މަޔޯކާ ބަލިކޮށް ބާސެލޯނާ އިން ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފި

ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މަޔޯކާ އަތުން 3-0 އިން މޮޅުވެ، ބާސެލޯނާ އިން ތާވަލުގެ އެއްވަނައިގައި ފަރަގު ބޮޑުކޮށްފިއެވެ.
މި ނަތީޖާއާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 23 މެޗުން 58 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 22 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު މިރޭ ވެލެންސިއާއާ ދެކޮޅަށް ނުކުންނާނެއެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާއަށް ލީޑު ނަގައިދިނީ 29 ވަނަ މިނިޓްގައި ޑެނީ އޮލްމޯގެ އެހީތެރިކަމާއެކު ރޮބަޓް ލެވަންޑޯސްކީއެވެ. ދެވަނަ ހާފުގެ 61 ވަނަ މިނިޓްގައި ޒުވާން ތަރި ލަމީން ޔަމާލް އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ލީޑު ފުޅާކޮށްދިންއިރު، މެޗުގެ ފަހުކޮޅު ފާމިން ލޮޕޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ތިންވަނަ ލަނޑު ޖަހައިދިނީ މާކް ބެނިއާލްއެވެ.
މުޅި މެޗުގައި ބާސެލޯނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މަޔޯކާ އިން ލަނޑެއް ޖެހުމަށް ކުރި މަސައްކަތްތައް ހުއްޓުވުމުގައި ބާސެލޯނާގެ ކީޕަރު ޖޮއާން ގާސިއާ ވަނީ މުހިއްމު ސޭވްތަކެއްކޮށްފައެވެ.

