ޚަބަރު

މާފުށީ ނަރުދަމާ ނިޒާމް ފުރިހަމަކުރުމަށް ބިޔަ މަޝްރޫޢުއެއް

ކ. މާފުށީގެ ފެނާއި ނަރުދަމާގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެ ރަށުގެ ހިއްކި ސަރަހައްދުގައި މި ޚިދުމަތްތައް ޤާއިމްކުރުމަށްޓަކައި ސަރުކާރުން ބިޔަ މަޝްރޫޢެއް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާރބަން ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ދެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

އެއް މަޝްރޫޢަކީ މާފުށީގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ޤައުމީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 128.6 މިލިއަން ރުފިޔާގެ އަގަކަށް، 571 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

ހައުސިންގ މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން މާފުށީގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާގެ ހޮޅި އެޅުމުގެ މަސައްކަތާއި، ނަރުދަމާގެ ޕަމްޕިންގ ސްޓޭޝަންތައް ބެހެއްޓުމުގެ އިތުރުން ނަރުދަމާ ޖަންކްޝަންތަކާއި އައުޓްފޯލް އެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

މީގެ އިތުރުން، މާފުށީގައި ދުވާލަކު 1500 ޓަނުގެ ފެން އުފެއްދުމުގެ ޤާބިލުކަން ހުރި 2 އާރުއޯ ޕްލާންޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޖުމްލަ 3500 ޓަނުގެ ފެން ރައްކާކުރެވޭނެ 2 ޓޭންކް ބެހެއްޓުމާއި، ގޭބިސީތަކުގައި ފެންމީޓަރު ހަރުކުރުމުގެ އިތުރުން މަޝްރޫޢާ ގުޅުންހުރި އެހެނިހެން އެންމެހައި މަސައްކަތްތައް ވެސް މި އެއްބަސްވުމުގެ ދަށުން ފުރިހަމަކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫޢުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމަށް ހިފާފައިވާ އަމާޒަށް ވާޞިލުވުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަޝްރޫޢު ނިމުމުން، ހަލުވިކަމާއެކު ތަރައްޤީވަމުން އަންނަ މާފުށީގެ ރައްޔިތުންނަށާއި އެ ރަށުގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close