އެމެރިކާ ސިފައިން ފޭބުމާއެކު، އަލް-ތަންފް އަސްކަރީ މަރުކަޒު ސީރިއާގެ ސިފައިންގެ ބާރުގެ ދަށަށް ގެނެސްފި

އިރާގާއި އުރުދުންގެ ބޯޑަރު ކައިރީގައި އޮންނަ، އިސްތިރާތީޖީ ގޮތުން މުހިންމު އަލް-ތަންފް އަސްކަރީ މަރުކަޒަށް ސީރިއާގެ ސިފައިން ވަދެ، އެތަނުގެ ކޮންޓްރޯލް ނަގާފައިވާ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފިއެވެ. މިއީ އެ ސަރަހައްދުގައި ގިނަ ދުވަސްތަކެއް ވަންދެން ތިބި އެމެރިކާގެ އަސްކަރީ ފައުޖުތައް އެތަނުން ފޭބުމާ ގުޅިގެން ނިންމި ނިންމުމެކެވެ.
ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި އެ މިނިސްޓްރީން ބުނީ، ސީރިއާ އާއި އެމެރިކާއާ ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހު، ސީރިއާގެ އަރަބި ސިފައިންގެ ޔުނިޓުތަކުން މިހާރު ވަނީ އަލް-ތަންފް މަރުކަޒާއި އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ފަށާފައެވެ.
ސީރިއާ، އިރާގު އަދި އުރުދުން ގުޅޭ ބޯޑަރު ސަރަހައްދުތަކުގައި ސިފައިންގެ ހަރަކާތްތައް ފަށާފައިވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ބޯޑަރު ބަލަހައްޓާ ފައުޖުތައް އެ ސަރަހައްދުގައި ގާއިމުކުރާނެ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އަލް-ތަންފް މަރުކަޒަކީ 2014 ވަނަ އަހަރު ސީރިއާގައި ހިނގި ދާހިލީ ހަނގުރާމައިގެ ތެރޭގައި، އައި.އެސް ޖަމާއަތާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯލިޝަނުން ކުރި މަސައްކަތްތަކުގެ މަރުކަޒެއްގެ ގޮތުގައި ގާއިމުކުރި ތަނެކެވެ. 2017 ވަނަ އަހަރު އެ ޖަމާއަތް ބަލިކުރެވުނުއިރު، އެމީހުން ދިޔައީ ސީރިއާ އާއި އިރާގުގެ ބޮޑު ސަރަހައްދެއްގެ މައްޗަށް ބާރު ފޯރުވަމުންނެވެ.
އެމެރިކާ ސިފައިން މި މަރުކަޒުން މި ފޭބީ، ކުރިން ހަޔާތު ތަހުރީރުއްޝާމްގެ ލީޑަރު އަދި އެމެރިކާއިން ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަހުމަދު އަލް-ޝަރާއު، މިދިޔަ ނޮވެމްބަރު މަހު އައި.އެސްއާ ދެކޮޅު ކޯލިޝަނާ ގުޅި، ސީރިއާގެ ރައީސްކަމާ ހަވާލުވިތާ މަދު މަސްތަކެއް ފަހުންނެވެ.
ސިފައިން ބޭލުމާ ގުޅޭގޮތުން އެމެރިކާގެ އަސްކަރިއްޔާއިން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ޑޮނަލްޑް ޓްރަމްޕްގެ ފުރަތަމަ ދައުރުން ފެށިގެން ވެސް އޭނާ ގެންދެވީ ސީރިއާގައި ތިބި އެމެރިކާ ސިފައިން އެ ގައުމުން ބޭލުމަށް ޝައުގުވެރިކަން ފާޅުކުރައްވަމުންނެވެ.
މީގެ އިތުރުން، އެމެރިކާގެ އިސްނެގުމާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން، ކުރުދީންގެ ބާރު އޮންނަ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސް.ޑީ.އެފް) ސީރިއާ ސަރުކާރުގެ މުއައްސަސާތަކުގެ ތެރެއަށް ލުމަށް ވަނީ ނިންމާފައެވެ. އެމެރިކާއިން ސިފަކުރާ ގޮތުގައި މިއީ ސީރިއާގައި ގައުމީ އެއްބައިވަންތަކަން ގާއިމުކުރުމަށާއި، ހަމަޖެހުން ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.




