ޚަބަރު

އިންތިޚާބުތައް އެއްކޮށްލުމުގެ ބިލު ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވައިފި

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ތާރީޚެއްގައި ބާއްވާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލު، އެއްވެސް ބަދަލަކާ ނުލައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ފަސް މިނެޓުގެ ތެރޭގައި ނިންމާލި މި ބައްދަލުވުމުގައި، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި މި ބިލު އޮތްގޮތަށް ފާސްކުރުމަށް ކޮމިޓީގެ އަޣުލަބިއްޔަތުން ނިންމައި މިހާރު ވަނީ ތަޅުމަށް ފޮނުވާފައެވެ.

މި އިސްލާހު ފާސްވެ އަމަލުކުރަން ފެށުމުން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2029 ވަނަ އަހަރު ބާއްވަން އޮތް މަޖިލިސް އިންތިޚާބު ބާއްވަން ޖެހޭނީ އެއް ތާރީޚެއްގައެވެ. އަދި މި ބަދަލާ އެކު، މިހާރު އޮތް 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 2028 ވަނަ އަހަރުގެ ޑިސެމްބަރަށް ކުރުވެގެންދާނެއެވެ. ބިލުގެ ބަހުސް މަރުހަލާގައި މެންބަރު ފަލާހު ވިދާޅުވެފައިވަނީ، މި ބަދަލަށް އަމަލުކުރަން ފަށާނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ އެކު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހު ކަމަށެވެ.

މި ބިލު ދިރާސާކުރުމުގެ މަރުހަލާގައި ކޮމިޓީން ވަނީ ސިޔާސީ ޕާޓީތަކާއި، އިލެކްޝަންސް ކޮމިޝަން އަދި ބަންޑާރަނައިބު އަޙްމަދު އުޝާމްއާ މަޝްވަރާކޮށްފައެވެ. މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ރިޔާސަތު ބަލަހައްޓަވާ މަޖިލީހުގެ މާދަމާގެ ޖަލްސާގައި މި ބިލު ފާސްކުރުމަށް ވޯޓަށް އަހާނެ ކަމަށް ބެލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close