ޚަބަރު ބޮޑުތަކުރުފާނު މަގުގެ ބާޒާރުމަތި ސަރަޙައްދު އަންނަ ހަފުތާގައި ހުޅުވަނީ

ބޮޑުތަކުރުފާނު މަގުގެ ބާޒާރުމަތި ސަރަޙައްދު އަންނަ ހަފުތާގައި ހުޅުވަނީ

ބޮޑުތަކުރުފާނު މަގުގެ ބާޒާރުމަތި ސަރަޙައްދު އަންނަ ހަފުތާގައި ހުޅުވަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ ތެރެއިން، ބާޒާރުމަތި ހިމެނޭ ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައި އަންނަ ހަފުތާގައި ހުޅުވަން ތައްޔާރުކޮށްފިއެވެ. 260 މީޓަރުގެ މި ސަރަޙައްދު އަންނަ ހަފުތާގެ ތެރޭގައި އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ހަމަޖެހިފައިވާއިރު، މިއީ ރަމަޟާން މަހުގެ ކުރިން މި ސަރަޙައްދު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި މުހިންމު ވަޢުދެއް ފުއްދުން ކަމަށް ސަރުކާރުން ބުނެއެވެ.

އެމްޓީސީސީން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރު ފެށޭ ހިސާބާ ހަމައަށެވެ. މި ސަރަޙައްދުގައި ތާރު އެޅުމުގެ މަސައްކަތް ނިމުމާއެކު، ދެން ކުރިއަށްދާނީ މަގުގައި ޓްރެފިކް ނިޝާންތައް ކުރެހުމާއި، ބޯޑުތައް ހަރުކުރުމުގެ އިތުރުން ޔުޓިލިޓީ ނެޓްވޯކްގެ ބައެއް މަސައްކަތްތަކެވެ. މި މަސައްކަތްތައް ނިމުމާއެކު އަންނަ ހަފްތާގައި އާންމު ދަތުރުފަތުރަށް މަގު ހުޅުވޭނެއެވެ.

މި މަޝްރޫޢުގެ ދަށުން ބާޒާރުމަތީ ސަރަޙައްދަށް ވަނީ ބޮޑެތި ޒަމާނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ބަނދަރުގެ އެއްގަމު ތޮށި ގާތްގަނޑަކަށް ހަ މީޓަރަށް ބޭރަށް ޖައްސާ، މަގުގެ ފުޅާމިން ވަނީ 14 މީޓަރަށް އިތުރުކޮށްފައެވެ. މިހާރު މި މަގު ތަރައްޤީކޮށްފައިވަނީ 4 ލޭނަށެވެ. މީގެ އިތުރުން، މި ސަރަޙައްދުގެ ބަނދަރުގެ 260 މީޓަރުގެ އެއްގަމު ތޮށިވެސް ވަނީ މުޅިން އަލުން ތަރައްޤީކޮށްފައެވެ.

ބާޒާރުމަތީ ސަރަޙައްދުގެ މަގު ހެދުމުގެ މަސައްކަތް ފެށީ މިދިޔަ ޑިސެންބަރު މަހުގެ މެދުތެރޭގައެވެ. ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ބާޒާރުމަތީ ސަރަޙައްދުގެ މަގު ތާރު އަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ވަޢުދުފުޅެކެވެ. މި މަޝްރޫޢުގެ ސަބަބުން މާލޭގެ ދަތުރުފަތުރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބި، ސިޓީގެ ރީތިކަން އިތުރުވެގެންދާނެ ކަމަށް ރަސްމީ ފަރާތްތަކުން ބުނެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ފުރަތަމަ ސެގްމަންޓްގައި ހިމެނޭ 140 މީޓަރުގެ މަސައްކަތް ނިންމާ، އެ ސަރަޙައްދު ބޭނުންކުރަން ހުޅުވާލާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައެވެ. މި މަޝްރޫޢަކީ މާލޭގެ މައި މަގުތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢެއްގެ ބައެކެވެ.

ޓެގް

އެމްޓީސީސީ މަގުހެދުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.