ޖަރުމަނު ވިލާތުން ރައީސް މުޢިއްޒަށް ތާރީޚީ ރަސްމީ މަރުޙަބާއެއް ދަންނަވައިފި

ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ޚާއްޞަ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އެޤައުމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެމަނިކުފާނަށް ރަސްމީކޮށް މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތު ޖަރުމަނުގެ ރިޔާސީ ގަޑުވަރު “ޝްލޮސް ބެލެވިޔު” ގައި ބާއްވައިފިއެވެ.
މިއީ ޖަރުމަނުވިލާތުގެ ރައީސެއްގެ ދަޢުވަތަކަށް ރާއްޖޭގެ ރައީސަކު އެޤައުމަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި ފުރަތަމަ ފަހަރުގެ އިތުރުން، ރާއްޖޭގެ އިސްވެރިއަކަށް އެޤައުމުން މިފަދަ ރަސްމީ އިއްޒަތެއްގައި މަރުޙަބާ ދެންނެވި ފުރަތަމަ ފަހަރުވެސް މެއެވެ.
ރިޔާސީ ގަނޑުވަރަށް ރައީސް މުޢިއްޒާއި ދިވެހި ވަފުދުގެ ބޭފުޅުން ވަޑައިގަތުމުން، ޖަރުމަނުގެ ރައީސް ޝްޓައިންމަޔަރ ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ރަސްމިއްޔާތުގެ ތެރެއިން ދެ ޤައުމުގެ ރައީސުން ވަނީ އެބޭފުޅުންގެ ޝަރަފުގައި އޮތް ގާޑް އޮފް އޮނަރ އިންސްޕެކްޓް ކޮށްދެއްވާފައެވެ. އަދި ޖަރުމަނުގެ އިސް ބޭފުޅުން ރައީސް މުޢިއްޒަށް ތަޢާރަފުވެވަޑައިގަތުމާއި، ރާއްޖޭގެ ވަފުދުގެ ބޭފުޅުން ޖަރުމަނުގެ ރައީސަށް ތަޢާރަފުކޮށްދެއްވުންވެސް ކުރިއަށް ދިޔައެވެ. މީގެއިތުރުން، ރިޔާސީ ގަނޑުވަރުގެ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސޮއިކުރައްވާ، ދެ ބޭފުޅުން އެކުގައި ހަނދާނީ ފޮޓޯފުޅެއް ނަންގަވާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ޖަރުމަނު ސަރުކާރުގެ މަތީ ފަންތީގެ އޮފިޝަލުންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، އިލްމީ ދާއިރާއިން ބާއްވާ ޚާއްޞަ ހަރަކާތްތަކެއްގައިވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ. އެގޮތުން ބަރލިންގެ ހުމްބޯލްޑްޓް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޖަރމަން ކައުންސިލް ފޮރ ފޮރިން ރިލޭޝަންސްގައިވެސް އެމަނިކުފާނުގެ ތަޤުރީރެއް އޮންނާނެއެވެ.
ރައީސް މުޢިއްޒުގެ މި ތާރީޚީ ދަތުރުފުޅު ކުރިއަށް މިދަނީ ރާއްޖެއާއި ޖަރުމަނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ. ދެ ޤައުމުގެ މެދުގައި ރަސްމީކޮށް ސިޔާސީ ގުޅުން ފަށާފައިވަނީ 5 ޖުލައި 1966 ގައެވެ. މިއީ ދެ ޤައުމުގެ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް ލިބުނު މުހިންމު ފުރުޞަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
