ދީން

މިސްކިތު ފެންޑާގައި ވާހަކަ ދައްކަން ހުންނަނީ، ކުރަން އޮތީ ސުންނަތް ރަކުޢަތްތަކެއް ނޫންވީމަ؟

މިހާރަކަށް އައިސް އަޅުގަނޑުމެންގެ މުޖުތަމަޢުން ފެންނަ، ހިތާމަހުރި އާދައެއްގެ ވާހަކަ ދަންނަވާލަން ބޭނުމެވެ. މިއީ ގިނަ ބައެއްގެ މެދުގައި ވަރަށް ބޮޑަށް ޢާންމުވަމުންދާ ކަމެކެވެ.

އާދެ! ޢަޞްރު ނަމާދުގެ އިތުރުން، މަޣްރިބު ނަމާދާއި ޢިޝާ ނަމާދަށް ބަންގިގޮވުމުގެ މާކުރިން މިސްކިތަށްދާ ބައެއް އަޚުންގެ ފަރާތުން ފެންނަ މަންޒަރެކެވެ. ނަމާދަށް ބަންގިގޮވާ ވަގުތު މިސްކިތުގައި ތިބި ނަމަވެސް، މިސްކިތުގެ މަސައްކަތު މީހުންގެ ތެރެއިން ބައެއް މީހުންގެ ފަރާތުންވެސް މިކަން ފެނެއެވެ.

މިއީ ހަމައެކަނި ރަށްފުށުގައި ހިނގާ ކަމެއް ނޫނެވެ. މާލޭގެ މިސްކިތްތަކުންވެސް މި މަންޒަރު އަންނަނީ ފެންނަމުންނެވެ. ބަންގީގެ އަޑު އިވި، ނަމާދު ވަގުތު ޖެހުމުންވެސް ވުޟޫކޮށްލައިގެން އައިސް މިސްކިތުގެ ފެންޑާގައި ދުނިޔެވީ ވާހަކަދައްކަން ތިބެނީއެވެ. މި ވާހަކަތައް ދިގުލައިގެން ގޮސް، ބައެއް ފަހަރު މީސްމީހުންގެ ޣީބަ ބުނުމާ ހަމައަށްވެސް ކަންތައްތައް ދެއެވެ.

މިކަމާ ގުޅޭގޮތުން ބައެއް މީހުންނާ ސުވާލުކޮށްލުމުން ލިބޭ ޖަވާބަކީ، ޢަޞްރު، މަޣްރިބު ނުވަތަ ޢިޝާ ނަމާދުގެ ކުރިން ކުރާ ސުންނަތްތަކަކީ “ރަވާތިބު” (ގަދަވެގެންވާ) ސުންނަތްތަކަކަށް ނުވާތީ، އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެވެނީ ކަމަށެވެ.

އެހެންކަމަށްވާނަމަ، މިކަމާ ގުޅޭގޮތުން އައިސްފައިވާ ބައެއް ޙަދީޘްތަކަށް ނަޒަރު ހިންގާލަމާ ހިނގާށެވެ. އޭރުން ފެންޑާގައި ވާހަކަދައްކަން ހުރުމަށްވުރެ، އެ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުން މާ މޮޅު އިތުރުކަން އެނގިގެންދާނެއެވެ.

ޢަޞްރު ނަމާދުގެ ކުރިން ހަތަރު ރަކުޢަތް ކުރުމަކީ މުސްތަޙައްބު (އެދެވިގެންވާ) ކަމެކެވެ. ރަވާތިބު ސުންނަތަކަށް ނުވި ނަމަވެސް، މި ހަތަރު ރަކުޢަތް ކުރާނީ ދެ ރަކުޢަތުން ސަލާމް ދެމުންނެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރައްވާފައިވެއެވެ:

((رَحِمَ اللَّهُ امْرَأً صَلَّى قَبْلَ العَصْرِ أَرْبَعًا)) [رواه أحمد والترمذي والجماعة بسند صحيح عن ابن عمر رضي الله عنهما]

މާނައީ: “ޢަޞުރުނަމާދުގެ ކުރިން ހަތަރު ރަކުޢަތްކޮށްފިމީހަކަށް ﷲ ރަޙުމަތްލައްވާށިއެވެ.”

