ބޭރުދުނިޔެ

ޣައްޒާގެ ނާޞިރު ހޮސްޕިޓަލުގައި ހަތިޔާރު އެޅި މީހުން ނުތިބޭނެ – ނާޞިރު ހޮސްޕިޓަލު

ނާޞިރު ހޮސްޕިޓަލް ކޮމްޕްލެކްސް އިން ވަނީ، އެ ހޮސްޕިޓަލުގައި ހަތިޔާރު އެޅި މީހުންނާއި ހަތިޔާރު ހުރި ކަމަށް ބުނެ، އެހީދޭ ޖަމާއަތެއް ކަމަށްވާ “ޑޮކްޓާސް ވިތައުޓް ބޯޑާސް” (އެމް.އެސް.އެފް) އިން އެތަނުގެ މަސައްކަތްތައް ހުއްޓާލުމާ ގުޅިގެން އެކަން ކުށްވެރިކޮށްފައެވެ.

އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި އެ ހޮސްޕިޓަލުން ބުނެފައިވަނީ، އެމް.އެސް.އެފްގެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް، ދޮގު އަދި ހަގީގަތް އޮޅުވާލަނިވި ވާހަކަތަކެއް ކަމަށެވެ. އަދި މިއީ ދެކުނު ގައްޒާގައި ބަލިމީހުންނަށް ފަރުވާ ދެމުންދާ އެންމެ ބޮޑު އެއް ހޮސްޕިޓަލަށް ދޭ ނުރައްކާތެރި އިންޒާރެއްގެ ގޮތުގައިވެސް އެތަނުން ސިފަކޮށްފައިވެއެވެ.

އެމް.އެސް.އެފް އިން ހޮނިހިރު ދުވަހު ވަނީ ނާޞިރު ހޮސްޕިޓަލުގައި ހިންގާ ނުރައްކާތެރި ނޫން ހުރިހާ ސިއްހީ ފަރުވާތަކެއް ހުއްޓާލާފައެވެ. އެ ޖަމާއަތުން ބުނާ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެމެރިކާ މެދުވެރިވެގެން އިސްރާއީލާއި ހަމާސްއާ ދެމެދު ހަމަލާތައް މެދުކަނޑާލި ފަހުން، ހޮސްޕިޓަލް ތެރޭގައި ހަތިޔާރު އެޅި މީހުން އުޅޭކަން އެތަނުގެ މުވައްޒަފުންނަށާއި ބަލިމީހުންނަށް ވަނީ ފާހަގަކުރެވިފައެވެ.

ނަމަވެސް ހޮސްޕިޓަލުން ބުނެފައިވަނީ، އެމް.އެސް.އެފްގެ މި ވާހަކަތަކަކީ ހަގީގަތް އޮޅުވާލައި، މީގެ ކުރިންވެސް އިސްރާއީލުން ހޮސްޕިޓަލްތަކަށް ހަމަލާދިނުމަށް ބަހަނާއެއްގެ ގޮތުގައި ބޭނުންކޮށްފައިވާ ފަދަ ވާހަކަތަކެއް ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން އެތައް ފަހަރަކު ހަގީގަތް ސާފުކޮށްދީފައިވީ ނަމަވެސް، މިފަދަ ބަޔާންތައް ނެރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

“މިފަދަ ވާހަކަތަކަކީ ވަކި ފަރާތަކަށް ނުޖެހި ބުނާ ވާހަކަތަކެއް ނޫން. މިއީ އެއް މިލިއަނަށްވުރެ ގިނަ އާންމުންނަށް ހިދުމަތްދޭ ނާޞިރު ހޮސްޕިޓަލް ގަސްތުގައި ނުރައްކަލުގެ ތެރެއަށް ހުށަހެޅުން،” ބަޔާނުގައިވެއެވެ. އަދި މިއީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކުގެ ދަށުން ހޮސްޕިޓަލަށް ލިބިދޭ ރައްކާތެރިކަން ގެއްލުވާލައި، އެތަނަށް ހަމަލާދިނުމަށް އިސްރާއީލަށް މަގުފަހިކޮށްދިނުން ކަމަށްވެސް ހޮސްޕިޓަލުން ތުހުމަތުކޮށްފައިވެއެވެ.

ހާން ޔޫނިސްގައި ހުންނަ މި ހޮސްޕިޓަލުން ވަނީ، ހަތިޔާރާއި ހަތިޔާރު އެޅި މީހުންނާ ގުޅޭގޮތުން ކޮށްފައިވާ ހުރިހާ ތުހުމަތުތަކެއް ވަގުތުން އަނބުރާ ގެންދިއުމަށް އެމް.އެސް.އެފް އަށް ގޮވާލާފައެވެ. އަދި ކަށަވަރު ކުރެވިފައިވާ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް، ސިއްހީ ހިދުމަތް ދިނުމުގައި ވަކި ފަރާތަކަށް ނުޖެހޭނެކަން އާންމުކޮށް އިއުލާނު ކުރުމަށްވެސް އެދިފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close