ބައެއް މީހުން ޣައްޒާއަށް އެނބުރި އަންނައިރު، ބަލިމީހުން ފަރުވާއަށް ރަފަހް ބޯޑަރާ ދިމާލަށް

ރަފަހް ބޯޑަރު ދަތުރުފަތުރަށް ބައެއް ގޮތްގޮތުން އަލުން ހުޅުވާލުމާއެކު، އިތުރު 25 ފަލަސްތީނު މީހުން ގައްޒާއަށް އެނބުރި އަތުވެއްޖެއެވެ. އެމީހުން ވަނީ އިސްރާއީލުގެ ސިފައިންގެ ފަރާތުން ކުރިމަތިވި ހަރުކަށި އަދި އިހާނެތި ފާސްކުރުންތަކުގެ ސަބަބުން ދަތުރުމަތީގައި އިންތިހާއަށް ތަކުލީފު އުފުލަންޖެހުނު ކަމަށް ބުނެފައެވެ. ހަމައެއާއެކު، ޣައްޒާއިން ބޭރުން އަވަސް ފަރުވާ ބޭނުންވާ ބަލިމީހުން ބޯޑަރު ހުރަސްކޮށް ފޮނުވުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.
ޣައްޒާގައި “ހަމަލާ ބަދަލުކުރުން ހުއްޓާލާފައި” އޮތް ކަމަށް ބުނި ނަމަވެސް، އިސްރާއީލުގެ ހަމަލާތައް ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ. މިގޮތުން ބުރާސްފަތި ދުވަހު އިސްރާއީލު ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ މީހަކު ޝަހީދުވެ، އިތުރު މީހަކު ވަނީ ޒަޚަމްވެފައެވެ.
އަލްޖަޒީރާއިން ހާމަކޮށްފައިވާ ގޮތުގައި، ޚާން ޔޫނިސްގެ އިރުމަތީގައިވާ ބަނީ ސުހައިލާ ސަރަހައްދުގައި އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްތީނުގެ ފިރިހެނަކު ވަނީ ޝަހީދުކޮށްލާފައެވެ. އަދި ޚާން ޔޫނިސްގެ މެދުތެރޭގައި ހުންނަ އަބޫ ހާމިދު ސަރަހައްދުގައި ޖަހާފައިވާ ފޭލިގެއެއްގެ ތެރޭގައި އިން 28 އަހަރުގެ އަންހެނަކަށް އިސްރާއީލުގެ ބަޑީގެ ހަމަލާއެއް އަރައި އޭނާ ވަނީ ޒަޚަމްވެފައެވެ.
ރަފަހް ބޯޑަރު ހުޅުވުމަށްފަހު އެނބުރި އައި ތިންވަނަ ގްރޫޕުގައި ހިމެނޭ 25 މީހުން ޣައްޒާއަށް ވަދެފައިވަނީ އެ ސަރަހައްދުގެ ގަޑިން ރޭގަނޑު 3 ޖެހި އެހައިކަންހާއިރުއެވެ. މިޞްރުގެ އަލް އަރީޝުން ފުރިތާ 20 ގަޑިއިރަށްވުރެ ގިނަ އިރު ފަހުން، މި މީހުން ބަސްތަކުގައި ގެންގޮސްފައިވަނީ ޚާން ޔޫނިސްގެ ނާޞިރު ހޮސްޕިޓަލަށެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން، ބޭރު ގައުމުތަކުން ފަރުވާ ހޯދުމަށްޓަކައި ފަލަސްތީނުގެ 7 ބަލިމީހަކާއި އެމީހުންގެ އާއިލާގެ 14 މީހަކު ވަނީ ހޮސްޕިޓަލުން ބޯޑަރާ ދިމާލަށް ގެންގޮސްފައެވެ.
އަލްޖަޒީރާއިން ހާމަކޮށްފައިވާ ގޮތުގައި އެނބުރި އައި ބައެއް މީހުން ބުނި ގޮތުގައި، އިސްރާއީލުގެ ސެކިއުރިޓީ ޗެކްޕޮއިންޓްތަކުން ފާއިތުވެގެން އައިއިރު އެމީހުންނާ ސުވާލުކޮށް، ވަރަށް ބޮޑަށް އިހާނެތިކޮށް ހިތައި ފުރައްސާރަކޮށްފައިވެއެވެ. އެމީހުންގެ މޫނުމަތިން ވަނީ ކުރިމަތިލާންޖެހުނު އުނދަގޫ ދަތުރުގެ ވަރުބަލިކަން ފެންނާށެވެ.
ލިބިފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ގިނަ ދުވަސްތަކަކަށްފަހު އާއިލާތަކާ ބައްދަލުވުމުން ވަރަށް އަސަރުގަދަ މަންޒަރުތަކެއް ވަނީ ފެނިގެންގޮސްފައިކަމަށްވެސް އެ ނޫހުގައި ރިޕޯރޓުކޮށްފައިވެއެވެ. އަދި އެނބުރި އައި މީހުންނަށް ވަނީ ހަނގުރާމައިގެ ސަބަބުން ގައުމަށް ލިބިފައިވާ ބޮޑެތި ސުންޕާ ގެއްލުންތައް ފުރަތަމަ ފަހަރަށް ލޮލުން ފެނި، ހިތާމަވެރި އިހުސާސްތަކެއް ކުރެވިފައެވެ.




