އެމެރިކާގެ ފިޔަވަޅުތަކަށްފަހު މެކްސިކޯއިން އިންޑިއާގެ މުދަލުން ނަގާ ޓެކްސް ބޮޑުކޮށްފި

އެމެރިކާއިން އިންޑިއާގެ މުދަލުން ނަގާ ޓެކްސް ބޮޑުކުރުމާ ގުޅިގެން އިންޑިއާގެ ވިޔަފާރިވެރިންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ވަނިކޮށް، މެކްސިކޯއިން ވެސް އިންޑިއާގެ މުދަލުން ނަގާ ޓެކްސް ބޮޑުކުރުމަށް ނިންމުމުން އިންޑިއާގެ އެކްސްޕޯޓް ސިނާޢަތަށް އިތުރު ހީނަރުކަމެއް ކުރިމަތިވެއްޖެއެވެ.
މި ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރި އެއް ވިޔަފާރިވެރިއަކީ އިންޑިއާގެ މުމްބާއީގައި ދަގަނޑު އުފައްދާ ކާރުޚާނާއެއް ހިންގަމުން އަންނަ، އުމުރުން 65 އަހަރުގެ ޕަންކަޖް ޗަދާއެވެ. މި ދާއިރާގައި 40 އަހަރުގެ ތަޖުރިބާ ހުރި ޕަންކަޖް ‘އަލްޖަޒީރާ’ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އޭނާގެ ކުންފުނިން އުފައްދާ ތަކެތި މައިގަނޑު ގޮތެއްގައި އެކްސްޕޯޓް ކުރަނީ އެމެރިކާއަށާއި މެކްސިކޯގެ ތަފާތު ސިނާޢަތްތަކަށް ކަމަށެވެ.
ނަމަވެސް، ފަހަކަށް އައިސް މި ދެ ޤައުމުން އިމްޕޯޓް ޑިއުޓީ ނުވަތަ ޓެރިފް ބޮޑުކުރުމާ ގުޅިގެން ޕަންކަޖްގެ ވިޔަފާރި ވަނީ ދެބައިކުޅަ އެއްބަޔަށް ދަށްވެފައެވެ. ކުރިން އޭނާގެ ކުންފުނިން އެމެރިކާއަށް ގާތްގަނޑަކަށް 5 މިލިއަން ޑޮލަރުގެ މުދާ އަދި މެކްސިކޯއަށް 8 މިލިއަން ޑޮލަރުގެ މުދާ ވިއްކި ނަމަވެސް، މިހާރު އެ ޢަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
“އައު ޓެރިފްތަކަށް ޢަމަލުކުރަން ފެށި ފަހުން މެކްސިކޯއާއި އެމެރިކާގައި މަގޭ ވިޔަފާރީގެ 50 އިންސައްތަ ވަނީ ގެއްލިފައި. އެމެރިކާއިން ޓެކްސް ބޮޑުކުރުމުން ދެން މެކްސިކޯގެ ބާޒާރަށް އުންމީދު ކުރި ނަމަވެސް، މިހާރު އެތަނުގެ މުސްތަޤުބަލުވެސް ފެންނަނީ ވަރަށް ބަނަކޮށް،” ޕަންކަޖް ކަންބޮޑުވުމާއެކު ފާހަގަކުރިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ އޮގަސްޓް މަހު އިންޑިއާގެ މުދަލުން 25 އިންސައްތައިގެ ޓެރިފެއް ނަގަން ނިންމެވިއިރު، އިންޑިއާއިން ރަޝިއާގެ ތެޔޮ ގަންނަމުންދާތީ އަދަބެއްގެ ގޮތުން ވަނީ އިތުރު 25 އިންސައްތަ ޓެކްސް ބޮޑުކޮށްފައެވެ. ޓްރަމްޕް ވިދާޅުވާ ގޮތުގައި އިންޑިއާއިން ރަޝިއާއަށް ދޭ ފައިސާ ބޭނުންކުރަނީ ޔޫކްރެއިން ހަނގުރާމައަށް ޚަރަދު ކުރުމަށެވެ.
އެމެރިކާގެ މި ފިޔަވަޅުތަކާއެކު އިންޑިއާގެ ޖަވާހިރު ފަރުމާކުރުމާއި، އިހި އާލާކުރުމާއި، ކާޕެޓް އުފެއްދުމުގެ ދާއިރާއަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގިނަ ވަޒީފާތަކެއް ވަނީ ގެއްލިފައެވެ. މި ދަނޑިވަޅުގައި މެކްސިކޯއިން ވެސް ވަނީ މިއަހަރުގެ ޖެނުއަރީ 1 އިން ފެށިގެން، މިނިވަން ވިޔަފާރީގެ އެއްބަސްވުން ނެތް ޤައުމުތަކުން އެތެރެކުރާ 1,400 އަށްވުރެ ގިނަ ބާވަތުން 5 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ މަތީ ޓެކްސްއެއް ނަގަން ފަށާފައެވެ. މީގެ ތެރޭގައި އިންޑިއާގެ އިތުރުން ބްރެޒިލް، ޗައިނާ، ދެކުނު ކޮރެއާ، ރަޝިއާ، އިންޑޮނޭޝިއާ އަދި ތައިލެންޑް ހިމެނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މެކްސިކޯއަކީ އެމެރިކާ، ކެނެޑާ، ޖަޕާން އަދި ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކާއެކު 50 އަށްވުރެ ގިނަ މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް (FTAs) އޮންނަ ޤައުމެކެވެ. ނަމަވެސް އިންޑިއާއާއެކު އެފަދަ އެއްބަސްވުމެއް ނެތުމުން، މި އައު ޓެކްސްގެ ސަބަބުން އިންޑިއާގެ ވިޔަފާރިވެރިންނަށް ވަނީ “ދެގުނަ” ހީނަރުކަމަކާ ކުރިމަތިލާން ޖެހިފައެވެ.


