ބޭރުދުނިޔެ

ޣައްޒާ އާރާސްތުކުރުމުގެ މަޝްރޫއުގައި ފަލަސްތީނު ހިމަނަން ޖެހޭ: ޖަރުމަނު

ޣައްޒާ އަލުން އާރާސްތުކުރުމަށް އެމެރިކާއިން ގެންގުޅޭ ރޭވުންތަކުގައި ފަލަސްތީނުގެ ރައްޔިތުންގެ ބައިވެރިވުން އޮންނަންވާނެ ކަމަށާއި، ޣައްޒާގެ އެއްވެސް ބައެއް އިސްރާއީލުގެ ދަށަށް ގެންދިއުމަކީ (އެނެކްސް ކުރުމަކީ) ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ޖަރުމަނުން ބުނެފިއެވެ.

ޖަރުމަނުގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ތަރުޖަމާނު ޖޯސެފް ހިންޓަސެހަރް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދާވޯސްގައި ބޭއްވުނު އިގްތިސާދީ ފޯރަމްގައި އެމެރިކާއިން ހުށަހެޅި ޕްލޭންތަކަށް އެގައުމުން ސަމާލުކަންދޭ ކަމަށެވެ. “ޣައްޒާގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރަން ޖެހޭނެ. އަދި ހުރިހާ މަޝްރޫއެއްގައި އެމީހުންގެ ބައިވެރިވުން އޮންނަން ޖެހޭނެ،” އޭނާ ވިދާޅުވިއެވެ.

މި ޕްލޭނަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނާ ދާވޯސްގައި ހުށަހެޅުއްވި ޕްލޭނެކެވެ. “ބޯޑް އޮފް ޕީސް” އިފްތިތާހު ކުރުމަށް ބޭއްވި ބައްދަލުވުމުގައި ކުޝްނާ ދެއްކެވި ޕްރެޒެންޓޭޝަނުގައި، ޣައްޒާގައި އުސް އިމާރާތްތަކާއި، ފަތުރުވެރިން ބަލާލަން ބޭނުންވާ ފަދަ ރީތި ގޮނޑުދޮށްތަކާއި، ސިނާއީ އަދި ދަނޑުވެރިކަމަށް ހާއްސަ ސަރަހައްދުތަކެއް ހިމެނޭ ގޮތަށް ޣައްޒާ އާރާސްތުކުރާނެ ގޮތް ވަނީ ދައްކާލާފައެވެ.

ޖަރުމަނުގެ އިގްތިސާދީ އެއްބާރުލުމާއި ތަރައްގީއާ ބެހޭ މިނިސްޓްރީގެ ތަރުޖަމާނު ލީޒާ ރޮޔާއީ ވިދާޅުވީ، ގާޒާ އާރާސްތުކުރުމުގައި ޖަރުމަނުން ހުރަސްނުކުރާނެ “ރަތް ރޮނގުތަކެއް” އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ޣައްޒާގެ ބިންތައް އިސްރާއީލުގެ ދަށަށް ގެންދިއުން ނުހިމެނޭ ކަމަށާއި، ހުރިހާ މަސައްކަތެއްގެ މަރުކަޒަކީ ޣައްޒާގެ ރައްޔިތުން ކަމަށް ވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޣައްޒާ އާރާސްތުކުރުމުގެ މަސައްކަތްތައް ބެލެހެއްޓުމަށް އުފެއްދި “ބޯޑް އޮފް ޕީސް” ގެ ރިޔާސަތު ބަލަހައްޓަވަނީ ޓްރަމްޕެވެ. މި ބޯޑު އުފެއްދީ ޣައްޒާގައި ދެ އަހަރު ވަންދެން ހިނގި ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ ދެވަނަ މަރުހަލާ ފެށުމާ ދިމާކޮށެވެ.

މި ބޯޑުގެ މައިގަނޑު މަގްސަދަކީ ހަނގުރާމަ ހުއްޓާލުމުގެ ކަންކަން ބެލެހެއްޓުމާއި ޣައްޒާ އާރާސްތުކުރުން ކަމަށް ވިޔަސް، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ސުލްހަ ގާއިމްކުރުމަށް މަސައްކަތް ކުރުންވެސް މި ބޯޑުގެ މެންޑޭޓުގައި ހިމެނެއެވެ.

އިސްރާއީލުން ޣައްޒާއަށް ދިން މި ހަމަލާތަކުގައި މިހާތަނަށް 71،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close