ބޭރުދުނިޔެ

އަލަށް ކަނޑައެޅި ގަވާއިދުތަކާ އެކު، ހުޅަނގު އައްސޭރި އިސްރާއީލުގެ ބައެއްގެ ގޮތުގައި ހަމަޖައްސައިފާނެ

ހުޅަނގު އައްސޭރީގެ ބިންތައް ރަޖިސްޓްރީ ކުރުމުގެ ގަވާއިދުތަކަށް ބަދަލު ގެނައުމަށް އިސްރާއީލު ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން، ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ. މި ބަދަލުތަކުގެ ސަބަބުން، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ހިފާފައިވާ އެ ސަރަހައްދުތަކުން ބިން ގަތުމުގެ ފުރުސަތު އިސްރާއީލުގެ ޔަހޫދީންނަށް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ. ފަލަސްތީނުގެ ރައްޔިތުން ބިރުގަންނަނީ މިއީ ހުޅަނގު އައްސޭރިއަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައެޅުމަށް އަޅާ ފިޔަވަޅެއް ކަމަށް ވާތީއެވެ.

އިސްރާއީލުގެ ކެބިނެޓުން މި ނިންމުންތައް އިއުލާނު ކުރީ އާދީއްތަ ދުވަހުއެވެ. 1967 ވަނަ އަހަރުން ފެށިގެން ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ޔަހޫދީންނަށް މިލްކުވެރިކަން ހޯދުމުގެ ހުއްދަ ދިނުމުގެ އިތުރުން، ހުޅަނގު އައްސޭރީގެ ބިންތަކުގެ ރެޖިސްޓްރީތައް އާންމުކޮށް ފެންނާނެހެން ހުޅުވާލުމަށް ވެސް އިސްރާއީލު ސަރުކާރުން ވަނީ އަމުރުކޮށްފައެވެ.

މީގެ މާނައަކީ، ހުޅަނގު އައްސޭރިން ބިން ފޭރިގަންނަން ބޭނުންވާ އިސްރާއީލު މީހުންނަށް އެ ބިންތަކުގެ މިލްކުވެރިންނަކީ ކޮބައިކަން ދެނެގަތުން ފަސޭހަވެގެންދާނެއެވެ. މީގެ ސަބަބުން ބިންތަކުގެ ވެރިފަރާތްތަކަށް އެކި ކަހަލަ ގޯނާކޮށް، ބިންތައް ދޫކޮށްލުމަށް މަޖުބޫރު ކުރުވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.

މީގެ އިތުރުން، ހެބްރޮންގައި ގަވާއިދާ ޚިލާފަށް ހަދާފައިވާ ޔަހޫދީ އާބާދީތަކާއި އިބްރާހީމީ މިސްކިތުގެ ސަރަހައްދުގައި އިމާރާތް ކުރުމުގެ ހުއްދަ ދިނުމުގެ ބާރު، ފަލަސްތީނުގެ ހެބްރޮން މުނިސިޕަލްޓީގެ އަތުން އަތުލައި، އިސްރާއީލުގެ ބާރުގެ ދަށަށް ގެނައުމަށް ވެސް ކެބިނެޓުން ވަނީ ނިންމާފައެވެ.

ހެބްރޮންގައި ހުންނަ އިބްރާހީމީ މިސްކިތުގެ ޑައިރެކްޓަރ މުޢުތަޒް އަބޫ ސުނައިނާއަކީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ފޭރިގަތުމަށް ކުރަމުންދާ މަސައްކަތްތައް ގާތުން ދެކެވަޑައިގަންނަވާ ބޭފުޅެކެވެ. އިބްރާހީމީ މިސްކިތަކީ ފަލަސްތީނުގެ ގައުމީ ރަމްޒެއްގެ އިތުރުން، ނަބީބޭކަލުންގެ ތެރެއިން އިބްރާހީމްގެފާނާ ގުޅިފައިވާ އިސްލާމީ މުގައްދަސް ބިނާއެކެވެ.

އަބޫ ސުނައިނާ ވިދާޅުވި ގޮތުގައި، އިސްރާއީލުގެ މި ނިންމުންތަކުން ހާމަވަނީ ހެބްރޮންގެ ދުވަސްވީ ސަރަހައްދާއި އިބްރާހީމީ މިސްކިތުގެ މައްޗަށް އޮތް އިސްރާއީލުގެ ބާރުވެރިކަން އިތުރުކުރުމުގެ ސާފު މަގްސަދެވެ.

“މިއަދު މި ހިނގަމުންދާ ކަންތައްތަކަކީ 1967 ވަނަ އަހަރަށް ފަހު ހިނގާ އެންމެ ނުރައްކާތެރި ކަންތައްތައް،” އަބޫ ސުނައިނާ ވިދާޅުވިއެވެ. “ހެބްރޮންގެ ދުވަސްވީ ސަރަހައްދާއި، ހެބްރޮންގެ ހިތް ކަމުގައިވާ އަދި ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ މަގްބަރާތައް ހުރި އިބްރާހީމީ މިސްކިތާ މެދު އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވަން.” އަބޫ ސުނައިނާ ވިދާޅުވި ކަމަށް އަލްޖަޒީރާއިން ރިޕޯރޓްކޮށްފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close