ޚަބަރު

ދަރުމަވަންތަ ހޮސްޕިޓަލުގެ ފަރޓިލިޓީ ސެންޓަރުގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމުގެ ރަސްމިއްޔާތު ރައީސްގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި

ދަރުމަވަންތަ ހޮސްޕިޓަލުގެ ނެޝަނަލް ފަރޓިލިޓީ ސެންޓަރުން ހޯދާފައިވާ ތާރީޚީ ކާމިޔާބީތައް ފާހަގަކުރުމަށް މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ 24 ވަނަ ފަންގިފިލާގައި ބޭއްވި މި ރަސްމިއްޔާތުން ރައީސްގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވީ ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޠިމް އިބްރާހީމާއި ދާއިރާގެ އިސްވެރިންނެވެ.

މި ރަސްމިއްޔާތުގައި ނެޝަނަލް ފަރޓިލިޓީ ސެންޓަރުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ޚާއްޞަ ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅާފައެވެ. އެ ސެންޓަރުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ، އެ ތަނުގައި ފުރަތަމަ ފަހަރަށް ކުރިއަށްގެންދިޔަ އައި.ވީ.އެފް ފަރުވާ ކާމިޔާބުވެ، މިދިޔަ މަހުގެ 7 ވަނަ ދުވަހު ފުރަތަމަ ކުއްޖާ އުފަންވުމެވެ.

ދަރިމައިވުމުގެ މައްސަލަތަކަށް ދެވޭ އައި.ވީ.އެފް އަދި އައި.ޔޫ.އައި ގެ ޚިދުމަތް އާސަންދައިގެ ދަށުން ހިލޭ ފޯރުކޮށްދިނުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ވަޢުދާ އެއްގޮތަށް، އާސަންދަ އަދި އެންސްޕާ މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މި ފަރުވާތައް ހިލޭ ލިބޭނެ އިންތިޒާމު ސަރުކާރުން މިހާރު ވަނީ ހަމަޖައްސައިދީފައެވެ. ނެޝަނަލް ފަރޓިލިޓީ ސެންޓަރަކީ 2024 ނޮވެންބަރު މަހު ޚިދުމަތް ދޭން ފެށި މުހިންމު މަރުކަޒެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close