ބޭރުދުނިޔެ އީރާނަށް ހަމަލާދީފިނަމަ މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރިދާނެކަމުގެ އިންޒާރު ދީފި

އީރާނަށް ހަމަލާދީފިނަމަ މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރިދާނެކަމުގެ އިންޒާރު ދީފި

އީރާނަށް ހަމަލާދީފިނަމަ މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރިދާނެކަމުގެ އިންޒާރު ދީފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ތެހެރާން، އީރާން – އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމައްޗަށް އަސްކަރީ ބާރުތައް ޖަމާކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި، އީރާނަށް އެއްވެސް ކަހަލަ ހަމަލާއެއް ދީފިނަމަ، އޭގެ ނަތީޖާއެއްގެ ގޮތުން މުޅި ސަރަހައްދީ ފެންވަރުގެ ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ އިންޒާރު އީރާނުގެ ރޫހީ މުރާޝިދު އަޔަތުﷲ އަލީ ޚާމަނާއީ އެމެރިކާއަށް ދެއްވައިފިއެވެ.

ވޭތުވެދިޔަ 37 އަހަރު ދުވަހު އީރާނުގެ އެންމެ މަތީ ބާރުވެރިޔާގެ ގޮތުގައި ހުންނެވި، އުމުރުފުޅުން 86 އަހަރުގެ ޚާމަނާއީ، އާދީއްތަ ދުވަހު ތެހެރާންގައި ބޭއްވި ހަފުލާއެއްގައި ވިދާޅުވީ، “މިފަހަރު އެމީހުން ހަނގުރާމައެއް ފަށައިފިނަމަ، އެ ހަނގުރާމަ މުޅި ސަރަހައްދަށް ފެތުރިގެންދާނެކަން އެމީހުން ދަންނަންޖެހޭނެ” ކަމަށެވެ.

ޚާމަނާއީ މިހެން ވިދާޅުވީ 1979 ވަނަ އަހަރު އަޔަތުﷲ ރުހުﷲ ޚުމައިނީ ފަރަންސޭސިވިލާތުގެ އަރުވާލުމުން އެނބުރި ވަޑައިގަތުމުގެ އަހަރީ ދުވަސް ފާހަގަކުރުމަށް އެއްވި ގިނަ އަދަދެއްގެ ސަޕޯޓަރުންނާ މުޚާތަބު ކުރައްވަމުންނެވެ. ޚުމައިނީ އެނބުރި ވަޑައިގަތުމަކީ އީރާނުގެ އިންގިލާބަށް މަގުފަހިވެ، އެމެރިކާގެ އެހީތެރިކަމާއެކު ވެރިކަން ކުރެއްވި މުޙައްމަދު ރިޒާ ޝާހް ޕަހްލަވީ ގައުމު ދޫކޮށް ފިލައިވަޑައިގަންނަން ޖެހުނު ސަބަބެވެ.

ޚާމަނާއީ ވިދާޅުވީ، އެމެރިކާއިން ބޭނުންވަނީ އީރާނާއި އެގައުމުގެ މުއްސަނދި ތެލާއި ގަދީމީ ގޭހުގެ ވަސީލަތްތަކުގެ މައްޗަށް އަތްގަދަކުރަން ކަމަށެވެ. އަދި ދާދިފަހުން އެގައުމުގައި ކުރިއަށްދިޔަ ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި ގިނަ އަދަދެއްގެ ސަރުކާރު އޮފީސްތަކާއި، ބޭންކުތަކާއި މިސްކިތްތަކަށް ހަމަލާދީފައިވާތީ، އެއީ “ބަޣާވާތެއް” ފަދަ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މީގެ ކުރިން 2009 ވަނަ އަހަރުގެ “ގްރީން މޫވްމަންޓް” އާއި އެހެނިހެން މުޒާހަރާތަކަށް ނިސްބަތްކޮށް ބޭނުންކުރެއްވި “ފިތުނަ” މި ލަފުޒު ބޭނުންކުރައްވައި، މިފަހަރުގެ ހަމަނުޖެހުންތަކަކީ ވެސް ފިތުނައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

“ދާދިފަހުން ހިނގައިދިޔަ ފިތުނައަކީ ބަޣާވާތެއް ފަދަ ކަމެއް. ނަމަވެސް އެ ބަޣާވާތް ވަނީ ނާކާމިޔާބުކޮށްލާފައި،” ޚާމަނާއީ ވިދާޅުވިއެވެ. “އެމީހުންގެ އަމާޒަކީ ގައުމު ހިންގުމުގައި ބޭނުންކުރާ މުހިންމު މަރުކަޒުތައް ސުންނާފަތިކޮށްލުން. އެ ސަބަބަށްޓަކައި އެމީހުން ވަނީ ފުލުހުންނަށާއި، ސަރުކާރުގެ މަރުކަޒުތަކަށާއި، އީރާނުގެ ރިވޮލިއުޝަނަރީ ގާޑް (އައި.އާރު.ޖީ.ސީ) ގެ ތަންތަނަށާއި، ބޭންކުތަކުގެ އިތުރުން މިސްކިތްތަކަށް ހަމަލާދީ، ކީރިތި ގުރުއާނުގެ މުސްހަފުތަކުގައި ރޯކޮށްފައި.”

ޓެގް

އީރާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.