ބޭރުދުނިޔެ

“ޕެލަސްޓައިން އެކްޝަން” އަކީ ޓެރަރިސްޓް ޖަމާޢަތެއް ނޫންކަމަށް އިނގިރޭސި ވިލާތުގެ ހައިކޯޓުން ނިންމައިފި

“ޕެލަސްޓައިން އެކްޝަން” އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައި، އިނގިރޭސި ސަރުކާރުން އެ ޖަމާއަތް މަނާކުރި ކުރުމަކީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށް އިނގިރޭސިވިލާތުގެ ހައިކޯޓުން ހުކުމްކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ހައިކޯޓުން ކުރި މި ތާރީޚީ ހުކުމުގައި ބުނެފައިވަނީ، ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ “ޕެލަސްޓައިން އެކްޝަން” އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ބަލައި އެ ޖަމާއަތް މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ގާނޫނާ ހިލާފު އަދި އެކަށީގެންނުވާ ވަރުގެ ބޮޑު ފިޔަވަޅެއް ކަމަށެވެ.

މި ހުކުމާ ގުޅިގެން، ސަރުކާރުގެ ނިންމުމާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅި އެ ޖަމާއަތުގެ އެއް ބާނީ ކަމަށްވާ ހުދާ އައްމޫރީ ބުނީ، މިއީ އެ ޖަމާއަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މިއީ އިނގިރޭސިވިލާތުގެ އަސާސީ މިނިވަންކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ. ހުދާ އިތުރަށް ބުނި ގޮތުގައި، ސަރުކާރުގެ އެ ނިންމުމަކީ ބަސްބުނުމުގެ މިނިވަންކަމަށް ދިން ވަރަށް ބޮޑު ހަމަލާއެއްގެ އިތުރުން، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ އަމަލެކެވެ.

ނަމަވެސް، އިނގިރޭސި ސަރުކާރުން ވަނީ ކޯޓުގެ މި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ. އެ ގައުމުގެ ހޯމް ސެކްރެޓަރީ ޝަބާނާ މަހްމޫދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ކޯޓުގެ ނިންމުމާ މެދު ހިތާމަކުރައްވާ ކަމަށާއި، އެއީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުން އެކަށީގެންނުވާ ކަމަށް ކޯޓުން ބުނާ ބުނުމަށް އޭނާ އެއްބަސްވެވަޑައިނުގަންނަވާ ކަމަށެވެ. އަދި މި މައްސަލަ ކޯޓް އޮފް އެޕީލްގައި ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޯޓުން ބުނި ގޮތުގައި، ސަރުކާރުން މައްސަލަ އިސްތިއުނާފު ކުރަން ތައްޔާރުވަމުންދާއިރު، އިތުރު އަޑުއެހުމެއް ބޭއްވެންދެން އެ ޖަމާއަތް މަނާކޮށްފައި އޮތް އޮތުން ދެމިއޮންނާނެއެވެ.

މި ވަގުތު އެ ޖަމާއަތުގެ މެންބަރަކަށް ވުމަކީ ނުވަތަ އެ ޖަމާއަތަށް ތާއީދުކުރުމަކީ ކުށެއްގެ ގޮތުގައި އޮތް ނަމަވެސް، ލަންޑަންގެ މެޓްރޯޕޮލިޓަން ޕޮލިހުން ބުނީ، ގާނޫނީ ހާލަތު ސާފުވަންދެން، ހަމައެކަނި އެ ޖަމާއަތަށް ތާއީދުކުރާ މީހުން ހައްޔަރުކުރުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

އަލްޖަޒީރާގެ ރިޕޯޓަރު ރޯރީ ޗެލެންޑްސް ލަންޑަނުން މައުލޫމާތު ދިން ގޮތުގައި، މި މައްސަލައިގެ އިސްތިއުނާފީ ކަންކަން އަވަހަށް ފެށިގެންދާނެއެވެ. އެގޮތުން އަންނަ ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހު ބާއްވާ އަޑުއެހުމެއްގައި، ސަރުކާރުން މި މައްސަލަ އިސްތިއުނާފު ކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިތޯ ކޯޓުން ގޮތެއް ނިންމާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close