ޚަބަރު

އަދުލު އިންސާފު ގާއިމުކުރެވޭނީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ފަނޑިޔާރުގެއަކުން: އުއްތަމަ ފަނޑިޔާރު

އަދުލު އިންސާފު ގާއިމުކުރެވޭނީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ފަނޑިޔާރުގެއަކުން ކަމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވެއްޖެއެވެ.

ގަޟާއީ އާ އަހަރު ފެށުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި، އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ، އަދުލު އިންސާފު ގާއިމުކުރެވޭނީ އެންމެހާ ނުފޫޒުން އެއްކިބާވެފައިވާ ފަނޑިޔާރުގެއެއް ގާއިމުކޮށްގެން ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަކީ ޖުޑިޝަރީ ދާއިރާއަށް އެމަނިކުފާނު ދެއްވާ އިސްކަން ހާމަވާ ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ

އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވީ، ދައުލަތުގެ އެންމެ މުހިންމު އެއް ތަނބަކީ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަކީ ދައުލަތުގެ ހުރިހާ ބަހާތަކެއްގައި އަދުލުވެރިކަން ގާއިމުކޮށް އަނިޔާވެރިކަން ނައްތާލުމުގެ މައްޗަށް ބިނާވެފައިވާ ބާރަކަށް ވާންޖެހޭ ކަމަށެވެ. މިފަދަ ބާރަކަށް ދިވެހި ފަނޑިޔާރުގެ ވެގެންދާނީ، އެ ފަނޑިޔާރުގެޔަކީ އެންމެހާ ނުފޫޒުން އެއްކިބާވެ މަސައްކަތްކުރެވޭނެ މިނިވަން މާހައުލެއް ގާއިމުވެފައިވާ ތަނަކަށް ވެގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގާނޫނު އަސާސީން ފަނޑިޔާރުގެ މިނިވަންކޮށްދިނުމުގެ ބޭނުމާއި މަގްސަދު ގުޅިފައިވަނީ ދައުލަތުގެ ދީން ހިމާޔަތްކުރުމާއި، ގާނޫނީ ވެރިކަން ހިމާޔަތްކުރުމާއެވެ. މީގެ އިތުރުން ދައުލަތާއި ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އިޖުތިމާއީ އަދުލުވެރިކަމާއި ހަމަޖެހުން ގާއިމުކުރުމަކީވެސް ފަނޑިޔާރުގެ މިނިވަންކުރުމުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. ރާއްޖޭގެ ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކޮށް، އެތަންތަނުގެ ހައިބަތާއި ގަދަރު ހިމާޔަތްކޮށްދިނުމަކީ ގާނޫނު އަސާސީން އެންމެންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޝަރުޢީ ދާއިރާއަށް ދޭންޖެހޭ ސަމާލުކަމާއި އިސްކަން ފުރިހަމައަށް ނުދެވި ދިގު މާޒީއެއް ފާއިތުވެފައިވާކަން ފާހަގަކުރައްވަމުން ޣަނީ ވިދާޅުވީ، އޭގެ ސަބަބުން ކުރިމަތިވަމުން އައި ހުރަސްތައް މިހާރު ހިރާސްތަކަކަށް ބަދަލުވެފައިވާ ކަމަށެވެ. މި ދާއިރާގައި ހުރި ހުރަސްތަކާއި ހިރާސްތައް ރައީސް ޑރ. މުއިއްޒުގެ ސަމާލުކަމަށް ގެނައުމަކީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށާއި، އެ ޒިންމާ ފުރިހަމައަށް އަދާކުރައްވައި، ކަންތައްތައް ހައްލުކޮށްދެއްވީތީ ރައީސަށް ޝުކުރު ދެންނެވިއެވެ.

މިއަހަރުގެ ބަޖެޓުގައި ދައުލަތުގެ އާމްދަނީގެ ވަކި އިންސައްތައެއް ޝަރުޢީ ދާއިރާގެ ބަޖެޓެއްގެ ގޮތުގައި ހަމަޖައްސައިދެއްވާފައިވާކަން ފާހަގަކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ރައީސް ޑރ. މުއިއްޒު އެކަން ކުރެއްވީ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަކީ އެހެން ބާރަކަށް ބަރޯސާނުވެ، އަމިއްލަ ފައިމައްޗަށް ތެދުވެ މިނިވަންކަމާއެކު މަސައްކަތްކުރާ ފުދުންތެރި ބާރަކަށް ހަދައިދެއްވުމުގެ މަގްސަދުގައި ކަމަށެވެ. މިއީ މި ދާއިރާގެ ދިގު މާޒީއަށް ބަލާއިރު ހާސިލްކުރެވުނު ވަރަށް ބޮޑު އިންޖާޒެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ މުސާރަ މުރާޖާ ނުކުރާތާ ދިގު މާޒީއެއް ވެފައިވާ ކަމަށާއި، ނޮވެމްބަރު މަހު މި ސަރުކާރުން އެ ދާއިރާގެ މުވައްޒަފުންގެ މުސާރަ މުރާޖާކޮށް ގިނަ ކަންކަން ހައްލުކޮށްދެއްވާފައިވާ ކަމަށެވެ. އަދި ބައެއް މެޖިސްޓްރޭޓް ކޯޓުތަކުގެ އިތުރުން މާލޭގެ ކޯޓުތަކުގެ މާހައުލަކީ މަސައްކަތަށް އެންމެ އެކަށީގެންވާ ފަދަ ތަންތަން ނޫންކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close