ސެމްސަންގް ގެލެކްސީ އެސް26 ފެބްރުއަރީ 25 ގައި ނެރެނީ

ސެމްސަންގް އިން އެ ކުންފުނީގެ އެންމެ ފަހުގެ ފޯން ގެލެކްސީ އެސް26 ސީރީޒްގެ ފޯނުތައް ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ސެން ފްރެންސިސްކޯގައި ބާއްވާ ‘އަންޕެކްޑް’ އިވެންޓުގައި ދައްކާލާނެކަން އިޢުލާންކޮށްފިއެވެ. މި ސީރީޒްގައި ގެލެކްސީ އޭއައިގެ އާ ފީޗާރތައް ހިމެނޭނެކަމަށް ސެމްސަންގް އިން ވަނީ ބުނެފައެވެ.
ސެމްސަންގް އިން މިކަން ހާމަކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައެވެ. މި އިވެންޓް އޮންނާނީ ރާއްޖެ ގަޑިން އެދުވަހުގެ ރޭ 11:00 ގައެވެ. މި އިވެންޓް ޔޫޓިއުބް މެދުވެރިކޮށް ލައިވްސްޓްރީމް ވެސް ކުރާނެއެވެ.
ގެލެކްސީ އެސް26 ސީރީޒްގައި ހިމެނޭ އެސް26، އެސް26+، އަދި އެސް26 އަލްޓްރާ ފޯނުތަކުގައި އެންމެ ފަހުގެ ސްނެޕްޑްރެގަން ޗިޕް އަދި ވަޔަލެސް ޗާޖިން، އަދި އެސް26 އަލްޓްރާގައި ‘ޕްރައިވެސީ ޑިސްޕްލޭ’ ފަދަ އާ ފީޗާތަކެއް ހުންނާނެ ކަމަށް ބެލެވެއެވެ. މި ފޯނުތަކުގެ އަގު ކުރީގެ ސީރީޒްތަކާ ގާތްކުރާނެ ކަމަށް ބެލެވޭއިރު، މާރޗް މަހުގެ ތެރޭގައި ބާޒާރަށް ނެރޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.
ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިފޯނުތަކުގެ ބައެއް މަޢުލޫމާތު
ޕްރޮސެސަރާއި ރޭމް
“ވިންފިއުޗަރ” އިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޔޫރަޕްގެ މާކެޓަށް ނެރޭ އެސް26 ސީރީޒްގެ ފޯނުތަކުގައި ބޭނުންކުރާނީ ސެމްސަންގްގެ އަމިއްލަ “އެކްސިނޯސް 2600” ސީޕީޔޫއެވެ. ނަމަވެސް އެމެރިކާގެ މޮޑެލްތަކުގައި ހުންނާނީ “ސްނެޕްޑްރަގަން 8 އެލީޓް ޖެން 5” އެވެ. މިފަހަރުގެ ހުރިހާ މޮޑެލްއެއްގެ ރޭމް ވެސް 12 ޖީބީއަށް ވުރެ ވަނީ މަތިކޮށްފައެވެ. އަދި އެސް26 އަލްޓްރާގެ އަގުބޮޑު މޮޑެލްތަކުގައި 16 ޖީބީގެ ރޭމް ހިމެނޭނެއެވެ.
ޑިސްޕްލޭގެ ބޮޑުމިން
ސްކްރީންގެ ސައިޒަށް ބަލާއިރު، އާދައިގެ ގެލެކްސީ އެސް26 ގައި ހުންނާނީ 6.3 އިންޗީގެ ޑިސްޕްލޭއެކެވެ. އެސް26 ޕްލަސްގައި 6.7 އިންޗީގެ ޑިސްޕްލޭއެއް ހުންނައިރު، އެންމެ ވަރުގަދަ އެސް26 އަލްޓްރާގައި ހުންނާނީ 6.9 އިންޗީގެ ބޮޑު ޑިސްޕްލޭއެކެވެ. ހުރިހާ ފޯނެއްގައިވެސް ބޭނުންކޮށްފައިވަނީ ސެމްސަންގްގެ “AMOLED 2X” ޕެނަލްތަކެވެ.
ބެޓެރީއާއި ޗާޖިންގ
ބެޓެރީގެ ގާބިލުކަމަށް ބަލާއިރު، ބަދަލެއް އައިސްފައިވަނީ ހަމައެކަނި އާދައިގެ އެސް26 އަށެވެ. އެ ފޯނުގެ ބެޓެރީ ވަނީ 4,300 mAh އަށް ބޮޑުކޮށްފައެވެ. ނަމަވެސް އެސް26 ޕްލަސް (4,900 mAh) އަދި އަލްޓްރާ (5,000 mAh) ގެ ބެޓެރީއަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
އެސް26 އަދި އެސް26 ޕްލަސް ވަޔަލެސްކޮށް 15 ވޮޓުން ޗާޖުކުރެވޭއިރު، އަލްޓްރާ މޮޑެލް 25 ވޮޓުން ވަޔަލެސްކޮށް ޗާޖުކުރެވޭނެއެވެ. ކޭބަލް ބޭނުންކޮށްގެން ޗާޖުކުރާނަމަ އެސް26 އަށް 25 ވޮޓް، އެސް26 ޕްލަސްއަށް 45 ވޮޓް އަދި އަލްޓްރާއަށް 60 ވޮޓްގެ ފާސްޓް ޗާޖިންގ ސަޕޯޓް ކުރާނެއެވެ.
ކެމެރާ
އެސް26 އަދި އެސް26 ޕްލަސްގެ ކެމެރާ ސެޓަޕްގައި ހިމެނެނީ 50 މެގަޕިކްސެލްގެ މައި ކެމެރާ، 12 މެގަޕިކްސެލްގެ އަލްޓްރާވައިޑް އަދި 10 މެގަޕިކްސެލްގެ ޓެލެފޯޓޯ ކެމެރާއެކެވެ. އެންމެ ބޮޑު ބަދަލެއް ފެންނަނީ އެސް26 އަލްޓްރާގެ ކެމެރާއިންނެވެ. އޭގެ 200 މެގަޕިކްސެލްގެ މައި ކެމެރާގެ އެޕަޗަރ f/1.4 އަށް ވަނީ ރަނގަޅުކޮށްފައެވެ. މީގެ އިތުރުން 50 މެގަޕިކްސެލްގެ ޓެލެފޯޓޯ އަދި އަލްޓްރާވައިޑް ކެމެރާއެއް މި ފޯނުގައި ހިމެނެއެވެ.
ސޮފްޓްވެއަރ
މި ސީރީޒްގެ ފޯނުތައް ބާޒާރަށް ނެރޭނީ އެންޑްރޮއިޑް 16 އަށް ބިނާކޮށްފައިވާ ސެމްސަންގްގެ އާ ސޮފްޓްވެއަރ “One UI 8.5” އާއެކުގައެވެ.

