-މަފްތޫޙް، 116/13)

ރަމަޟާން މަހު ކަސްރަތުކުރާ ފަރާތްތަކަށް ބައެއް ނަސޭހަތް:

  • ރަމަޟާން މަހުގެ ދުވާލު ވަގުތު، ހާއްސަކޮށް ހޫނުގަދަ ވަގުތުތަކުގައި ބުރަ ކަސްރަތުތަކާއި ކުޅިވަރުތަކާ ދުރުހެލިވާންވާނެއެވެ. ހޫނުގަދަވުމުގެ ސަބަބުން ހަށިގަނޑުން ފެން މަދުވެ، ޑީހައިޑްރޭޓް ވުމުގެ ފުރުސަތު އޮވެއެވެ.
  • ކަސްރަތު ކުރުމަށް އެންމެ އެކަށީގެންވާ ވަގުތަކީ ރޯދަ ވީއްލުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ނުވަތަ ރޯދަ ވީއްލައިގެން ދެ ގަޑިއިރު ނުވަތަ ތިން ގަޑިއިރު ފަހުންނެވެ. ރޯދަ ވީއްލި ގޮތަށް ކަސްރަތު ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ އެ ވަގުތު ހަށިގަނޑުގެ ހަކަތަ ހުންނާނީ ކާތަކެތި ހަޖަމުކުރުމަށް ހޭދަވާތީއެވެ.
  • ވައި ދައުރުވާ، ތަޣައްޔަރުކަން ކުޑަ އަދި މީހުން ގިނަ ނޫން ތަންތަނުގައި ކަސްރަތު ކުރުން ބުއްދިވެރިއެވެ.
  • ރަމަޟާން މަހު ކުރާ ކަސްރަތަކީ މާ ބުރަ ނޫން، ލުއި ކަސްރަތެއް ކަމުގައި ހެދުން ރަނގަޅެވެ. މިސާލަކަށް ހިނގުން ނުވަތަ ލުއި ކަސްރަތުތަކެވެ.
  • ކަސްރަތު ކުރުމުގައި މެދުމިންގަނޑެއް ހިފަހައްޓަންވާނެއެވެ. މުޅި ވަގުތު އެކަމުގައި ހޭދަނުކޮށް، ވަކި ވަގުތެއް އެކަމަށް ކަނޑައަޅަންވާނެއެވެ.

ނިންމާލަމުން ބުނެލަން އޮތީ، ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުމަކީ ދުނިޔަވީ ގޮތުންނާއި އާޚިރަތުގެ ގޮތުން މާ މުހިންމު ކަންކަމުން މީހާ ދުރުކުރުވާ ކަމަކަށް ވެގެން ނުވާނެއެވެ.

والله أعلم

ރިފަރެންސް: އިސްލާމް.ކިއު.އޭ (184735)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close