ސަލްމާނާއި ރަންވީރަށް ބިޝްނޯއީ ގޭންގުން މަރުގެ އިންޒާރުދީފި

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގަށް އިންޒާރު ދިންތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، ސަލްމާން ޚާންގެ ގާތް އެކުވެރިއަކަށް ވެސް ލޯރެންސް ބިޝްނޯއީ ގޭންގުން މަރުގެ އިންޒާރު ދީފި ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ސަލްމާން ޚާންގެ ގާތް އެކުވެރިއެއް ކަމަށްވާ، ފިލްމީ ދާއިރާގައި މަސައްކަތް ކުރާ އެކްޓަރަށް ލިބުނު އީމެއިލް އިންޒާރުގައި އެތައް ކްރޯޑް ރުޕީސްއަކަށް ޑިމާންޑްކޮށްފައިވާ ކަމަށްވެއެވެ. މި މެސެޖު ފޮނުވި ފަރާތުން ވަނީ އޭނާއަކީ ޖަލުގައި އޮތް ގޭންގްސްޓަރ ލޯރެންސް ބިޝްނޯއީގެ ގޭންގާ ގުޅުން އޮތް މީހެއް ކަމަށް ބުނެފައެވެ.
މި މައްސަލައާ ގުޅިގެން މުމްބާއީ ފުލުހުންގެ ކްރައިމް ބްރާންޗުން މިހާރު ވަނީ ތަހުގީގެއް ފަށައި، ސެލެބްރިޓީން ދިރިއުޅޭ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ މީހުންގެ މޯބައިލް ލޮކޭޝަންތައް ބަލަން ފަށާފައެވެ. ނަމަވެސް، މިހާތަނަށް ސަލްމާން ޚާން ނުވަތަ އިންޒާރު ލިބުނު ފަރާތުން ރަސްމީކޮށް ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައެއް ނުވެއެވެ.
މި ހަފްތާގެ އަންގާރަ ދުވަހު ރަންވީރު ސިންގަށް އިންޒާރު ދީފައިވަނީ ވަޓްސްއަޕް ވޮއިސް މެސެޖެއް މެދުވެރިކޮށެވެ. އެ މެސެޖުގައި ވެސް އެތައް ކްރޯޑް ރުޕީސްއެއް ދިނުމަށް އަމުރުކޮށްފައިވާއިރު، ފުލުހުން މިހާރު ވަނީ ރަންވީރުގެ ގޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، މެސެޖު ފޮނުވި މީހާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.
ސަލްމާން ޚާނަށް އަމާޒުކޮށް ބިޝްނޯއީ ގޭންގުން އިންޒާރު ދެމުންދަނީ 1998 ވަނަ އަހަރު އޭނާ ކަޅު ފުއްލާއެއް ޝިކާރުކުރި ކަމަށް ބުނާ މައްސަލައިގައެވެ. ބިޝްނޯއީ މުޖުތަމައުއިން ކަޅު ފުއްލާއަކީ މުގައްދަސް އެއްޗެއް ކަމަށް ގަބޫލުކުރާއިރު، ލޯރެންސް ބިޝްނޯއީ ވަނީ ސަލްމާން ޚާން މައާފަށް ނޭދޭ ނަމަ އޭނާ މަރާލާނެ ކަމުގެ އިންޒާރު މީގެ ކުރިންވެސް ތަކުރާރުކޮށް ދީފައެވެ.
މި ފަހަކަށް އައިސް ބޮލީވުޑްގެ ފަންނާނުންނަށް އަމާޒުކޮށް ދޭ އިންޒާރުތައް ވަނީ އިތުރުވެފައެވެ. އެގޮތުން ފެބުރުވަރީ 1 ވަނަ ދުވަހު މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީގެ ގޭގެ ބޭރަށް ބަޑީގެ ހަމަލާތަކެއް ދީފައިވާއިރު، އެ ހަމަލާގެ ޒިންމާވެސް ބިޝްނޯއީ ގޭންގުން ވަނީ އުފުލާފައެވެ.
މުމްބާއީ ފުލުހުން ބުނާ ގޮތުގައި ފިލްމީ ތަރިންނަށް އަމާޒުކޮށް މި ދޭ އިންޒާރުތަކަކީ އެއް ގޭންގަކުން ރޭވުންތެރިކަމާއެކު ހިންގާ އަމަލުތަކެއް ކަމަށް ބެލެވެއެވެ. މިކަމާ ގުޅިގެން މުޅި މުމްބާއީގެ ސަލާމަތީ ކަންކަން މިހާރު ވަނީ ކުރިއަށްވުރެ ވަރުގަދަކޮށްފައެވެ.