ވިސްނާލަބަލާށެވެ! ﷲގެ ރަޙުމަތަށް އެދުމުގެ ބަދަލުގައި، މިސްކިތުގައި ހުރެމެ ދުނިޔެވީ ބޭކާރު ވާހަކަތަކަށް އިސްކަންދިނުމަކީ ބުއްދިވެރިކަމެއް ހެއްޔެވެ؟

ހަމައެފަދައިން ކޮންމެ ބަންގިއަކާއި ޤަމަތަކާއި ދެމެދު ނަމާދެއްކުރުން ސުންނަތްވެގެންވެއެވެ. އެގޮތުން މަޣްރިބުނަމާދުގެ ބަންގިއާއި ޤަމަތާ ދެމެދުގައްޔާއި ޢިޝާނަމާދުގެ ބަންގިއާއި ޤަމަތުގެ ދެމެދުގައި އެފަދައިން ކުރެވިދާނެއެވެ. އެހެނީ ޙަދީޘްގައިވެއެވެ.

((بَيْنَ كُلِّ أَذَانَيْنِ صَلاَةٌ، بَيْنَ كُلِّ أَذَانَيْنِ صَلاَةٌ))، ثُمَّ قَالَ فِي الثَّالِثَةِ: ((لِمَنْ شَاءَ)) [رواه البخاري ومسلم]

މާނައީ: “ކޮންމެ ބަންގިއަކާއި ޤަމަތަކާ ދެމެދު (ސުންނަތް) ނަމާދެއްވެއެވެ. ކޮންމެ ބަންގިއަކާއި ޤަމަތަކާ ދެމެދު (ސުންނަތް) ނަމާދެއްވެއެވެ.” – ދެން ތިންވަނަ ފަހަރު ޙަދީޘްކުރެއްވިއެވެ. – “އެއީ އެނަމާދު ކުރުމަށް ބޭނުން މީހަކަށެވެ.”

އަދިވެސް ޙަދީޘްކުރެއްވިއެވެ.

((صَلُّوا قَبْلَ صَلاَةِ المَغْرِبِ))، قَالَ: ((فِي الثَّالِثَةِ لِمَنْ شَاءَ)) [رواه البخاري]

މާނައީ: “މަޣްރިބުނަމާދުގެ ކުރިން (ސުންނަތް) ނަމާދު ކުރާށެވެ.” – ދެން އެއަށްފަހު ތިންވަނަ ފަހަރު ޙަދީޘްކުރެއްވިއެވެ. – “އެއީ އެނަމާދު ކުރުމަށް ބޭނުން މީހަކަށެވެ.”

އެގޮތުން ޞަޙާބީ ބޭކަލުން މަޣްރިބު ނަމާދުގެ ފަހުން (ސުންނަތް) ދެރަކުޢަތް ކުރައްވައެވެ. އަދި މަޣްރިބުނަމާދުގެ ބަންގީގެ ފަހުން، ޤަމަތްދިނުމުގެ ކުރިންވެސް ދެ ރަކުޢަތް ކުރައްވައެވެ. މި ސުންނަތް ނަމާދަކީ އެއީ ރަވާތިބު ސުންނަތެއް ނޫނެވެ. ނަމަވެސް ސުންނަތް ނަމާދެކެވެ. (އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ)

އަޅުގަނޑުމެން މި ދައްކަނީ އެ ސުންނަތް ކުރުމަށްޓަކައި ޚާއްޞަވެގެން މިސްކިތަށް ދާންޖެހޭ ވާހަކައެއް ނޫނެވެ. ނަމަވެސް، މިސްކިތުގައި ތިބެ ބަންގީގެ އަޑު އިވުމުން، އެ ވަގުތު ބޭކާރު ވާހަކައިގައި ހޭދަކުރުމުގެ ބަދަލުގައި ސުންނަތް ނަމާދެއް ކޮށްލުން މާ މޮޅު އިތުރު ނުވާނެ ހެއްޔެވެ؟

ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވައި، ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމުގެ ތައުފީޤު މިންވަރު ކުރެއްވުމެވެ. އާމީން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close