ބޭރުދުނިޔެ

ޣައްޒާ އާރާސްތުކުރުމަށް ‘ބޯޑް އޮފް ޕީސް’ އިން 5 ބިލިއަން ޑޮލަރު ހޯދައިދޭނެ: ޓްރަމްޕް

ޣައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތަށް އެހީވުމުގެ ގޮތުން، އަލަށް އުފައްދާފައިވާ ‘ބޯޑް އޮފް ޕީސް’ ގެ މެމްބަރު ގައުމުތަކުން 5 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ދިނުމަށް ވައުދުވާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިކަން ހާމަކުރެއްވީ އާދީއްތަ ދުވަހު އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘ޓްރޫތު ސޯޝަލް’ ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި މި އެހީގެ ކަންކަން ރަސްމީކޮށް އިއުލާންކުރުން އޮންނާނީ، އަންނަ ބުރާސްފަތި ދުވަހު (19 ފެބްރުއަރީ 2026) ވޮޝިންޓަން ޑީސީގައި ހުންނަ ‘ޑޮނަލްޑް ޖޭ ޓްރަމްޕް އިންސްޓިޓިއުޓް އޮފް ޕީސް’ ގައި ބާއްވާ ބައްދަލުވުމެއްގައެވެ.

“މެމްބަރު ގައުމުތަކުން ވަނީ ޣައްޒާގެ އިންސާނީ އެހީތެރިކަމަށާއި އާރާސްތުކުރުމުގެ މަސައްކަތްތަކަށް 5 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ދިނުމަށް ވައުދުވެފައި،” ޓްރަމްޕް ލިޔުއްވާފައިވެއެވެ.

ފައިސާގެ އެހީގެ އިތުރުން، ޣައްޒާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ‘އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް’ އަށާއި ލޯކަލް ޕޮލިސް (ފުލުހުން) ގެ ގޮތުގައި މަސައްކަތްކުރުމަށް އެތައް ހާސް ބަޔަކު ފޮނުވުމަށް މެމްބަރު ގައުމުތަކުން އެއްބަސްވެފައިވާ ކަމަށްވެސް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

ވައިޓް ހައުސްއިން މިދިޔަ މަހު ވަނީ ޓްރަމްޕްގެ 20 ނުކުތާގެ މައްޗަށް އެކުލެވޭ ޕްލޭންގެ ދަށުން، ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާގެ ވެރިކަން ބަދަލުވުމުގެ މަރުހަލާ ބެލެހެއްޓުމަށް ‘ޓެކްނޮކްރެޓިކް’ ނެޝަނަލް ކޮމިޓީއެއް އުފައްދާފައިވާކަން ވެސް އިއުލާންކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close