އަންނަ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު އެއް ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާންކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، އާންމު އުސޫލެއްގެ ދަށުން ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10 އިން 11 އަށް ސީދާ އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވައި މަޢުލޫމާތު ދެއްވާނެ ކަމަށެވެ.
ރައީސްގެ އިތުރުން، ކޮންމެ ހަފްތާއަކު ކެބިނެޓުގެ ވަޒީރަކު ވެސް އެއް ގަޑިއިރަށް ނޫސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް މިހާރު ވަނީ ހަމަޖައްސަވާފައެވެ. ސަރުކާރުން މަޢުލޫމާތު ހާމަކުރުމުގައި ގެންގުޅޭ ދެފުށް ފެންނަ ސިޔާސަތުގެ ދަށުން، މިދިޔަ އަހަރުގެ ތެރޭގައި ވަޒީރުންނާއި އިސްވެރިން ގިނަ އަދަދަކަށް މީޑިއާތަކަށް މަޢުލޫމާތު ދެއްވާފައިވާކަމާއި، ހުށަހެޅުނު އާރުޓީއައި ތަކުގެ %93 އަށް ޖަވާބު ދީފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މީޑިއާތަކާ އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ފެއްޓެވި މި އިސްނެންގެވުމަކީ، ދަތުރެއް ނުވަތަ ބަންދު ދުވަހެއް ފަދަ ޒަރޫރީ ކަމެއް މެދުވެރި ނުވާހާ ހިނދަކު މެދުކެނޑުމެއްނެތި ކުރިއަށްގެންދަވާނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ތެރެއިން މަޢުލޫމާތު ހޯދުމުގައި މީޑިއާތަކަށާއި ފަރުދުންނަށް ވެސް މިހާރު އެއްވެސް ހުރަހެއް ނޯންނާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...