ދީން

ހުޅަނގުގެ ސަގާފަތުން ތިޔަބޭފުޅުންގެ ދަރިން ތަރުބިއްޔަތު ކުރުމަށް ދޫކޮށްނުލައްވާ

ދަރިންބަލާ ބޮޑުކުރާއިރު ޚާއްސަކޮށް ހުޅަނގުގެ ގައުމުތަކުގައި ދަރިން ބޮޑުކުރާއިރު، ތިޔަބޭފުޅުންނަށް ކުރިމަތިލާން ޖެހިފައިވަނީ ހަމައެކަނި ސްކޫލުގެ މުގައްރަރާ އެކަންޏެއް ނޫނެވެ. މުޅި މުޖުތަމައުގެ ނުފޫޒާ ދެކޮޅަށެވެ.

ސްކޫލުގެ މާހައުލާއި، ރައްޓެހިންނާއި، ސޯޝަލް މީޑިއާއާއި، ފިލްމުތަކުގެ އިތުރުން އިންޓަނެޓުގެ އެކި އޮއިވަރުތަކުގެ ނުފޫޒު ކޮންމެ ދުވަހަކުވެސް ދަރިންނަށް ފޯރައެވެ. މިއީ އެކުދިންގެ ވިސްނުމާއި، ގުޅުންތަކާއި، އަމިއްލަ ވަންތަކަމާއި، އަދި ރަނގަޅާއި ނުބައި ވަކިކުރުމުގެ މިންގަނޑުތައް ބައްޓަންކުރާ ކަންކަމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެމެރިކާގައި އުޅޭ ފުރާވަރުގެ ކުދިން ދުވާލަކު 7 ގަޑިއިރަށްވުރެ ގިނަ ވަގުތު ސްކްރީންތަކުގެ ކުރިމަތީގައި ހޭދަކުރެއެވެ. މިއީ މައިންބަފައިންނަށް އެކުދިންނާ ވާހަކަދެއްކުމުގެ ފުރުސަތު ލިބުމުގެ މާ ކުރިން، އެކި އަގުތަކާއި ސަގާފަތްތައް އެކުދިންގެ ސިކުނޑިތަކަށް ބަރުދާސްތުވާ ވަގުތެކެވެ. މިކަން މިހެން ހިނގަނީ އެކުއްޖަކީ ސަރުކާރު ސްކޫލަކަށް ނުވަތަ އަމިއްލަ ސްކޫލަކަށް، ނުވަތަ އިސްލާމީ ސްކޫލަކަށް ދިޔަ ކަމުގައިވީ ނަމަވެސްމެއެވެ.

މީގެ ސަބަބުން ވަރަށް ގިނަ މުސްލިމް މައިންބަފައިންނަށް ހިތާމަވެރި ހަގީގަތަކާ ކުރިމަތިލާން ޖެހެއެވެ. އެއީ، ދަރިންނަށް ގުރުއާން ކިޔަވަން އެނގުނު ކަމުގައިވިޔަސް، އިސްލާމްދީނާއި އާންމު ދިރިއުޅުމާ ގުޅުވުމަށް އެކުދިން ނުކުޅެދޭ ކަމެވެ. އުސޫލުތަކަށްވުރެ ރައްޓެހިންގެ މެދުގައި އޮންނަ މަގުބޫލުކަން އެކުދިންނަށް މާ މުހިންމުވެއެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބިނާވަނީ ސޯޝަލް މީޑިއާގެ މައްޗަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ދީނަކީ ދިރިއުޅުމުގެ ކަންކަމުގައި ގޮތް ނިންމައިދޭ މަގަކަށް ވުމުގެ ބަދަލުގައި، ހަމައެކަނި ދޭތެރެއަކުން ކުރާ ކަމަކަށް ބަދަލުވެއެވެ. މިއީ މައިންބަފައިންގެ ނުކުޅެދުންތެރިކަމެއް ނޫނެވެ. އެހެނަސް، ވަށައިގެންވާ މާހައުލުގެ ނުފޫޒު ގަދަވެފައި، މެދުކެނޑުމެއްނެތި އެ ނުފޫޒުތައް ފޯރަމުންދާތީ ދިމާވާ ކަމެކެވެ.

މިކަމުގައި މައިންބަފައިންނަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯއެވެ؟

1. ކުޑަކުދިންގެ އަމިއްލަ ވަންތަކަން ހަރުދަނާކުރުންކުއްޖާގެ އުމުރުގެ ކުރީކޮޅަކީ އެކުދިންގެ އަގުތަކާއި ސަގާފަތް ބިނާވާ ދުވަސްވަރެވެ. މި ބިންގާ ބަލިކަށިވެއްޖެނަމަ، ފަހުން ދޭ ނަސޭހަތަކުން އެކަން މުޅިން ރަނގަޅެއް ނުކުރެވޭނެއެވެ. ހުޅަނގުގެ ގައުމުތަކުގައި އުޅޭ ބައެއް މުސްލިމް އާއިލާތަކުން މިހާރު އިޚްތިޔާރު ކުރަނީ ކުއްޖާގެ ކުރީގެ އުމުރުގައި ގޭގައި ބައިތިއްބައިގެން ކިޔަވައިދިނުމަށެވެ. މީގެ މާނައަކީ ދަރިން މުޖުތަމައުން އެކަހެރިކުރުމެއް ނޫނެވެ. އެހެނަސް، މުޖުތަމައުގެ ވަރުގަދަ ނުފޫޒުތަކާ ކުރިމަތިލުމުގެ ކުރިން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި ދީނީ ވަންތަކަން ބިނާކުރުމަށް ފުރުސަތު ދިނުމެވެ. އަމިއްލަ ދީނާއި ގަބޫލުކުރުންތަކުގެ އަސްލު އެނގިގެން ބޮޑުވާ ކުދިންނަކީ ފުރާވަރުގެ އުމުރުގައި ކުރިމަތިވާ ގޮންޖެހުންތަކަށް މާ ބޮޑަށް ހޭނިފައިވާ ކުދިންނެވެ.

2. ގުރުއާން އުނގަންނައިދޭއިރު އޭގެ މާނައާއި މަފްހޫމަށް އިސްކަންދިނުންހަމައެކަނި ކިޔަވަން ދަސްކޮށްދިނުމަކުން ނުފުދެއެވެ. މާނަ ނޭނގި ހިތުދަސްކުރުމުން އިސްލާމްދީނަކީ ހަމައެކަނި އާދަކާދައިގެ ގޮތުން ކުރާ އަޅުކަންތަކެއްގެ ގޮތުގައި އެކުދިންނަށް ސިފަވެއެވެ. ނަމަވެސް ގުރުއާނުގެ މާނަ ދަސްކޮށްދިނުމުން، އެއީ އިންސާނާގެ އުޅުމާއި، އިހުސާސްތަކާއި، އަދި ނިންމާ ނިންމުންތަކާ ގުޅިފައިވާ ދިރިހުރި ފޮތެއްކަން އެކުދިންނަށް އިހުސާސް ކުރެވޭނެއެވެ. މިއީ އެކުދިންގެ އަގީދާ ވަރުގަދަކޮށްދީ، ދީނާ މެދު ކުރިމަތިވާ ސުވާލުތަކަށް ސާބިތުކަމާއެކު ޖަވާބުދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ.

3. ފުރާވަރުގެ ކުދިން ބޮޑުކުރުމަށް މައިންބަފައިން ހޭލުންތެރިވުންމިއަދުގެ ފުރާވަރުގެ ކުދިންނަށް ކުރިމަތިވާ ގޮންޖެހުންތަކަކީ ކުރީގެ ޖީލުތަކަށްވުރެ މާ ތަފާތު ކަންކަމެވެ. އަމިއްލަ ވަންތަކަމާއި، ގުޅުންތަކާއި، އަދި އަޚްލާގީ މިންގަނޑުތަކާ ގުޅޭ ސުވާލުތައް އެކުދިންނަށް މާ އަވަހަށް ކުރިމަތިވެއެވެ. ވަރަށް ގިނަ މައިންބަފައިންނަށް މިފަދަ ވާހަކަތައް ދަރިންނާ ދައްކާނެ ގޮތެއް ނޭނގެއެވެ. އެހެންކަމުން، ދަރިން ދުރުކޮށްނުލައި އެކުދިންނާ މުާމަލާތްކުރާނެ ގޮތާއި، ސޯޝަލް މީޑިއާއަށް ހުދޫދުތަކެއް ކަނޑައަޅާނެ ގޮތް މައިންބަފައިން ދަސްކުރަންޖެހެއެވެ. ދަރިންނަށް މައިންބަފައިންގެ ފަރާތުން އަޅާލުމާއި ވިސްނުންތެރިކަން ލިބޭނަމަ، ދީނުގައި ސާބިތުވެ ތިބުމަށް އެކުދިންނަށް ފަސޭހަވާނެއެވެ.

4. ސްކްރީން ވަގުތުތަކަކީ ފައިދާހުރި ވަގުތުތަކަކަށް ހެދުންޓެކްނޮލޮޖީއަކީ މިއަދު ދިރިއުޅުމުގެ ބައެކެވެ. ބޭނުމަކީ އެކަން މުޅިން ހުއްޓުވުމެއް ނޫނެވެ. އެހެނަސް، އެ ވަގުތުތަކަކީ ބޭކާރު ގޮތުގައި ހޭދަކުރާ ވަގުތުތަކަކަށް ހެދުމުގެ ބަދަލުގައި، އިސްލާމީ އުސޫލުތައް ދަސްކޮށްދޭ، ޝައުގުވެރި ވަސީލަތްތަކެއް ބޭނުންކުރުމެވެ. ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ފިލާވަޅުތަކާއި ވަސީލަތްތަކުގެ އެހީގައި، ދީނީ ކަންކަމަކީ ބުރައެއްގެ ގޮތުގައި ނުދެކި، ދިރިއުޅުމުގެ އުފާވެރި ބައެއްގެ ގޮތުގައި ދަރިންނަށް ދަސްކޮށްދެވިދާނެއެވެ.

(ރިފަރެންސް: އިސްލާމިކްފައިންޑަރ، އުޘްމާން އަފްޒަލް)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close